މާ ބޮޑު އަގެއް ހުރި އެއްޗެކޭ ބައެއް މީހުން ހިތަށް ނާރަފާނެ އެވެ. އެކަމަކު ޝާދިޔާ އިބްރާހީމް އަށް، އެންމެ ބަނބުކެޔޮ ގަހަކީ ވެސް އާއިލާއަކަށް ފަންސާހަކަށް އަހަރު ވަންދެން ފައިދާހުރި ކާނާ ފޯރުކޮށްދޭނެ ވަސީލަތެކެވެ. އަދި ކުރިމަތިވެދާނެ ދަތި ހާލަތެއްގައި ކާނެ އެއްޗެއް ލިބޭނެކަން ޔަގީންކުރަން އިންދައި ހެއްދިދާނެ މުހިއްމު ބާވަތަކެވެ.
05 ޖުލައި 2018
މާ ބޮޑު އަގެއް ހުރި އެއްޗެކޭ ބައެއް މީހުން ހިތަށް ނާރަފާނެ އެވެ. އެކަމަކު ޝާދިޔާ އިބްރާހީމް އަށް، އެންމެ ބަނބުކެޔޮ ގަހަކީ ވެސް އާއިލާއަކަށް ފަންސާހަކަށް އަހަރު ވަންދެން ފައިދާހުރި ކާނާ ފޯރުކޮށްދޭނެ ވަސީލަތެކެވެ. އަދި ކުރިމަތިވެދާނެ ދަތި ހާލަތެއްގައި ކާނެ އެއްޗެއް ލިބޭނެކަން ޔަގީންކުރަން އިންދައި ހެއްދިދާނެ މުހިއްމު ބާވަތަކެވެ.
ޓްވިޓާގައި ޝާދިޔާ އެކަން ފާހަގަކުރުމުން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ބަނބުކޭލާ މެދު މި ގޮތަށް ވިސްނިފައި ނެތީމާ ކަމަށް ވެދާނެ އެވެ. އެކަމަކު ބަނބުކެޔޮ ފަދަ ބާވަތްތައް ހައްދައިގެން ކާނާގެ ޔަގީންކަން ހޯދުމަކީ ރާއްޖެ އަށް ވަރަށް މުހިއްމު، އާއްމުންނާއި ސަރުކާރުން ސީރިއަސްކޮށް ނަގަން ޖެހިފައިވާ ކަމެކެވެ.
"ރާއްޖޭގައި ކާބޯތަކެތި އުފެއްދުމަށާއި ނިއުޓްރިޝަން އަށް ދޭ ކޮމިޓްމެންޓާއި ކުރާ ޚަރަދު ވަރަށް ކުޑަ. މިހާރު އެހާ ފަސޭހަ އިން އެއްޗެހި ލިބޭތީ ހިތަކަށް ނާރާ ކަމެއް ހިނގާފާނެއެކޭ. އަޅުގަނޑުމެން މިހާ ވަލްނެރަބްލްކަން ހަމަ އެއްގޮތަކަށް ވެސް ސިކުނޑި އަށް ނަގައެއް ނުގަނެވޭ."
ކާނާ ޔަގީންކުރުމުގެ ވާހަކަ ކުރިން ދެކެވެމުން އައީ ހަމައެކަނި ހައިހޫނުކަން ފިލުވުމުގެ މާނައިގައި ކަމަށް ވިޔަސް މިހާރު އެކަން ބެލެވެނީ އެ އަށް ވުރެ މާ ފުޅާކޮށެވެ. ކާބޯތަކެތި ލިބުމުގެ އިތުރުން އެއީ ހަށިގަނޑަށް ފައިދާހުރި އަދި ރައްކާތެރި އެއްޗެއްސަށް ވުން ވެސް މުހިއްމެވެ. ނިއުޓްރިޝަންގެ ޔަގީންކަން ލިބެން ޖެހެ އެވެ. އޭގެ މާނައަކީ ބަރުދަން އިތުރުކޮށް ބަލިތަކަށް މަގުފަހިކުރާ ކާނާގެ ބަދަލުގައި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ މާއްދާތައް ލިއްބައިދޭނެ ކާނާ ލިބެން ހުރުމާއި އެފަދަ ކާނާ ބޭނުންކުރުމެވެ.
