Roadha Mihaaru

ބެޔާން ދެ ވަނަ ބުރަށް، ފްލެމިންގޯ އިން ޗެލްސީ ބަލިކޮށްފި

އާޖެންޓީނާގެ ބޮކާ ޖޫނިއާސް 2-1 އިން ބަލިކޮށް ޖަރުމަނުގެ ބެޔާން މިއުނިކުން އަދި، އިނގިރޭސި ގަދަބާރު ޗެލްސީ 3-1 އިން ބަލިކޮށް ބްރެޒިލްގެ ފްލެމިންގޯ އިން ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

ބްރެޒިލްގެ ފްލެމިންގޯ އިން ޗެލްސީ ބަލިކޮށްފި

އާޖެންޓީނާގެ ބޮކާ ޖޫނިއާސް 2-1 އިން ބަލިކޮށް ޖަރުމަނުގެ ބެޔާން މިއުނިކުން އަދި، އިނގިރޭސި ގަދަބާރު ޗެލްސީ 3-1 އިން ބަލިކޮށް ބްރެޒިލްގެ ފްލެމިންގޯ އިން ފީފާ ކްލަބް ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.

އެމެރިކާގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ސީ އިން ބެޔާން ދެ ވަނަ ބުރަށް ދިޔައީ ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ހަ ޕޮއިންޓާ އެކު އެވެ. މި ގްރޫޕުގެ ދެ ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ޕޯޗުގަލްގެ ބެންފީކާ އެވެ. އެއް ޕޮއިންޓާ އެކު ބޮކާ ތިން ވަނައިގައި އޮތްއިރު މެޗަކުން މޮޅުނުވެ ފުލުގައި އޮތީ ނިއުޒީލެންޑުގެ އޮކްލެންޑް ސިޓީ އެވެ. އެ ޓީމަށް ދެ ވަނަ ބުރުގެ ފުރުސަތެއް މިހާރު ނެތެވެ.

މަޔާމީ ގާޑެންސްގެ ހާޑްރޮކް ސްޓޭޑިއަމުގައި ރޭ ބެޔާން މޮޅުވި މެޗުގައި އެ ޓީމަށް ގޯލު ހުޅުވާލަދިނީ 18 ވަނަ މިނެޓުގައި ހެރީ ކޭން އެވެ. އޭގެ ފަހުން 66 ވަނަ މިނެޓުގައި ބޮކާގެ މިގުއެލް މެރެންޓިއެލް ނަތީޖާ ހަމަހަމަކުރި އެވެ. ބެޔާން މޮޅުވީ 84 ވަނަ މިނެޓުގައި މައިކަލް އޮލިސޭ ޖެހި ގޯލުންނެވެ.

ގްރޫޕް ޑީ އިން ފްލެމިންގޯ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ވެސް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެވެ. ޗެލްސީ ދެ ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ތޫނިސްގެ އެސްޕަރެންސޭ އެވެ. ދެ މެޗުން ބަލިވެ ފުލުގައި އޮތް އެމެރިކާގެ ލޮސް އެންޖެލިސް ގެލެކްސީ ވަނީ މުބާރާތުން ކަޓައިފަ އެވެ. މި ގްރޫޕުން ދެ ވަނަ ބުރުގެ ފުރުސަތު ދެން ލިބޭނީ އަންގާރަ ދުވަހު ޗެލްސީ އާއި އެސްޕަރެންސޭ ކުޅެ މޮޅުވާ ޓީމަކަށެވެ.

ފިލަޑެލްފިއާގެ ލިންކަން ފިނޭންޝިއަލް ފީލްޑުގައި ރޭ ޗެލްސީން ވަނީ 13 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯގެ ގޯލުން ލީޑު ނަގައިފަ އެވެ. ޗެލްސީ މޮޅުވާން ދަނިކޮށް ފްލެމިންގޯ އިން މަންޒަރު ބަދަލުކޮށްލީ 62 ވަނަ މިނެޓުގައި ބްރޫނޯ ހެންރީކޭ އަދި، 65 ވަނަ މިނެޓުގައި ޑަނީލޯ ޖެހި ގޯލުތަކުންނެވެ. ޗެލްސީ އަށް އިތުރު މައްސަލަތަކެއް ދިމާވީ 68 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން އަށް ރަތްކާޑެއް ދެއްކުމުންނެވެ. ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ފިލިއްޕޭ ލުއިސް ކޯޗުކޮށްދޭ ފްލެމިންގޯގެ ފަހު ލަނޑު 83 ވަނަ މިނެޓުގައި ޖެހީ ވެލަސް ޔާން އެވެ.