Roadha Mihaaru
ކޮވިޑާ ގުޅުވައިގެން، ވަޒީފާ ދަށްކުރާތީ 78 ޝަކުވާއެއް

ކޮވިޑާ ގުޅުވައިގެން، ވަޒީފާ ދަށްކޮށް، މުސާރަ ކުޑަކުރާތީ 78 ޝަކުވާއެއް

24 މާޗް 2020

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އައިސް ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިތަކާ ގުޅުވައިގެން، ވަޒީފާ ދަށްކޮށް، މުސާރަ އާއި އެލަވަންސް ކުޑަކުރާތީ މިދިޔަ ތިން ދުވަސް ތެރޭގައި 78 ޝަކުވާއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އައިސް ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިތަކާ ގުޅުވައިގެން، ވަޒީފާ ދަށްކޮށް، މުސާރަ އާއި އެލަވަންސް ކުޑަކުރާތީ މިދިޔަ ތިން ދުވަސް ތެރޭގައި 78 ޝަކުވާއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ކޮވިޑާ ގުޅުވައިގެން، ވަަޒީފާތަކުން މީހުން ވަކި ކުރާ ނަމަ ނުވަތަ މުސާރަތައް ދަށް ކުރާ ނަމަ އެކަން އެންގުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެދިފަ އެވެ. އެ މައުލޫމާތު މިނިސްޓްރީން ހޯދަމުން އަންނަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ، 78 މީހަކު ޝަކުވާ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ ވަޒީފާ އިން ވަކިކޮށްގެންނާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދިން މައްސަލަތަކެވެ.

އެންމެ ގިނަ ޝަކުވާ ހުށަހަޅައިފައިވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަޒީފާއާ ގުޅޭ ޝަކުވާތައް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެނީ jobcenter.mv އަށް މެއިލް ކޮށްގެންނެވެ.

މައުލޫމާތު ހުށަހަޅާއިރު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުންތައް ވެސް ހުށަހެޅުމަށް މިނިސްޓްރީން އެދެ އެވެ.

މިހާރު ވެސް ބައެއް ރިސޯޓުތަކާއި އަމިއްލަ އެހެނިހެން ކުންފުނިތަކުން ވަނީ އެ ތަންތަނުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދަށް ކުރަން ނިންމައި އެކަން އެ މީހުންނަށް އަންގައި ވެސްފަ އެވެ.

ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތް ކުރުމަށްޓަކައި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ސަރުކާރުން ވަނީ ތައާރަފު ކޮށްފަ އެވެ. އެކަމަކު، އެ ޕެކޭޖަށް އެދި ހުށަހެޅުމުގެ އެއް ޝަރުތަކީ އެ ކުންފުންޏެއްގެ މުވައްޒަފުންގެ މުސާރަ އިން އުނި ނުކުރުމެވެ.