ކަނޑުމަސް ފިޔަވައި ގާތްގަނޑަކަށް ހުރިހާ އެއްޗެއް ބޭރުން އެތެރެކުރާ ރާއްޖެއަކީ ކާބޯތަކެތި ނުލިބުމުގެ ނުރައްކަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ އެއް ގައުމެވެ. ކަނޑު ދަތުރުފަތުރަށް ބަރޯސާވާ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ، މޫސުމީ ބަދަލާއި ޕްލާސްޓިކް ފަދަ ކުނިބުނީގެ ނޭދެވޭ އަސަރު ފޯރަމުންދާ މަސްވެރިކަމުން ލިބޭ މަހަށް ބަރޯސާވާ އާބާދީއެއް އޮތް ގައުމެކެވެ. މި ނާޒުކުކަމާ އެކުއެކީގައި ރާއްޖެ އަށް ކުރިމަތިވެފައި އޮތް އާ ގޮންޖެހުމަކީ ހަށިގަނޑަށް ގެއްލުންހުރި ކާބޯތަކެތި ތައާރަފްވެ އެފަދަ އެއްޗެހި ބޭނުންކުރުން އާއްމުވުމެވެ.
"އަގުބޮޑު ބްރޭންޑްތައް ހުރުމަކީ މޮޅު ކަމެއް ކަމަށް އާއްމުންނަށް ވިސްނައިދީފައި މި އޮންނަނީ. އެކަމަކު ހަގީގަތުގައި މިއީ ސިއްހަތަށް ގެއްލުން ހުރި ކާބޯތަކެތި."
ކެއިންބުއިމުގައި ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ ހަނޑޫ، ހަކުރު އަދި ފުށަކީ 100 ޕަސެންޓް ރާއްޖެއިން ބޭރުން އެތެރެކުރާ އެއްޗެއްސެވެ. އަދި އެގްރިކަލްޗަ މިނިސްޓްރީން ބުނާގޮތުގައި މަސް ފިޔަވައި ރާއްޖޭގައި ބޭނުންކުރާ އެހެނިހެން ކާބޯތަކެތީގެ ވެސް 97 ޕަސެންޓަކީ އިމްޕޯޓްކުރާ ބާވަތްތަކެވެ.
"އޭގެ މާނައަކީ ރާއްޖޭގައި ހައްދަނީ އަޅުގަނޑުމެން ބޭނުންކުރާ ކާބޯތަކެތީގެ އެންމެ ތިން ޕަސެންޓޭ،" އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ޑރ. އާމިނަތު ޝާފިޔާ ވިދާޅުވި އެވެ.
"ރާއްޖޭގައި ކާބޯތަކެތި އުފެއްދުމަށާއި ނިއުޓްރިޝަން އަށް ދޭ ކޮމިޓްމެންޓާއި ކުރާ ޚަރަދު ވަރަށް ކުޑަ. މިހާރު އެހާ ފަސޭހަ އިން އެއްޗެހި ލިބޭތީ ހިތަކަށް ނާރާ ކަމެއް ހިނގާފާނެއެކޭ. އަޅުގަނޑުމެން މިހާ ވަލްނެރަބްލްކަން ހަމަ އެއްގޮތަކަށް ވެސް ސިކުނޑި އަށް ނަގައެއް ނުގަނެވޭ."
ޝާފިޔާ ދެކެވަޑައިގަންނަވާ ގޮތުގައި ހުރިހާ ގޮތަކުން ވެސް އެންމެ ބޮޑަށް ކަންބޮޑުވާން ޖެހެނީ ފައިދާހުރި ކާނާ ލިބުމަށް ހުރި ހުރަސްތަކާ މެދުގަ އެވެ. ކަނޑުދަތުރު ނުކުރެވޭ ހާލަތްތަކުގައި ރަށްރަށަށް ހަނޑޫ، ހަކުރު، ފުށް ލިބުނަސް ފައިދާހުރި ބާވަތްތައް ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އޭނާ ވިދާޅުވީ ކާބޯތަކެތި ރައްކާކޮށްފައި ބެހެއްޓޭ މިންވަރަށް ބަލާ އިރު، ކާޑު ގުދަންތައް ކޮންމެވެސް ވަރަކަށް ހުއްޓަސް، އެހެން ބާވަތްތައް ގިނަ ދުވަހަށް ބަހައްޓަން އެކަށޭނަ ތަންތަން ނެތް ކަމަށެވެ.
