ހދ. ވައިކަރަދޫ އިބްރާހިމް އަޝްރަފް، އޭނާގެ ގޯތިތެރޭގައި ކުޑަ ތަންކޮޅެއްގައި ހެއްދި ހަނޑޫ ގަސްތަކުން ހަނޑޫ ކަނޑައިފި އެވެ. ފަސް ފޫޓެއްހާ ތަންކޮޅެއްގައި ހެއްދި ގަސްތަކުން އޭނާއަށް ލިބުނީ ދޮޅު ކިލޯގެ ހަނޑުލެވެ. އަޖުމަ ބެލުމަށް އަޝްރަފް ކުރި މަސައްކަތް ކާމިޔާބުވުމުން، މިހާރު އޭނާ އަމާޒު ހިފާފައި ހުރީ މަސައްކަތް ފުޅާކުރާށެވެ.
06 އެޕްރީލް 2020
ހދ. ވައިކަރަދޫ އިބްރާހިމް އަޝްރަފް، އޭނާގެ ގޯތިތެރޭގައި ކުޑަ ތަންކޮޅެއްގައި ހެއްދި ހަނޑޫ ގަސްތަކުން ހަނޑޫ ކަނޑައިފި އެވެ. ފަސް ފޫޓެއްހާ ތަންކޮޅެއްގައި ހެއްދި ގަސްތަކުން އޭނާއަށް ލިބުނީ ދޮޅު ކިލޯގެ ހަނޑުލެވެ. އަޖުމަ ބެލުމަށް އަޝްރަފް ކުރި މަސައްކަތް ކާމިޔާބުވުމުން، މިހާރު އޭނާ އަމާޒު ހިފާފައި ހުރީ މަސައްކަތް ފުޅާކުރާށެވެ.
އެކަމަކު ކޮރޯނާވައިރަސްގެ ބިރުވެރިކަމާ ހެދި، ހުރިހާ އެންމެން ވެސް ދަނޑު ހައްދައި، ކާނާގެ ޔަގީންކަން ހޯދާށޭ ސަރުކާރުން ބުނީ އެންމެން ހަނޑޫ ހައްދަން ބާރު އަޅާކަށެއް ނޫނެވެ. އެއީ ބުރަ، އުފެއްދޭ މިންވަރު ކުޑަ އަދި ލިބޭ އާމްދަނީއާ ނުބައްދަލު ބާވަތެކެވެ. ބޮޑު ޖާގައެއް ބޭނުންވާ، ރާއްޖޭގެ ބިމާ ބީރައްޓެހި ވެސް އެއްޗެކެވެ.
ފަޅުރަށްރަށާއި އަމިއްލަ ރަށުން ބިން ހޯދައިގެން އަދި ގޯތީގައި އޮންނަ ހުސް ޖާގައިގައި މިހާރު ވެސް މީހުން ދަނޑު ހައްދަ އެވެ. އެފަދަ ދަނޑުތަކުން އާއްމުކޮށް ފެންނަނީ މިރުހާއި ކޮޕީ ފަތާއި ކަރާ އަދި ފަޅޯ ފަދަ ބާވަތްތަކެވެ. އެކަމަކު ސަރުކާރުން މިހާރު އިރުޝާދު ދެނީ، މި ތަކެތީގެ ތެރެއަށް ފަލަމަޑީގެ ބާވަތްތައް އިތުރު ކުރުމަށެވެ. އެއީ ވަގުތުން ވަގުތަށް މާކެޓަށް ނުނެރެވުނަސް، ފަހަށް ބޭނުން ކުރެވޭ ފަދަ ބާވަތްތަކެވެ.
