Roadha Mihaaru
ރާއްޖެ އަންނަ ފްލައިޓްގެ އަދަދު 60 ޕަސެންޓް ދަށަށް!

އިއްޔެ އައީ އެންމެ 16 ފްލައިޓް، ރާއްޖެ އަންނަ ފްލައިޓްތަކުގެ އަދަދު 60 ޕަސެންޓް ދަށަށް!

23 މާޗް 2020

އިއްޔެ ރާއްޖެ އަންނަން އިންޓަނޭޝަނަލް 43 ފްލައިޓް ޝެޑިއުލް ކޮށްފައި އޮތް ނަމަވެސް އައީ އެންމެ 16 ފްލައިޓް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިއްޔެ ރާއްޖެ އަންނަން އިންޓަނޭޝަނަލް 43 ފްލައިޓް ޝެޑިއުލް ކޮށްފައި އޮތް ނަމަވެސް އައީ އެންމެ 16 ފްލައިޓް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގައުމުތަކުން ދަތުރުފަތުރު ކުރުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މިއާ އެކު ގުޅިގެން ރާއްޖެ އަށް ދަތުރުކުރާ ގިނަ އެއާލައިންތައް އައުން ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އާދިއްތަ ދުވަހަކީ އާންމު ގޮތެއްގައި ވެސް އެއާޕޯޓަށް އެންމެ ބާރު ބޮޑު އެއް ދުވަހެވެ.

އެހެން ނަމަވެސް އިއްޔެ ޝެޑިއުލްގައި ހުރި ފްލައިޓްތަކުގެ ދެ ބައިކުޅައެއްބައެއް ވެސް އައިސްފައެއް ނުވެ އެވެ. އިއްޔެ ކޮށްފައި ވަނީ 25 ޑޮމެސްޓިކް ދަތުރެވެ.

ކޮވިޑް-19 އާ ގުޅިގެން އެމްއޭސީއެލް އިން އަންނަނީ އެއާޕޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އެއާޕޯޓުގެ އެކި ސަރަހައްދުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ވަނީ ގިނަ ގައުމުތަކަކުން މީހުން އައުން މަނާކޮށްފަ އެވެ. އެގޮތުން މިބަލި އެންމެ ބޮޑަށް ފެތުރުނު ޗައިނާ އާއި އިޓަލީ އާއި ސައުތު ކޮރެއާ އާއި ޖަޕާނާއި ސްޕެއިން އާއި ޖާމަނީ އާއި ފްރާންސްގެ ބަޔެއް ސަރަހައްދުތަކުގެ އިތުރުން މެލޭޝިއާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުން މީހުން އައުން ވަނި މަނާކޮށްފަ އެވެ.

މިބަލި ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑުގައި ފެތުރެމުންދާ އިރު، ރާއްޖެ އަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖެއިން ބޭރުގެ ގައުމަކަށް ގޮސްފައި އަންނަ ހުރިހާ ދިވެހިން 14 ދުވަހަށް ކަރަންޓީނު ކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. މި ބަލި ރާއްޖެއިން 13 މީހަކަށް ޖެހުނު އިރު އޭގެ ތެރެއިން ތިން މީހުން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.