"ސްޓޯރޭޖު ކެޕޭސިޓީ އަށް ބަލާ އިރު ރާއްޖެ ހިމެނެނީ ހައި ރިސްކު ގައުމުތަކުގެ ތެރޭގައި،" ޝާފިޔާ ފާހަގަކުރެއްވި އެވެ.
ދިވެހިންގެ ނިއުޓްރިޝަން ހާލަތު އޮތް ގޮތާ މެދު ކަންބޮޑުވުން ފާޅުކުރަމުން، ދިރާސާތަކުގެ އަލީގައި، ހެލްތު މިނިސްޓްރީން ބޮޑެތި މައްސަލަތަކެއް ފާހަގަކުރެ އެވެ. އޭގެތެރޭގައި، ބޭނުންވާ މިންވަރަށް ފައިދާހުރި ކާނާ ނުލިބުމުގެ ސަބަބުން ކުޑަކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރު ފޯރުމާއި ބޮޑެތި މީހުންގެ ބަރުދަން މާ ބޮޑަށް މައްޗަށް ދިޔުމާއި ފަލަ ބަލި ޖެހުން އަދި ހުރިހާ އުމުރެއްގެ މީހުންގެ ވެސް، ހަށިގަނޑުގައި މައިކްރޮނިއުޓްރިއެންޓްސް ހުންނަން ޖެހޭ މިންވަރަށް ވުރެ މަދުވުން ހިމެނެ އެވެ.
"ނިއުޓްރިޝަންގެ ހާލަތު ރަނގަޅުކުރުމުގައި ދިވެހިރާއްޖެ އިން ފާހަގަކުރެވޭ ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، ބަލައިނުގަނެވޭހާ މަތީ ދަރަޖައަކަށް ރާއްޖޭގައި މެލްނިއުޓްރިޝަން އެބަ އޮތް،" ނިއުޓްރިޝަނާ ބެހޭ ގައުމީ ސްޓްރެޓީޖިކް ޕްލޭން 2013-2017ގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ކާބޯތަކެތި ނުލިބުމަށް ވުރެ ބޮޑު ގޮންޖެހުމަކީ ކާން ޖެހޭ ބާވަތްތަކަށް ވުރެ ބޮޑަށް، ނުރަނގަޅު ކާނާ އާއްމުވުމެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް އައިސްފައިވާ ބަދަލާއި ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ތަންތަނުގެ ހާލަތު ހުރި ގޮތުންނާ ވެސް އެކު، ގޭގައި ކާއެއްޗެހި ހަދައިގެން ކެއުމުގެ ބަދަލުގައި ކެފޭ/ ރެސްޓޯރެންޓްތަކުން ކެއުން އާދަވުމަކީ ފައިދާހުރި ކާނާ ލިބުމަށް އެޅިފައިވާ އެންމެ ބޮޑު އެއް ހުރަސް ކަމަށް ސިއްހީ މާހިރުން ދެކެވަޑައިގަންނަވަ އެވެ. އެކަމަކު ވެސް، އަވަސް ކާނާގެ ބޮޑެތި ބްރޭންޑްތައް ރާއްޖެ އަށް ތައާރަފްވަމުން ދިޔުމަކީ ތަރައްގީ އާއި ކުރިއެރުން ކަމަށް ވަނީ ގަބޫލުކުރެވިފަ އެވެ. ސަރުކާރުގެ ސިޔާސަތުތައް ހުރީ ސިއްހަތަށް ގެއްލުންހުރި ކާބޯތަކެތި މަދުކޮށް އާއްމުން އެ އެއްޗެއްސާ ދުރުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި އެފަދަ ކާނާގެ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދީ ކުރިއެރުވުމުގެ މިސްރާބަށެވެ.
"އަގުބޮޑު ބްރޭންޑްތައް ހުރުމަކީ މޮޅު ކަމެއް ކަމަށް އާއްމުންނަށް ވިސްނައިދީފައި މި އޮންނަނީ. އެކަމަކު ހަގީގަތުގައި މިއީ ސިއްހަތަށް ގެއްލުން ހުރި ކާބޯތަކެތި،" ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގައި ކުރިން މަސައްކަތްކުރައްވާފައިވާ އެޕިޑެމިއޮލޮޖިސްޓް ޑރ. އައިޝަތު އަރޫނާ ވިދާޅުވި އެވެ.