ފުވައްމުލަކު އަލަ އޮޅެއް: ދަނޑުވެރިކަމުގައި ފަލަމަޑީގެ ބާވަތްތައް ގިނަ ކުރުން މުހިއްމު
ދަނޑުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ އެގްރިކަލްޗާ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ޝަބާއު ވިދާޅުވީ ރާއްޖޭގައި ހައްދަންވީ ހަނޑުލާއި ފުށް ފަދަ އެއްޗެހީގެ ބަދަލުގައި ހަކަތަ ލިއްބައިދޭ، އަދި ފަހަށް ރައްކާކުރެވޭ ފަދަ ފަލަމަޑީގެ ބާވަތްތައް ކަމަށެވެ. ކައިރީގައި އޮންނަ ފަޅުރަށުގައި ނޫނީ ރަށުން ދޫކުރާ ދަނޑުގައި ނޫނީ ގޭގެ ހުސް ބިމުގައި ވެސް ހެއްދޭނެ ފަދަ ފަސޭހަ ބާވަތްތަކެވެ.
"އެންމެ ރަނގަޅު ވާނީ އަލަ އާއި ކައްޓަލަ އާއި ދަނޑިއަލުވި އާއި ބަނބުކެޔޮ،" ޝަބާއު ވިދާޅުވި އެވެ.
"ބަރަބޮލާއި ދޮންކޭލާއި ފަޅޮލާއި އަނބު ފަދަ މޭވާ ވެސް ހެއްދިދާނެ."
ދަނޑުވެރިިކަން ކުރަން ސަރުކާރުން ބާރުއަޅާ އެންމެ މުހިއްމު ސަބަބަކީ "ފުޑް ސެކިއުރިޓީ" ނުވަތަ ކާނާގެ ޔަގީންކަން ހޯދުމެވެ. އެ ޔަގީންކަން ލިބޭނީ، ޝަބާއު ވިދާޅުވި ގޮތުގައި، ވަކި ވައްތަރެއްގެ ބާވަތްތަކެއް ހައްދައިގެންނެވެ. އަލަ އާއި ދަނޑުއަލުވި ނޫނީ ބަނބުކެޔޮ ފަދަ ބާވަތްތަކަކީ ތެލުލައިގެން ނޫނީ ހިއްކައިގެން ވެސް ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަހަލަ އެއްޗެއްސެވެ.
މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން، ބޭރުގެ ގައުމުތަކުން މުދާ ގެންނަން ވަނީ ދަތިތައް ކުރިމަތިވެފަ އެވެ. ހާއްސަކޮށް ރާއްޖެއަށް އެންމެ ގިނައިން މޭވާ އާއި ތަރުކާރީ ގެންނަ އިންޑިއާ އާއި ސްރީ ލަންކާއަށް ދަތުރުކުރުން މެދުކަނޑާލާފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި އެތަކެތި ރާއްޖޭގެ މާކެޓުން، ދޭތެރެދޭތެރެއިން މަދުވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެންވެ، މިހާރު މިއީ، ދަނޑުވެރިކަމަށް ދިވެހިން އެނބުރި ދާންވީ ވަގުތެވެ. އަމިއްލަ ބިމުގައި ހައްދާތަކެތިން ކައިބޮއި އުޅެން ފަށައިގަންނަންވީ އެވެ.
ހދ. ވައިކަރަދޫގައި ހައްދާފައިވާ ބިންބި ދަނޑެއް-- ފޮޓޯ: މުހައްމަދު ރަބީއު
ޓޫރިޒަމަށް ދިވެހި އިގްތިސޯދު ބިނާވުމުގެ ކުރިން، ގިނަ ބަޔަކު ދަނޑުވެރިކަން ކުރި އެވެ. އެކަމަކު ދިވެހިންގެ ދިރިއުޅުމުގައި މިހާރު އެ މަސައްކަތުގެ ހިއްސާ ކުރިއަށް ވުރެ މާ ބޮޑަށް ކުޑަ އެވެ. އެންމެ ބޮޑު ސަބަބަކީ މާކެޓު ނެތުމެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ 93 ޕަސެންޓް އިމްޕޯޓު ކުރާއިރު، ދަނޑުވެރިކަން ކުރާ ގިނަ މީހުން ވެސް ތަކެތި ހައްދަނީ ރިސޯޓުތަކަށް އަމާޒުކޮށްގެންނެވެ.
