Roadha Mihaaru
"ރާސްބެރީ ޕައި" ވެންޓިލޭޓަރުތަކުގައި

"ރާސްބެރީ ޕައި" ވެންޓިލޭޓަރުތަކުގައި

16 އެޕްރީލް 2020

އަދި ތިޔަ ހީކުރީ މުޅިން ރަނގަޅަކަށް ނޫނެވެ. "ރާސްބެރީ ޕައި" އަކީ "އެޕަލް ޕައި" ކަހަލަ، ކާއެއްޗެއް ނޫނެވެ. ރާސްބެރީ ޕައި އަކީ ވަރަށް އަގު ހެޔޮ އަދި ވަރަށް ކުޑަ ކޮމްޕިއުޓަރެކެވެ. މި މަރުކާގައި ތަފާތު މޮޑެލްތައް ހިމެނެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އަދި ތިޔަ ހީކުރީ މުޅިން ރަނގަޅަކަށް ނޫނެވެ. "ރާސްބެރީ ޕައި" އަކީ "އެޕަލް ޕައި" ކަހަލަ، ކާއެއްޗެއް ނޫނެވެ. ރާސްބެރީ ޕައި އަކީ ވަރަށް އަގު ހެޔޮ އަދި ވަރަށް ކުޑަ ކޮމްޕިއުޓަރެކެވެ. މި މަރުކާގައި ތަފާތު މޮޑެލްތައް ހިމެނެ އެވެ.

ކޮރޯނާވައިރަހާ ހެދި މުޅި ދުނިޔެ ހުއްޓިފައި އޮތްއިރު، "ރާސްބެރީ ޕައި"ގެ ވާހަކަތައް ވެސް ވަރަށް ގަދަ އަށް އެބަ ދެކެވެ އެވެ. ކޮވިޑް-19 ޖެހި ހާލު ދެރަވާ މީހުންނަށް ފަރުވާދޭން ބޭނުންކުރާ ވެންޓިލޭޓަރު އުފެއްދުމަށް، ރާސްބެރީ ޕައި ބޭނުންކުރެވޭ ވާހަކަތަކެވެ.

ވެންޓިލޭޓަރުތައް އުފައްދާ ކުންފުނިތަކުން އެންމެ ގިނައިން ބޭނުންކުރަނީ "ރާސްބެރީ ޕައި ޒީރޯ" އެވެ. މި މޮޑެލްގެ އާދައިގެ އަގަކީ ފަސް ޑޮލަރެވެ. ވައިފައި، ބްލޫޓޫތު އަދި ނެޓްވޯކާ ގުޅުން ހުރި ފަސޭހަތައް ހިމަނާ ނަމަ އަދި އިތުރު ފަސް ޑޮލަރުން ފުދެ އެވެ. މާނަ އަކީ ވެންޓިލޭޓަރެއްގެ ކޮންޓްރޯލް ބޯޑެއް ގަތުމަށް ފަސް ޑޮލަރަށް ވުރެ އިތުރަށް ހޭދަކުރަން ނުޖެހުމެވެ.

ރާސްބެރީ ޕައި ފައުންޑޭޝަނުން ބުނި ގޮތުގައި، ވެންޓިލޭޓަރުތައް އުފައްދަން ރާސްބެރީ ޕައިގެ މޮޑެލްތައް ބޭނުންކުރާކަން އެ މީހުންނަކަށް ނޭނގެ އެވެ. އެހެން ނަމަވެސް، ޒީރޯ މޮޑެލްގެ ކޮމްޕިއުޓަރުތައް ގަތުމަށް އާދަޔާ ޚިލާފަށް ބޮޑެތި އޯޑަރުތައް ލިބެން ފެށުމުން، ދެކޮޅު ބަލައި ހޯދާލީ އެވެ. ވާނުވާ އެނގުނީ އެ ހިސާބުންނެވެ.

ރާސްބެރީ ފައުންޑޭޝަނުން ބުނާ ގޮތުގައި، އޯޑާރުތައް ފުއްދައިދުމުގައި ބާރުބޮޑުވާ ފަހަރު ވެސް އާދެ އެވެ. އެހެން ނަމަވެސް، ސަޕްލައިކުރެވޭނެ ކަމުގެ ހުރިހަމަ ޔަގީންކަށް އޮތް ކަމަށް އެ ފައުންޑޭޝަނުން ބުނެ އެވެ.

ކޮވިޑް-19 ބައްޔަށް ފަރުވާދިނުމަށް ރާސްބެރީ ޕައި ބޭނުންކޮށްގެން ވެންޓިލޭޓަރު އުފައްދަނީ

ކޮވިޑް-19 ބައްޔަށް ފަރުވާދިނުމަށް ރާސްބެރީ ޕައި ބޭނުންކޮށްގެން ވެންޓިލޭޓަރު އުފައްދަނީ

ރާސްބެރީ ޕައި ޒީރޯ ކޮމްޕިއުޓަރެއްގައި ހިމެނެނީ އެންމެ ބޯޑެކެވެ. ބޭނުންކުރެވެނީ ބްރޯޑްކޮމް ޕްރޮސެސާއެކެވެ. މެމޮރީ 512 އެމްބީ އެވެ. އަގަކީ 5 ޑޮލަރެވެ. މިއީ ވަސީލަތްތައް މަދު ގައުމުތަކުގައި، ސްކޫލް މަދަރުސާތަކުގައި އުގަނނައިދޭން ބޭނުންކުރެވޭ ކޮމްޕިއުޓަރެކެވެ.

ރޮބޮޓިކް މޮޑެލްތައް އުފައްދައި ހިންގަން ދަސްކުރާ ދަރިވަރުން ވެސް ރާސްބެރީ ޕައި ބޭނުންކުރެ އެވެ. އަމިއްލަ ދިރިއުޅުން ފަސޭހަކުރުމަށް ގޭގައި، ދޮރުފޮތި ކެހުމަށް އަދި އެއާކޮންޑިޝަންގެ "ޕްލިޕާ"ތައް ހުޅުވޭ މިންވަރު ކޮންޓްރޯލް ކުރަން ވެސް ރާސްބެރީ ޕައި ބޭނުންކުރެވެ އެވެ. ގަސްތަކަށް ފެންދިނުމަށް އަދި ޓައްޕުގައި ހަނޑޫ، ހަކުރު އަދި ފުށް ހުރި މިންވަރު، ސެންސަރުތަކެއް މެދުވެރިކޮށް ބަލައި، އަމިއްލަ މޮބައިލް ފޯނަށް ފޮނުވުމަށް ވެސް ރާސްބެރީ ޕައި ބޭނުންކުރެވެ އެވެ. މިއީ މާލޭގައި ފަންނުވެރިން ރާސްބެރީ ޕައިން ބޭނުންކުރާ ގޮތް ގޮތެވެ.