"މި އެއްޗެހި ވިއްކާ ބައިނަލްއަގުވާމީ ކުންފުނިތަކުން ވިސްނާނީ އަޅުގަނޑުމެންގެ އަތުން ހޯދުނު ވަރަކަށް ފައިސާ ހޯދަން. އެ މީހުން ދިވެހިންގެ ސިއްހަތާ މެދަކު ނުވިސްނާނެ."
އޭނާ ގަބޫލުކުރައްވާ ގޮތުގައި ވިއްކަން ހުންނަ ކާބޯތަކެއްޗާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދީ އެ އެއްޗެހީގައި އެކުލެވިގެންވާ ގެއްލުންހުރި މާއްދާތަކާއި ވިހަތަކަކީ ކޮބައިކަން އެނގޭނެ ގޮތް ހަދަން ޖެހެ އެވެ. އަދި އެއީ ފައިދާހުރި ކާނާގެ ޔަގީންކަން ހޯދުމުގެ މުހިއްމު ބައެއް ކަމަށް އަރޫނާ ގަބޫލުކުރައްވަ އެވެ.
ފައިދާހުރި ކާނާ ލިބުމަށާއި ބޭނުންކުރުމަށް ބާރުއަޅާ ސިޔާސަތުތަކާއި ގެއްލުންހުރި ކާބޯތަކެތި ލިބި، ބޭނުންކުރާ މިންވަރު މަދުކުރުމުގެ ސިޔާސަތުތައް ރާވައި ތަންފީޒުކުރުމަކީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެގްރިކަލްޗާ، ހެލްތު، ޓްރާންސްޕޯޓް އަދި އިކޮނޮމިކް މިނިސްޓްރީން އެ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ.
"އެއްވެސް މީހަކު ބާކީ ނުކޮށް، ފަގީރުން ވެސް ހިމެނޭ ގޮތަށް، އެންމެންނަށް ވެސް ސިއްހަތަށް ރަނގަޅު ކެއިންބުއިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ސަރުކާރާއި ވިޔަފާރިވެރިންނާއި އާއްމު ފަރުދުންގެ ވެސް ޒިންމާއެއް،" ޑރ. އަރޫނާ ފާހަގަކުރެއްވި އެވެ.
އެކަމަކު ފައިދާހުރި ކާނާ އުފައްދައި، ވިއްކައި، ބޭނުންކުރަން ހިތްވަރު ދޭ ސިޔާސަތުތަކެއް އެއްގޮތަކަށް ވެސް ނެތް ފަދަ އެވެ. ނުވަތަ އެފަދަ ކަންކަން ހުރީ ހަމައެކަނި ކަރުދާހުގަ އެވެ.
"އިންޓެގްރޭޓެޑް ނެޝަނަލް ނިއުޓްރިޝަލް ސްޓްރެޓީޖިކް ޕްލޭން"ގެ ނަމުގައި ހެލްތު މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަރުދާހެއްގައި 2013-2017 އަށް ހާސިލްކުރަން ކަނޑައަޅާފައި އޮތް ފުރަތަމަ އަމާޒަކީ ގޭބިސީތަކުގެ ފެންވަރުގައި ކާނާގެ ޔަގީންކަން ކަށަވަރުކުރުމެވެ. އެގޮތުން، ރާއްޖޭގެ އާބާދީ އަށް ބޭނުންވާ ނިއުޓްރިޝަން އާއި ކާބޯތަކެއްޗާ ބެހޭ ސިއްހީ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގައުމީ 'ފުޑް ބާސްކެޓް'އެއް ހަދައި އޭގައި ހިމެނޭ ހުރިހާ ބާވަތެއް، މީހުން ދިރިއުޅޭ ރަށްރަށުގެ 80 ޕަސެންޓަށް، އަހަރުގެ ހުރިހާ ދުވަހަކު ލިބޭނެކަން ކަށަވަރުކުރަން ނިންމި އެވެ.