އެގްރިކަލްޗާ މިނިސްޓްރީން ދެކޭގޮތުގައި ދަނޑުވެރިކަން ކުރުމަށް ހުރި ގޮންޖެހުންތައް ގިނަ އެވެ. ގިނަ ރަށްރަށުގައި އެކަން ކުރާނެ ބިމެއް ވެސް ނެތެވެ. ބަނބުކެޔޮ ފަދަ ގަސްތައް ވަރަށް ބޮޑަށް މަދުވެފައިވަނީ، ގެދޮރު އެޅުމުގެ ބޭނުމުގައި ކަނޑަން ޖެހުމުންނެވެ. ރަނގަޅު މުޑުވައް ނުލިބުމާއި އެ މަސައްކަތް ކުރުމަށް އެކަށީގެންވާ ވަސީލަތްތައް މިހާތަނަށް ލިބިފައި ނުވުން ވެސް އެއީ ދަނޑުވެރިކަމާ ގިނަ ބަޔަކު ދުރުވި ސަބަބެކެވެ.
އިތުރު ސަބަބެއްގެ ގޮތުގައި ޝަބާއު ފާހަގަކުރެއްވީ، ދަނޑުވެރިކަން ކޮށްގެން ވަގުތުން ވަގުތަށް ފައިސާ ނުލިބުމެވެ.
"ދިވެހިންގެ ވިސްނުން ބޮޑަށް މި ހުންނަނީ ކުރާ މަސައްކަތުގެ އަގު ވަގުތުން ލިބޭ ގޮތަށް. އެކަމަކު ދަނޑުވެރިކަން ކުރާއިރު މަސް ނިމޭތަނުން ފައިސާއެއް ނުލިބޭނެ. އެއްޗެއް އިންދައިގެން 4-6 މަހާ ދޭތެރޭ ފައިސާ ލިބޭވަރު ވާނީ،" އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަން އަލުން ފަށައިގަންނަން ބާރު އަޅާއިރު، ސަރުކާރުން އަންނަނީ އެކަމަށް މަގު ފަހިކޮށްދެމުންނެވެ. ފަލަމަޑީގެ ބާވަތްތައް ހިމަނައިގެން، ދަނޑުވެރިކަން ކުރެވިދާނެ މޮޑެލްތައް ހަދައި ރަށްތަކާ ހިއްސާ ކުރަމުންނެވެ. އާ މުޑުވަކާއި ގަސްކާނާ އާއި މަސައްކަތަށް ބޭނުންވާ އާލާތްތައް ހޯދައިދޭން ނިންމާފައިވާއިރު ދަނޑުވެރިން ހައްދާ ތަކެތި ސަރުކާރުން ގަންނާނެ ކަމަށް ވަނީ އިއުލާންކޮށްފަ އެވެ.
ބިމުގެ ދަތިކަން ހުރި ރަށްރަށަށް، ކައިރީގައި އޮންނަ ފަޅުރަށް، ދަނޑުވެރިކަމަށް ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ؛ އެ ވައުދު ފުއްދުމުގެ މަސައްކަތް އެގްރިކަލްޗާ މިނިސްޓްރީން ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
މާރިކިލުގައި ދަނޑުވެރިކަން ކުރަނީ --ފޮޓޯ: އައިލެންޑް އޯގެނިކްސް
ސަރުކާރުން ވެރިކަމާ ހަވާލުވުމަށް ފަހު، ފަޅުރަށްތަކުގައި ދަނޑުވެރިކަން ކުރާ ގޮތް ވަނީ މޮނިޓާކޮށްފަ އެވެ. އެކަން ކުރަމުން އަންނަނީ ރަނގަޅަށްތޯ އާއި މާކެޓަށް ވަކި ބާވަތެއް އުފައްދަން މަސައްކަތް ކުރޭތޯ ބެލި އެވެ. އެކަމަކު ބޭނުންވާ ގޮތަށް އެކަން ކުރަނީ މަދު ރަށެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަޅުރަށްރަށުގައި އެންމެ ރަނގަޅަށް ދަނޑުވެރިކަން ނުކުރެވޭ ސަބަބުތައް ވެސް އެބަ ހުއްޓެވެ. ޝަބާއު ވިދާޅުވީ އެ މަސައްކަތް ފަށައިގަންނަން ޖެހެނީ ލޯނު ނަގައި