Roadha Mihaaru
އެއް ދުވަހަށް ވާވަރަށް ވެސް ލޭ ނެތް، ހަދިޔާ ކޮށްދީ!

އެއް ދުވަހަށް ވާވަރަށް ވެސް ލޭ ނެތް، ހަދިޔާ ކޮށްދެއްވާ: އެމްބީއެސް

20 އެޕްރީލް 2020

ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ގަވައިދުން އަޅަން ޖެހޭ ލޭގެ ސްޓޮކް ވަރަށް ބޮޑަށް މަދުވެފައިވާތީ ވީހާވެސް ގިނަ ބަޔަކު ހޭ ހަދިޔާކޮށްދިނުމަށް، މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން އަނެއްކާވެސް އެދިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ތެލެސީމިއާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ގަވައިދުން އަޅަން ޖެހޭ ލޭގެ ސްޓޮކް ވަރަށް ބޮޑަށް މަދުވެފައިވާތީ ވީހާވެސް ގިނަ ބަޔަކު ހޭ ހަދިޔާކޮށްދިނުމަށް، މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް) އިން އަނެއްކާވެސް އެދިއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން ލޭ ހަދިޔާކުރާ މީހުން މަދުވެފައިވާއިރު މިއީ އެމްބީއެސްއިން ލޭ ހަދިޔާ ކޮށްދިނުމަށް އެދުނު ތިން ވަނަ ފަހަރެވެ. ކުރީ ދެ ފަހަރު ވެސް ގިނަ ބަޔަކު ވަނީ ލޭ ހަދިޔާކޮށްފަ އެވެ.

އެމްބީއެސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު "މިހާރު" އަށް ވިދާޅުވީ އެންމެ އާއްމުކޮށް އަޅަން ޖެހޭ ލޭ ގުރޫޕްތައް ކަމަށްވާ އޯ ޕޮޒިޓިވް އާއި ބީ ޕޮޒިޓިވްގެ އެއް ދުވަހަށް ބޭނުންވާ ވަރަށް ވެސް ލޭ ނެތް ކަމަށެވެ. އަދި އެ ނޫން ގުރޫޕުތަކުގެ ލޭ ވެސް ހުރީ ވަރަށް މަދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ލޭ ހަދިޔާ ކޮށްދިނުމަށް އެދި އެމްބީއެސްއިން ކުރި ޓްވީޓް

ތެލެސީމިއާ ކުދިންގެ ގަޔަށް އަޅަން ހަފްތާއަކު 160 ޔުނިޓްގެ ލޭ އެމްބީއެސްއަށް ބޭނުންވެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކާއި އެހެނިހެން ކުންފުނިތަކުން ހިންގަމުން އައި ބްލަޑް ކޭޕްތައް ހުއްޓުމަކަށް އައުމާ އެކު ލޭ ލިބެނީ ވަރަށް މަދުންނެވެ.

"ބެލެނިވެރިން އަންނަނީ މީހުން ހޯދައިގެން މިހާރު. އެގޮތަށް ގެންނަ މީހުންގެ ގައިން ނަގާ ލޭ އެޅޭނީ އެ ގެނައި ކުއްޖަކަށް އެކަނި. އެހެން ކުދިންނަށް އެޅޭނީ ވޮލަންޓިއާކޮށް ލޭ ހަދިޔާ ކުރާ މީހުންގެ ލޭ. މިހާރު ވަރަށް މަދު ވޮލަންޓިއާކޮށް ލޭ ހަދިޔާ ކުރަން އަންނަލެއް،" ކަންބޮޑުވުމާ އެކު ޑރ. އުމަރު ވިދާޅުވި އެވެ.

"ވޮލަންޓިއާކޮށް ލޭ ހަދިޔާ ކުރަން އަންނަ މީހުން މަދުވީމަ ސްޓޮކް މަދުވަނީ،"

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވީ ނަމަވެސް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައި ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމްބީއެސްގެ ނަމްބަރު 3306089 އަށް ގުޅުމުން ލޭ ހަދިޔާ ކުރަން އައުމުގެ އިންތިޒާމް ހަމަޖައްސައި ދެ އެވެ.

އުމުރުން 18 އަހަރު ވެފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ ކޮންމެ މީހަކަށް ލޭ ހަދިޔާކުރެވޭނެ އެވެ. އެކަމަކު ލޭ ހަދިޔާކުރެވޭނީ އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށެވެ. ހިމޮގްލޮބިން ކައުންޓާއި ލޭގެ ގްރޫޕް ނޭނގޭ ނަމަ އެމްބީއެސް އިން އެ ދެ ކަންތައް ބަލައިދެ އެވެ.

އެމްބީއެސްގައި ތެލަސީމިއާގެ 892 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓަރީ ވެފައިވާއިރު އޭގެ ތެރެއިން ދުނިޔޭގައި މި ވަގުތު ތިބީ 635 މީހުން/ކުދިންނެވެ. އޭގެ ތެރެއިން 50 ޕަސެންޓް މީހުން/ކުދިން މާލޭގައި، އަނެއް 50 ޕަސެންޓް ދިރިއުޅެނީ އެކި ރަށްރަށުގަ އެވެ.