އެކަމަކު އެ ނިންމުމާއި އެ ކަރުދާހުގައި ހުރި މުހިއްމު އެހެނިހެން ކަންކަމަށް އަމަލީ ސިފައެއް އައިތޯ އެއީ ސުވާލެކެވެ. ސްޓްރެޓީޖިކް ޕްލޭންގައި ސޮއިކުރެއްވި އޭރުގެ ސްޓޭޓް މިނިސްޓަރު ހުސެން ރަޝީދުގެ ބަހުން ނަމަ، "މި ކަހަލަ ޕްލޭންތައް ހަދަނީ ފައިސާގެ އެހީ ދޭ ބައިނަލްއަގުވާމީ ޖަމާއަތްތައް ހިތްހަމަޖައްސައިދޭ"ށެވެ.
"މޮނިޓަކޮށް ތަންފީޒުކުރުމަކީ އެއްވެސް މީހަކު ފަރުވާބަހައްޓާ ކަމެއް ނޫން. (ޕްލޭންތައް ހަދަނީ) ހަމައެކަނި ހަރުގަނޑުގައި ބާއްވާލާން،" ނިއުޓްރިޝަން ޕްލޭންގެ މުއްދަތު ހަމަވި އިރު އަމާޒުތައް ހާސިލްކުރެވުނީ ކިހާ ވަރަކަށްތޯ ސުވާލުކުރުމުން ހުސެން ޖަވާބުދެއްވި އެވެ.
އެގްރިކަލްޗާ މިނިސްޓްރީގެ ޑރ. ޝާފިޔާ ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު ހުރަހަކީ ފައިސާ ނުލިބުމެވެ.
"ކަރުދާސްތައް ވަރަށް ގިނައިން އެބަ ހެދޭ، އެކަމަކު އެ އެއްޗެހި ތަންފީޒުކުރާކަށް އެއްވެސް ފޯކަސްއެއް ނުހުރޭ. ބޭރުގެ ކޮންމެވެސް އޭޖެންސީއަކުން އައިސް މިހާރު މީތި ނެތެއް ނޫން ހެއްޔޭ ބުނީމަ އެ އެއްޗެއް ހަދަނީ،" އޭނާ ވިދާޅުވި އެވެ.
"ބޭރުގެ ފަރާތަކުން ފަށައިގަންނަން ފައިސާކޮޅެއް ދީފާނެ. އެކަމަކު ސަރުކާރުތަކުން ކޮމިޓްމެންޓް ދޭން ޖެހޭ އެ ކަންކަން ދެމެހެއްޓެނިވި ގޮތަކަށް ގެންދަން. ދައުލަތުގެ ބަޖެޓުން ރަނގަޅު މިންވަރެއް މި ދާއިރާތަކަށް ދޭން ޖެހޭނެ ސިޔާސީ ކޮމިޓްމެންޓް އޮތިއްޔާ. އަދިވެސް ނުފެނޭ އެ ކޮމިޓްމެންޓެއް."
ސަރުކާރާ މެދު ހިތްހަމަނުޖެހިގެން މިދިޔަ ފެބްރުއަރީމަހު އިސްތިއުފާދެއްވައި އިދިކޮޅު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައިވާ ހުސެން ވިދާޅުވާ ގޮތުގައި ސަރުކާރަށް ގަބޫލުކުރެވިފައި އޮންނަނީ ކާޑުގެ ބާވަތްތައް ލިބެން ހުރުމަކީ ކާނާ ޔަގީންވުން ކަމަށެވެ. އެކަމަކު ކާނާ އާއި ނިއުޓްރިޝަންގެ ޔަގީންކަމަކީ އެ އަށް ވުރެ ފުޅާ އަދި ރާއްޖެ އަށް ބަލާ އިރު ކާބޯތަކެތި ލިބުމާއި ރައްކާތެރި ގޮތުގައި ގެންގުޅުމުގައި އެތައް މައްސަލަތަކަކާއި ކަންބޮޑުވުންތައް ހުރި ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. ހުސެން ވިދާޅުވި ގޮތުގައި ކާބޯތަކެތީގެ ޔަގީންކަން ހިމެނޭ ގޮތަށް ކާނާއާ ބެހޭ ސިޔާސަތު ކަނޑައެޅުމުގެ ބިލެއް އެކުލަވާލައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ. އޭނާ ގަބޫލުކުރައްވަނީ އެ ބިލުން ގިނަ ކަންތައްތަކަކަށް ހައްލު ގެނެވޭނެ ކަމަށެވެ.