ބޮޑު އިންވެސްޓްމެންޓަކާ އެކު ނަމަވެސް، ލޯނު ހޯދުން ފަސޭހަ ނޫން ކަމަށެވެ. އަދި ސަރުކާރަށް ވެސް ބޮޑު ކުއްޔެއް ދައްކަން ޖެހޭއިރު، މަސައްކަތް ފެށޭތާ ފުރަތަމަ އަހަރުގެ ތެރޭގައި ކުލި ދައްކަން ޖެހޭ ކަމަށާއި މިއީ ގިނަ ބަޔަކަށް ކުރަން އުނދަގޫ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެކަންކަން އިސްލާހުކުރުމުގެ ގޮތުން މިނިސްޓްރީން އަންނަނީ ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަދައިދީ، ގްރޭސް ޕީރިއަޑަކާ އެކު ރަށުގެ ކުލި ދެއްކޭނެ އިންތިޒާމް ވެސް ހަމަޖައްސައިދެމުންނެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ މީހުންނަށް ފަޅުރަށްރަށް ނަގައި، އެތަނުގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތު ދިނުން،" ޝަބާއު ވިދާޅުވި އެވެ.
ބިން އޮތް ރަށްރަށުގައި ވީހާ ވެސް ކުޑަ ކުއްޔަކާ އެކު، އާއްމުންނަށް ބިން ދޫކުރުމަށް އެ މިނިސްޓްރީން މިހާރު ވަނީ ކަރުދާހެއް ވެސް އެކުލަވާލައިފަ އެވެ.
ކާނާގެ ޔަގީންކަން ހޯދުމަށް ދަނޑުވެރިކަން ފަށަން ސަރުކާރުން އެދުމުން ގިނަ ބައެއްގެ ހިތަށް ވަންނަނީ ހަނޑޫ ހެއްދުމުގެ ވާހަކަ އެވެ. އެކަން ކުރެވިދާނެ ގޮތްތައް ހޯދައި، ފަޅުރަށްތަކުގައި ހަނޑޫ ހެއްދުމަށް ވެސް ބައެއް މީހުން ގޮވާލި އެވެ. އެކަމަކު ހަގީގަތުގައި އެއީ ރާއްޖޭގައި ކުރަން އުނދަގޫ މަސައްކަތެކެވެ.
ރާއްޖެއަށް އާއްމުކޮށް ހަނޑޫ އިމްޕޯޓު ކުރާ ތައިލެންޑް، އިންޑިއާ ފަދަ ގައުމުތަކުގައި އެތަކެތި ހައްދަނީ އެކަމަށް ހާއްސަ ބޮޑެތި ބިންތަކުގައި، ވަރަށް ފުޅާ ދާއިރާއެއްގަ އެވެ. ތެތް ބިމާއި ހިކި ބިމުގައި، ތަފާތު ހަނޑޫ ހައްދާއިރު ގިނަ ބަޔަކު އެކަމަށް ހާއްސަވެގެން ތިބެ އެވެ. ބޮޑެތި ބިންތަކުގައި އެކަން ކުރާތީ ހަނޑޫ އުފައްދަން ކުރާ ހަރަދު ވެސް ކުޑަ އެވެ. އެކަމަކު އެއިން ކޮންމެ އަކަމީޓަރަކުން ވެސް ލިބެނީ ވަރަށް ކުޑަ މިންވަރެއްގެ ހަނޑުލެވެ.
މީދޫގައި މެލަންތަކެއް ހައްދާފައި.
ރާއްޖޭގެ ބޮޑު ރަށެއް ހަމައެކަނި ހަނޑޫ އިންދަން ހާއްސަ ކުރިޔަސް، އެތަނުން ލިބޭ މިންވަރު ވަރަށް މަދުވާނެ އެވެ. މީގެ އަހަރުތަކެއް ކުރިން ހުުވަދު އަތޮޅާއި ހދ. އަތޮޅުގެ ބައެއް ރަށްރަށުގައި ހަނޑޫ ހެއްދި ނަމަވެސް، އެކަން ނުކުރެވިގެން އޮޅު އަލައަށް ބަދަލުކުރީ އެވެ. ފިޔާ އަދި އަލުއްވަށް ބެލިޔަސް، މިއީ ޑިމާންޑާ އެއްވަރަށް ހައްދަން ފަސޭހަ ތަކެއްޗެއް ނޫނެވެ.
