Roadha Mihaaru
ކޮރޯނާވައިރަހުގެ ބިރަށް ފައިސާ ދޮންނަނީ

ކޮރޯނާވައިރަހުގެ ބިރަށް ފައިސާ ދޮންނަނީ

11 އެޕްރީލް 2020

މީގެ ކުރިން ފައިސާ ދޮންނަ ވާހަކަ އަޑު އަހަނީ މުޅިން އެހެން މާނައެއްގަ އެވެ. އެކަމަކު އިންޑިއާގެ އަވަށެއްގެ ބަޔަކު ހަމަ އަސްލަށް ވެސް މިހާރު އަންނަނީ ފައިސާ ދޮންނަމުންނެވެ. ސައިބޯނި ފެނުންނެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ފައިސާ ދޮންނަ ވާހަކަ އަޑު އަހަނީ މުޅިން އެހެން މާނައެއްގަ އެވެ. އެކަމަކު އިންޑިއާގެ އަވަށެއްގެ ބަޔަކު ހަމަ އަސްލަށް ވެސް މިހާރު އަންނަނީ ފައިސާ ދޮންނަމުންނެވެ. ސައިބޯނި ފެނުންނެވެ.

މިކަމެއް ކުރަން ޖެހުނު ސަބަބަކީ ކޮރޯނާވައިރަހުގެ ބަލިމަޑުކަން ވަރަށް ބޮޑަށް ފެތުރިފައި ވަނިކޮށް ބަޔަކު ފައިސާ ނޫޓްތަކުގައި ދޫލައި، ނޫޓްތައް އޮޅައި ނޭފަތުގެ ތެރެއަށް ކޮއްޕައިގެން ހަޑިހާވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދައުރުވެ، އެފަދަ ނޫޓްތަކުގެ ސަބަބުން ކޮވިޑް-19 ޖެހިދާނެކަމުގެ ބިރަށްޓަކަ އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސައިބޯނި ފެނުން ދޮވެ، ރޯނުގައި އަޅައި ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ކަރްނާޓަކާ ސްޓޭޓްގެ މަންޑިއާ ސިޓީގެ މަރަނަޗަކަނަހައްލީ އަވަށުގެ މީހުންނެވެ. އެ މީހުން މިކަން ކުރާ މަންޒަރު ފެންނަ ވީޑިއޯ ވެސް ބައެއް މީޑިއާތަކުން ގެނެސް ދީފައިވެ އެވެ. އެގޮތުން 2،000 އާއި 500 އާއި 100 ރުޕީސްގެ ނޫޓްތައް ދޮންނަ މަންޒަރު ފެނެ އެވެ.

އެ އަވަށުން ވާހަކަ ދެއްކި ކުމާރު ގައުޅާ ބުނީ ނޫޓްތަކުން ފަކުރު ކަންތައް ކުރާ މަންޒަރު ފެންނަ ވީޑިއޯތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ތިބީ ނަގުދު ފައިސާގެ މުއާމަލާތްކުރަން މިހާރު ބިރުން ކަމަށެވެ. ނަމަވެސް ފައިސާގައި އަތްނުލައި ވާނެ ގޮތެއް ނެތް ކަމަށް ބުންޏެވެ.

"އެހެންވެ އަތަށް ނޫޓް އެރީމަ ރައްކާތެރިކަމަށްޓަކައި ނޫޓްތައް ދޮންނަނީ،" ކުމާރު ބުންޏެވެ. "އަހަރެމެންނަށް އާމްދަނީ ލިބެނީ ދަނޑުގޮވާންކޮށްގެން. މި ތަކެތީގެ ވިޔަފާރި މުއާމަލާތް މި ކުރަނީ ސީދާ ނަގުދު ފައިސާ އިން. އެކަމަކު ގަސްތުގައި ބަޔަކު ނޫޓްތައް ހަޑިކުރާތީ އެއްވެސް ޔަގީންކަމެއް ނެތް އެފަދަ ނޫޓެއް ނޫން ކަމެއް އަތަށް އަރަނީކީއެއް."

އަވަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ކަމާބެހޭ ފަރާތްތަކުން އިލެކްޓްރޯނިކް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރަން އިލްތިމާސްކުރިޔަސް އެއީ ރައްޔިތުންގެ ތެރޭގައި އެހާ އަހުލުވެރި ކަމެއް ނޫން ކަމަށެވެ.

"އެހެންވެ ނޫޓްތަކުގެ ޒަރީރާ އިން ކޮރޯނާވައިރަސް ޖެހިދާނެތީ ވަރަށް ބިރުން މިތިބީ." އޭނާ ބުންޏެވެ.

މި މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ވެސް އައިސްފައިވާތީ، އާންމުންފެ މެދުގައި ހޭލުންތެރިކަން އުފައްދަން ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.

ކޮވިޑް-19 ގައި އިންޑިއާ އިން މިހާތަނަށް 200 އެއްހާ މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު 6،000 އަށް ވުރެ ގިނަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު 500 އަށް ވުރެ ގިނަ އެވެ.

ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ދަށުން އިންޑިއާގައި ވަނީ މިދިޔަ މަހުގެ 22 އިން ފެށިގެން 21 ދުވަހުގެ ލޮކްޑައުންއެއް ވެސް އިއުލާންކޮށްފަ އެވެ.