Roadha Mihaaru
ޖޭއެސްސީގެ މަސައްކަތްތައް ގޭގައި ކުރިއަށް ގެންދަނީ

ޖޭއެސްސީގެ މެމްބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރަން ނިންމައިފި

31 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްތައް ކުރިއަށް ގެންދަން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްތައް ކުރިއަށް ގެންދަން މިއަދު ނިންމައިފި އެވެ.

ކޮޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި އަނެއްކާވެސް އިތުރު އެއް ހަފުތާއަށް އޮފީސްތައް ބަންދުކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމައިފަ އެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރު އޮފީސްތައް ބަންދު ކޮށްފައި ވިޔަސް، މި ހާލަތު އިތުރަށް ދިގު ދެމިގެން ދިއުމުގެ ފުރުސަތު އޮތުމުން އެ ކޮމިޝަންގެ މަސައްކަތްތައް މެދުކެނޑުނަ ނުދިނުމަށްޓަކައި އެ ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ގޭގައި ތިބެގެން ރަސްމީ މަސައްކަތްތައް ކުރިއަށް ގެންދަން އެކަމާ ބެހޭ އުސޫލެއް އެކުލަވާލައި، މާދަމާ އިން ފެށިގެން އަމަލު ކުރަން ފަށާނެ ކަމަށެވެ. އަދި އެ އުސޫލުގެ ދަށުން މުވައްޒަފުންނަށް ފަސޭހަ ވަގުތުތަކުގައި ކަނޑައެޅޭ ވަކި ޓާގެޓަކަށް މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އާންމުންނަށް ފޯރުކޮށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށް ދިނުމަށްޓަކައި އެ ކޮޮމިޝަނަށް ފޮނުވާ ހުރިހާ ލިޔުންތަކެއް އީމެއިލް މެދުވެރިކޮށް ފޮނުވުމުން އެ ލިޔުންތައް ބަލައިގަނެ، މަސައްކަތްތައް ކުރިއަށް ގެންދަން ވެސް، މައިކްރޯސޮފްޓް އޮފީސް ޓީމްސް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައިވާ ގޮތުން މި ހާލަތު ދިގު ދެމިގެން ދިޔަޔަސް، ކޯޓުތަކުގެ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށްވާތީ އެ ކޮމިޝަނާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކާ އެކު މަޝްވަރާކޮށް، ކޯޓުތަކަށް ބޭނުންވާ ވަސީލަތްތަކާއި އިންތިޒާމްތައް ދެނެގަތުމަށް ވެސް އެ ބައްދަލުވުމުގައި ނިންމާފައިވެ އެވެ.

ޖޭއެސްސީން އެގޮތަށް ނިންމިއިރު، ކޯޓުތަކުން ވެސް ވަނީ ސަރުކާރު ބަންދު ކޮށްފައިވާ މުއްދަތުުގައި މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމްތައް ހަމަޖައްސައިފަ އެވެ. އެކަމަކު ބަންދާ މެދު ގޮތެއް ނިންމުމާއި ކޮންމެހެން ބާއްވަންޖެހޭ ޝަރީއަތްތައް ނޫން އެހެން ޝަރީއަތްތައް އެ މުއްދަތުގައި ނުބާއްވާނެ އެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން 18 މީހަކު ޕޮޒިޓިވް ވިޔަސް، އޭގެ ތެރެއިން ފަސް މީހަކު ފިޔަވައި ދެން ތިބި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ފަސް މީހުންގެ ތެރެއިން ތިން މީހަކީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެހިންނެވެ.