Roadha Mihaaru
ސުޕްރީމް ކޯޓުގެ އެންގުމުން މިިނިވަންކަމަށް އަސަރު ނުކުރޭ

ކޮޮވިޑް-19 އާ ގުޅިގެން ސުޕްރީމް ކޯޓުން ދިން އިރުޝާދުގެ ސަބަބުން ކޯޓުތަކުގެ މިނިވަން ކަމަށް އަސަރެއް ނުކުރޭ: ޖޭއެސްސީ

05 އެޕްރީލް 2020

ކޮވިޑް-19 އާ ގުޅިގެން ކޯޓުތަކުން އަމަލު ކުރަންޖެހޭ ގޮތްތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އަސަރު ކުރާނެ ތަނެއް ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ކޯޓުތަކުން އަމަލު ކުރަންޖެހޭ ގޮތްތަކާ ބެހޭގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ސާކިއުލާގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އަސަރު ކުރާނެ ތަނެއް ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވެސް ބަންދު ކޮށްފައިވާއިރު، މި ދުވަސްވަރު ކޯޓުތަކުން އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކޮށް ސުޕްރީމް ކޯޓުން ކުރިން ވަނީ ސާކިއުލާއެއް ނެރެފަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ސާކިއުލާއާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވޭތީ އެކަމާ މެދު އެ ކޮމިޝަންގެ މިއަދު ޖަލްސާގައި މެމްބަރުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސުޕްރީމް ކޯޓުން އެކަމުގައި އެހެން ކޯޓުތަކަށް ދީފައިވާ އިރުޝާދުތަކަކީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، ދީފައިވާ އިރުޝާދުތަކެއް ކަމަށާއި އޭގެ ސަބަބުން ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މިނިވަން ކަމަށް އަސަރު ކުރާނެ ތަނެއް ނެތް ކަމަށް ކޮމިޝަންގެ މެމްބަރުން ފާހަގަ ކުރެއްވި ކަމަށް ޖޭއެސްސީން ބުންޏެވެ.

މީގެ އިތުރުން ވ. ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްޣަފޫރު މުހައްމަދު މަގާމުން މުސްކުޅިކޮށް ދިނުމަށް އެދިވަޑައިގެންފައިވާތީ، އެގޮތުގެ މަތިން އޭނާ ވަޒީފާ އިން މުސްކުޅިކޮށް ދިނުމަށް އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ކޯޓުތަކުގެ ޝަރީއަތްތައް ވެސް ވަގުތީ ގޮތުން އޮތީ މެދުކަނޑާލައިފަ އެވެ. އެކަމަކު ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތަކާއި ބަންދާ މެދު ގޮތެއް ނިންމުން ފަދަ މަސައްކަތްތަކުގެ އިތުރުން މައްސަލަތައް ހުށަހެޅުމާއި ބަލައިގަތުމުގެ މަސައްކަތް އަދިވެެސް ކުރިއަށް ގެންދެ އެވެ. އަދި އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ އިންތިޒާމް ވެސް ކޯޓުތަކުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ނުވަ މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އޭގެ ތެރެއިން 13 މީހަކު މިހާރު ވަނީ ރަނގަޅުވެފަ އެވެ. އެކަމަކު ބާކީ ތިބި މީހުންގެ ތެރޭގައި އިނގިރޭސިވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކު ހިމެނެ އެވެ.