މިކަމުގެ ހައްލެއްގެ ގޮތުން ޝަބާއު ވިދާޅުވީ ދިވެހިންގެ ކެއުމުގެ ވައްޓަފާޅިއަށް ވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. ޒަމާނުއްސުރެ، ބަތް ކައި އުޅުނު ނަމަވެސް އެ ނުލިބިދާނެ ހާލަތަކަށް ވިސްނައި، ހަމަ އެފަދަ ފައިދާ ލިބޭ އެހެން ތަކެތި ކާން ފެށުމެވެ. އޮޅުއަލަ އާއި ދަނޑިއަލުވި ފަދަ ފަލަމަޑީގެ ބާވަތްތައް އެކަމަށް ރަނގަޅުވާނެ އެވެ.
"ފިޔާގެ ބަދަލުގައި ލީކްސް ވެސް ބޭނުން ކުރެވިދާނެ. އެއީ ހައްދަން ފަސޭހަ މީރު އެއްޗެއް،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ހާލަތަށް ބަލައި ދަނޑުވެރިކަން ކުރަން މިވަނީ ޖެހިފަ އެވެ. އެންމެ ފުރަތަމަ ގޭގައި އޮތް ހުސް ތަންކޮޅުން ފަށާށެވެ. އެކި ބާވަތުގެ ފަތާއި ބަރަބޮލާއި ބަށި ހެއްދިދާނެ އެވެ. ތޮރަ އާއި ފަޅޮލާއި މުރަނގަ ގަސް ވެސް ރަނގަޅު ވާނެ އެވެ. ހައިޑްރޮފޯނިކްސް ކުޑަ ސިސްޓަމެއް ބަހައްޓައިގެން ވެސް ފަސޭހަކަމާ އެކު، ލެޓިއުސް އާއި ކިއުކަމްބާ އަދި ޓޮމާޓޯ ހެއްދިދާނެ އެވެ. ނުވިއްކުނަސް ގޭގައި ކާން ބޭނުންވާ މިންވަރަށް ހެއްދޭނެ އެވެ.
ދަނޑު ހައްދަން ބިމެއް ލިބިއްޖެ ނަމަ، ފަލަމަޑީގެ ބާވަތްތަކުގެ އިތުރުން، ބިންބި އާއި ޒުވާރި އާއި ދޮނަޅަ އާއި ކަރަ އާއި ފަޅޮލަކީ ވެސް ހައްލެކެވެ.
ވައިކަރަދޫގައި ހަނޑޫ ހައްދައި މަސައްކަތް ފުޅާކުރަނީ
70 އަހަރާ ގާތްކުރަނީ، މަސައްކަތުގައި އަދިވެސް 100
ދަނޑުވެރިން ހައްދާ ތަކެތި ސަޕްލައިކުރަން ކާގޯ ފެރީ
ގަވާއިދާ ހިލާފަށް ދަނޑުވެރިކަން ކުރާތީ އިންޒާރެއް
މާލޭގައި އާބަން ގާޑެނިން ކުރިއަށް ގެންދަން ތައްޔާރުވަނީ
ވައިކަރަދޫގައި އާމަންޑް ގަހެއް ފަޅުވައިފި
ކަރާ ފަދަ ބާވަތްތައް އެސްޓީއޯއިން މިވަގުތު ނުގަންނާނެ
ގިނަ ރަށްރަށުން ދަނޑުވެރިކަމަށް ބިން ދޫކުރަނީ
ރާއްޖެ ބަނޑަކަށް ނުޖެހޭނެ: ފައްޔާޒު
ކުއްޔާނުލައި 3 އަހަރަށް ދަނޑުވެރިކަމަށް ބިންދޫކުރަނީ