Roadha Mihaaru
އޮސްޓްރޭލިއާގެ ހުރިހާ ސިނަމާތަކެއް ބަންދުކޮށްފި

ކޮވިޑް-19އާ ހެދި އޮސްޓްރޭލިއާގެ ހުރިހާ ސިނަމާތަކެއް ބަންދުކޮށްފި

24 މާޗް 2020

ކޮރޯނާވައިރަސް ފެތެރުމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮސްޓްރޭލިއާގެ ހުރިހާ ސިނަމާތަކެއް ހޯމަ ދުވަހުން ފެށިގެން ބަންދުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަސް ފެތެރުމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮސްޓްރޭލިއާގެ ހުރިހާ ސިނަމާތަކެއް ހޯމަ ދުވަހުން ފެށިގެން ބަންދުކުރަން ނިންމައިފި އެވެ.

އެ ގައުމުގެ ފެޑެރަލް ސަރުކާރުން ބުނީ ކޮވިޑް-19 ރޯގާގެ މި ހާލަތުގައި ސިނަމާތައް ހުޅުވުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން ކަމަށާއި މިއީ އުނދަގޫ އެތައް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ވަގުތެއް ކަމަށެވެ. އޮސްޓްރޭލިއާގެ ހުރިހާ ސިނަމާތަކެއް ބަންދުކުރަން ނިންމި އިރު، އެތަންތަން ވަގުތީ ގޮތުން ބަންދުކޮށްފައި ބާއްވާނީ ކިހާ މުއްދަތަކަށް ކަމެއް ހާމައެއްނުކުރެ އެވެ.

ނަމަވެސް ސަރުކާރުން ބުނީ އަލުން ސިނަމާތަކަށް ހުޅުވަން ހުއްދަދޭނީ ކޮރޯނާވައިރަހުގެ ހާލަތަށް އަންނަ ކުރިއެރުންތަކަށް ބެލުމަށް ފަހު ކަމަށެވެ.

މިގޮތަށް ނިންމި އިރު އޮސްޓްރޭލިއާގައި ބޮޑު ތަރުހީބެއް އޮންނަ ހޮލީވުޑާއި ބޮލީވުޑް ފިލްމު އިންޑަސްޓްރީ ވެސް ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފަ އެވެ. އަދި އެތަންތަނުގެ ސިނަމާތައް ވެސް ބަންދުކޮށްފައިވާ އިރު، މި ދަނޑިވަޅުގައި އަޅުވަން ތާވަލުކޮށްފައި ފިލްމުތަކުގެ ތާރީހުތަކަށް ދަނީ ބަދަލުތައް ގެންނަމުންނެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އާދީއްތަ ދުވަހު ވިދާޅުވީ ކޮރޯނާވައިރަހުގެ މި ނާޒުކު ދަނޑިވަޅުގައި އުނދަގޫ އެތަކެއް ފިޔަވަޅެއް އަޅަން މަޖުބޫރުވެފައިވާ އިރު، ސަރުކާރުން އަންގާ އެންގުންތަކާ އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލުކުރުމަކީ ވަރަށް ވެސް މުހިއްމު ކަމެއް ކަމަށެވެ.

"އެކަމަކު އަދިވެސް އަހަރެމެން އުންމީދުކުރާ ވަރުގެ އިޖާބައެއް އާންމުންގެ ފަރާތަކުން ނުލިބޭ. މިކަހަލަ ސަބަބުތަކާ ހެދި ފިޔަވަޅުތައް އެބަޖެހޭ އިތުރުކޮށް، ވަރުގަދަކުރަން." އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގައި އޮސްޓްރޭލިއާ އިން މިހާތަނަށް މަރުވި މީހުންގެ އަދަދު 10 އާ ގާތްކޮށްފައިވާ އިރު، ޕޮޒިޓިވް މީހުންގެ އަދަދު 1،600 އަށް ވުރެ ގިނަ އެވެ.

މިކަމާ ހުރެ އެ ގައުމުގެ ކެފޭ/ރެސްޓޯރަންޓްތަކާއި ޖިމްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި އެ ނޫން އެފަދަ އެތައް ތަނެއް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. އެކަމަކު ފުރަތަމަ ޓާމްގެ ކިޔެވުން ނިމެންދެން ސްކޫލްތަކުގައި ކިޔަވައިދޭން ވަނީ ނިންމައިފަ އެވެ.