Roadha Mihaaru
ހާސްނުވޭ، ކާޑުގެ ބާވަތްތައް ލިބޭނެ: އިންޑިއާ

ލޮކްޑައުން ކުރިޔަސް ކާޑުގެ ބާވަތްތައް ރާއްޖެ އަށް ލިބޭނެ: އިންޑިއާ

25 މާޗް 2020

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން 21 ދުވަހުގެ މުއްދަތަށް މުޅި އިންޑިއާ ބަންދުކޮށްފައިވީ ނަމަވެސް އެ ގައުމުން ރާއްޖެ އަށް ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށާއި އެކަމާ ހާސްނުވުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެށިގެން 21 ދުވަހުގެ މުއްދަތަށް މުޅި އިންޑިއާ ބަންދުކޮށްފައިވީ ނަމަވެސް އެ ގައުމުން ރާއްޖެ އަށް ކާޑުގެ ބާވަތްތައް ލިބޭނެ ކަމަށާއި އެކަމާ ހާސްނުވުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން މިއަދު އެދިއްޖެ އެވެ.

އެ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ، ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ލޮޖިސްޓިކް އުނދަގޫތައް ކުރިމަތިވިޔަސް، ކުރިއެކޭ އެއްގޮތަށް ހަނޑޫ، ހަކުރު އަދި ފުއް ލިބޭނެ ކަމަށެވެ. މިހާރު ވެސް 20 ދުވަހަށް ވާ ވަރަށް ހަނޑުލާއި ހަކުރު ރާއްޖެ އަށް ފޮނުވާފައިވާ ކަމަށާއި އެ ޝިޕްމަންޓް ވަރަށް އަވަހަށް މާލެ އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު 1،500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރު އަންނަނީ ޓުޓިކޮރިން ބަނދަރުގައި ބަރުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.

"ކާޑުގެ ބާވަތްތައް ނުލިބޭނެ ކަމަށް ހާސްވެ، ބިރުން އުޅޭނެ ކަމެއް ނެތް."

ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ރޭ 12:00 އިން ފެށިގެން މުޅި އިންޑިއާ ވަނީ ލޮކްޑައުންކޮށްފަ އެވެ. އާބާދީގައި 1.3 ބިލިއަން މީހުން ހިމެނޭ އިންޑިއާ އިން 519 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު 10 މީހުން ވަނީ މިހާތަނަށް މަރުވެފަ އެވެ.

ރާއްޖެ އަށް ކާޑުގެ ބާވަތްތައް އެތެރެކުރާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރިން ވިދާޅުވީ ހުސްނުވެ ކާޑާއި ބޭސް ލިބޭނެ ކަމަށެވެ. އެހެންވެ، މިއީ ކޮންމެ ގެއެއްގެ ސިޓިން ރޫމަކީ ކާޑު ގުދަނަކަށް ހަދަންވީ ވަގުތު ނޫން ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ކަމާބެހޭ އިދާރާތްތަކާ ގުޅިގެން މި މަހުގެ ކުރީކޮޅު ބޭއްވި ނިއުސް ކޮންފަރެންސްގައި އަމްރު ވަނީ އާންމުކޮށް ހުސްނުވެ، ބަރާބަރަށް ކާޑުގެ ބާވަތްތައް ލިބެން ހުންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"މި ވަގުތަކީ ކޮންމެ ގެ އެއްގެ ކޮޓަރި ކަންމަތީ ފިހާރައަކަށް ހަދަންޖެހޭ ވަގުތެއް ވެސް ނޫން. ހަމަ އާންމުކޮށް، ކައިބޮއެ އުޅުނީމާ އަޅުގަނޑަށް ހީވަނީ ހުރިހާ ބޭފުޅުންނަށް އެ ކަން ރަނގަޅަށް ކުރެވިދާނެހެން،" އަމްރު ވިދާޅުވި އެވެ.