http://health.gov.mv/Uploads/Downloads//Informations/Informations(45).pdf
އިންޓެގްރޭޓެޑް ނެޝަނަލް ނިއުޓްރިޝަލް ސްޓްރެޓީޖިކް ޕްލޭން 2013-2017
One breadfruit tree can feed a family of 4 for 50 yrs. It has more calcium, cobalt, iron, potassium, & magnesium, comparable phosphorous, & slightly lower manganese & zinc than refined wheat, rice & corn flours. It is a source for food security in Maldives. #PlantABreadfruitTree pic.twitter.com/LElwJMEZvp
— Shadiya Ibrahim ? (@ShadiyaIbrahim) June 26, 2018
ޝާދިޔާގެ ޓްވީޓް
ހަށިގަނޑަށް ބޭނުންވާ ކާބޯހައިޑްރޭޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ބަނބުކޭލަކީ އަމިއްލަ އަށް ހައްދަން އެގްރިކަލްޗަ މިނިސްޓްރީން ލަފާދޭ ބާވަތެކެވެ. "ކެއިންބުއިމުގެ ތެރޭގައި ގިނަ އަދަދަކަށް ބޭނުންކުރުމުގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ފޯރާ ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކޮލެސްޓްރޯލް، ސަރުބީ އަދި ހަކުރުގެ މާއްދާތައް... ހިމެނޭ މިންވަރު ނިސްބަތުން ވަރަށް ކުޑަ" އަދި ހުދު ހަނޑުލާއި އަލުއްވަށް ވުރެ ވެސް ސިއްހަތަށް ފައިދާހުރި ބަނބުކޭލަކީ ރާއްޖޭގެ މާހައުލަށް ވަރަށް އެކަށޭނަ، ބަލިތައް ޖެހުން ދުރު، ހައްދަން ފަސޭހަ ބާވަތެއްކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.
http://www.fishagri.gov.mv/images/publications/agri14/2015/04/27/breadfruit_leaflet.pdf
ބަނބުކެޔޮ ހައްދާނެ ގޮތުގެ މައުލޫމާތު.--އެގްރިކަލްޗަ މިނިސްޓްރީ
ކާނާގެ ޔަގީންކަމުގެ ނަޒަރުން ވިސްނާ އިރު ބަނބުކެޔޮ ހެއްދުމުގެ އެއް ފައިދާއަކީ، ޑރ. ޝާފިޔާ ވިދާޅުވި ގޮތުގައި، އެއީ ރައްކާކޮށްފައި ބެހެއްޓޭ އެއްޗަކަށް ވުމެވެ.
"ބަނބުކެޔޮ ލިބޭ މޫސުމުގައި ކަނޑާފައި ގިނަ ދުވަހު ހުންނާނެ ގޮތަށް ބެހެއްޓޭނެ، މިސާލަކަށް ހިއްކާފައި. މިނިސްޓްރީން ބެލި އިރު ބަނބުކެޔޮ ގަހަކުން ހަ އާއިލާ އަށް ބޭނުންވާ މިންވަރަށް ބަނބުކެޔޮ ލިބޭނެ، އަހަރަކު ދެ މޫސުމަށް އަޅަންޏާ،" އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގައި ވީ ގޮތަކީ، ކުރިން ހަދާފައި ހުންނަ ގޮތް ނޫން ގޮތްގޮތަށް ގެ ހަދަން ފެއްޓީމަ އޭގެ މޫގަނޑު އައިސް ވަދެގެން ފާރުގައި ރެނދުލާ ކަންތައްތައް ވާން ފެށީމަ މީހުން ބަނބުކެޔޮ ގަސްތައް ކަނޑާލީ. އެކަމަކު މިހާރު ވެސް ބަނބުކެޔޮ ހެއްދޭނެ. އަޅުގަނޑުމެން ލަފާ ދެމުން މި އަންނަނީ ގެއާ ތަންކޮޅެއް ދުރުގައި ނަމަވެސް ބަނބުކެޔޮ ހައްދަން."
