Roadha Mihaaru

ޗެލްސީން ނޯޔާ ގެންނަން މަޝްވަރާތައް ފަށައިފި

މިއުނިކް (އޭޕްރީލް 6) - ބަޔާން މިއުނިކްގެ ގޯލްކީޕަރު މެނުއަލް ނޯޔާ ގެންނަން އޭނާގެ އޭޖެންޓާ އެކު ޗެލްސީން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޗެލްސީން ނޯޔާ ގެންނަން މަޝްވަރާތައް ފަށައިފި
އައްޒާމް އަލިފުޅު
އައްޒާމް އަލިފުޅު

06 އެޕްރީލް 2020

މިއުނިކް (އޭޕްރީލް 6) - ބަޔާން މިއުނިކްގެ ގޯލްކީޕަރު މެނުއަލް ނޯޔާ ގެންނަން އޭނާގެ އޭޖެންޓާ އެކު ޗެލްސީން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ ނޯޔާއާ އެކު ބަޔާނުން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އަހަރެއްހާ ދުވަސް އޮތްއިރު، އެ ޓީމުން އަންނަނީ އެއްބަސްވުން އާ ކުރަން މަޝްވަރާކުރަމުންނެވެ. ބަޔާނުން ނޯޔާ އަށް ދޭން ބޭނުންވަނީ ދެ އަހަރުގެ އެއްބަސްވުމެކެވެ. އެކަމަކު ނޯޔާ ވަނީ ފަސް އަހަރަށް ވުރެން ކުޑަ ކޮންޓްރެކްޓެއްގައި ސޮއިނުކުރާނެކަން އެ ކްލަބަށް އަންގައިފަ އެވެ.

ޗެލްސީގެ ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާއާ މެދު އެ ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް ހިތްހަމަނުޖެހޭތީ އެ ޓީމުން އަންނަނީ ތަޖުރިބާކާރު ގޯލްކީޕަރެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން ބަޔާނުގެ އެއްބަސްވުން އާ ކުރަން ނޯޔާ ދެކޮޅު ހަދަމުންދާ މި ދަނޑިވަޅުގައި ޗެލްސީން ވަނީ ނޯޔާގެ އޭޖެންޓް ފްރޭންކް ކްރޮތާ އެކު މަޝްވަރާކުރަން ފަށައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ނޯޔާގެ ވިސްނުން ހުރީ މުސާރަ އަކަށް ވުރެން ބޮޑަށް އޭނާ އަށް ދިގު މުއްދަތެއްގެ އެއްބަސްވުމެއް ހުށަހަޅާ ޓީމަކަށް ބަދަލުވުމުގެ ވިސްނުމުގަ އެވެ. ދާދިފަހުން ނޯޔާ ވަނީ އުމުރުން 40 އަހަރު ވަންދެން ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ.

އާސެނަލާއި ޖަރުމަނު ގައުމީ ޓީމަށް ކުރިން ކުޅުނު ގޯލްކީޕަރު ޔެންސް ލޭމަން ބުނީ ނޯޔާ އަށް އަދިވެސް ފަސް ވަރަކަށް އަހަރު އެންމެ މަތީ ފަންތީގައި ކުޅޭވެނެ ކަމަށާއި މޮޅު ކީޕަރުން ތެރޭގައި ހިމެނެން އެހެން ލީގެއްގައި ނޯޔާ އޭނާގެ ފެންވަރު ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.

ޖަރުމަނުގެ ޝާލްކާ އިން 2004 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ނޯޔާ ބަޔާނަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އެ ފަަހަރު އޭނާ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލުން ވެސް މަސައްކަތްކުރި އެވެ. ނޯޔާ ވަނީ ބަޔާނާ އެކު ގިނަ މުބާރާތްތަކެއްގެ ތަށި އުފުލާލައިފަ އެވެ.