އެކަމަކު ބަނބުކެޔޮ އެކަނި ހުރެގެން ކާނާގެ ޔަގީންކަމެއް ނުލިބޭނެ އެވެ. ޝާފިޔާ ފާހަގަކުރެއްވި ގޮތުގައި މުހިއްމު ވަނީ ފައިދާހުރި ކާނާގެ ތަފާތު ވައްތަރުތައް ކައިބޮއެ އުޅެވޭނެ މަގުފަހިކުރުމެވެ.
"ގޭގެ ގޯތިތެރޭގައި އަލަ، ކައްޓަލަ، ދަނޑިއަލުވި، މުރަނގަތޮޅި، ދޮންކެޔޮ، ފޭރު، ޖަނބުރޯލު، މި ކަހަލަ، އިހު ޒަމާނުގައި ގެންގުޅުނު އެއްޗެހި ގެންގުޅެގެން، ފައިދާހުރި ކާނާ ހޯދޭނެ. ގިނަ ދުވަހަށް ބޭނުންކުރެވޭނެ ނުވަތަ ރައްކާކޮށްފައި ގިނަ ދުވަހަށް ބެހެއްޓޭނެ ކަހަލަ އެއްޗެހި ހެއްދިދާނެ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެކަން ކުރެވޭނީ ރަށްރަށުގައި ދިރިއުޅޭ މީހުންނަށެވެ. ނުވަތަ ބިންކޮޅެއް އޮތް ނަމަ އެވެ. އާބާދީގެ 38 ޕަސެންޓް ތޮއްޖެހިފައިވާ މާލޭގައި ދިރިއުޅޭ 154،000 މީހުންނަށް އޮތީ ކޮން ގޮތެއް ހެއްޔެވެ؟
"ރާއްޖޭގައި މިހާރު އެންމެ ބޮޑު މައްސަލައަކީ ހަގީގަތުގައި މިއީ. އާބަން ސަރަހައްދުތަކުގައި ކާބޯތަކެތި ހައްދަން ފުރުސަތު ނެތީމާ ކުރިމަގުގައި ކާބޯތަކެތީގެ ޔަގީންކަން ނުލިބުމުގެ ބިރު ހަގީގަތުގައި [ރަށްރަށަށް ވުރެ] މާ ބޮޑު،" ޑރ. ޝާފިޔާ ވިދާޅުވި އެވެ.
ޝާދިޔާ ފަދަ މީހުންނަށް އޭގެ ހައްލަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ސަރަހައްދީ ތަރައްގީއާ އެކު މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ.
މި ވަގުތަށް، ޖާގަ އޮތިއްޔާ، ބަނބުކޭލާއި އެ ނޫން އެއްޗެހި ވެސް ހައްދަން އުޅެވިދާނެ އެވެ. އެކަމަކު އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދޭ ސިޔާސަތުތަކެއް ނެތް އިރު، ދިވެހިންނަށް އަވަހަކަށް ކާނާގެ ޔަގީންކަން ލިބިދާނެކަމުގެ ނިޝާނެއް އަދި ނުފެނެ އެވެ.
މާލޭގައި އާބަން ގާޑެނިން ކުރިއަށް ގެންދަން ތައްޔާރުވަނީ
ދިވެހިން ކާންވީ ގޮތް ފުރަތަމަ ފަހަރަށް
ޔޫކޭ އަށް ބަނޑުހައިހޫނުކަމާ ބެހޭ މިިނިސްޓަރެއް
ކާބޯތަކެތީގެ އިޝްތިހާރުކަމަށް ބަލާނެގޮތް ސާފުކޮށްްދީފި
އައިސީޔޫގައި މިހާރު ފަރުވާދެނީ ދެ ފުލުހަކަށް
ބިސް ވިއްކާއިރު ރައްކާތެރިކަން ދޭން އެދިއްޖެ
ދެ ބާވަތެއްގެ ނޫޑްލްސް އިން ކެންސަރު ޖައްސާ މާއްދާއެއް ފެނިއްޖެ
ގަދަ ފެހިކަމާއި ފަހިކަން: ޣާލިބާގެ ލޯތްބާ އެކު!
ކެމިކަލް ނުލައި ދަނޑު ހައްދަން ރައީސް އެދިވަޑައިގެންފި
ޑައިޓީޝަނުންނަށް ހާސްކަން ބޮޑު މައްސަލައެއް