Roadha Mihaaru
އާންމުން ތެރޭގައި ވައިރަސް ފެތުރޭކަމުގެ ނިޝާނެތް ނެތް

ކޮވިޑް-19: އާންމުންގެ މެދުގައި ވައިރަސް ފެތުރޭ ނިޝާނެއް ނެތް، އެކަމަކު ބިރު އަދިވެސް އެބައޮތް: ޑރ. ނަޒްލާ

19 މާޗް 2020

ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ބިރު އޮތް ނަމަވެސް، އާންމުންގެ ތެރޭގައި އެ ބަލި ގައިން ގަޔަށް ފެތުރިގެން ހިނގައިދާނެކަމުގެ ނިޝާންތައް އަދި ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ބިރު އޮތް ނަމަވެސް، އާންމުންގެ ތެރޭގައި އެ ބަލި ގައިން ގަޔަށް ފެތުރިގެން ހިނގައިދާނެކަމުގެ ނިޝާންތައް އަދި ނުފެންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އާންމުންގެ މެދުގައި ކޮރޯނާވައިރަސް ފެތުރޭކަމަށް ބެލެވޭނީ އެއްވެސް ތަނަކަށް ދަތުރެއް ކޮށްފައިނުވާ އަދި މި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއްވެސް ކޮންޓެކްޓެއް ނެތް މީހުންގެ ގައިން މި ބަލި ފެނުމުންނެވެ.

ކޮވިޑް-19އާ ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19އަށް ޓެސްޓު ކުރުމުގައި މިހާރު ޝައްކު ކުރެވޭ މީހުންގެ އިތުރަށް ވެސް މީހުން ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކްރައިޓީރިއާ އަށް ނުފެތުނަސް ޓްރެވަލް ކްލިނިކަށް އަންނަ މީހުންނާއި އެއްވެސް ބޭރު ދަތުރެއް ކުރުމަށްފަހު އެއްވެސް ކަހަލަ ބައްޔެއް ފެންނަ މީހަކު ހުރި ނަމަ އެ މީހަކު ޓެސްޓުކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރަށް ރޯގާ އާއި ގައިން ގަޔަށް އަރާ އަދި ނޭވާލާ ނިޒާމުގެ ބަލިތައް ފެތުރޭ މިންވަރު ބެލުމަކީ އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި އެހެންނަމަވެސް މިހާރު އިތުރު ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށެވެ. މިވަރަށް މޮނިޓާ ކުރަމުން އަންނަނީ ކިރިޔާވެސް ބަލީގެ އަލާމާތެއް ހުރި މީހެއްތޯ ބެލުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް 13 މީހުން ޕިޒިޓިވްވެފައިވާއިރު އެ އެންމެންނަކީ ވެސް ރާއްޖެ އިން ބޭރުން އައި މީހުންނާއި، ރާއްޖެ އިން ބޭރުން އައި އެ ބައްޔަށް ޕޮޒިޓިވް މީހަކާ ސީދާ ކޮންޓެކްޓް ވެފައިވާ މީހުން ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވީމާ މި ވަގުތަށް ބަލައި މިބަލި އާންމުންގެ ތެރޭގައި ފެތުރުމުގެ އެއްވެސް ނިޝާނެއް އަދި ނުފެންނަ ކަމަށް ޑރ.ނަޒްލާ ވިދާޅުވި އެވެ.

މި ވަގުތަށް ބަލައި މިބަލި އާންމުންގެ ތެރޭގައި ފެތުރުމުގެ އެއްވެސް ނިޝާނެއް އަދި ނުފެނޭ. އޭގެ މާނަކައަކީ ރާއްޖޭގައި ދެން މިބަލި ނުފެތުރޭނެއެކޭ ނޫން. އަދިވެސް ރާއްޖޭގައި މި ބަލި އޮތްކަން އެންމެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ: ޑރ.ނަޒްލާް

އެހެންނަމަވެސް އޭގެ މާނަކައަކީ ރާއްޖޭގައި ދެން މިބަލި ނުފެތުރޭނެއެކޭ ނޫން ކަމަށާއި އަދިވެސް ރާއްޖޭގައި މި ބަލި އޮތްކަން އެންމެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެ ކަމަށް ޑރ. ވިދާޅުވި އެވެ. އަދި ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް ބޯލަނބައި އަމިއްލަ ފަރުދީ ޒިންމާ އަދާކުރުމަށް ޑރ. ނަޒްލާ މިއަދު ވެސް ވަނީ އެދިވަޑައިގެންފަ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ 13 ކޭސް ފެނިފައިވާއިރު، މި ހުރިހާ ކޭހެއް ވެސް ފެނިފައިވަނީ ރިސޯޓުތަކާއި ސަފާރީތަކުންނެވެ. އަދި މިއީ މުޅިން ވެސް ރާއްޖެއިން ބޭރުން އައި މި ބައްޔަށް ޕިޒިޓިވް މީހުންނާއި ރާއްޖޭގައި އެ މީހުންނާ ސީދާ ކޮންޓެކްޓް ވެފައިތިބި މީހުންނެވެ.

މިބަލި މިހާތަނަށް ދިވެއްސަކަށް ޖެހިފައިނުވާއިރު އަދި މާލެއިންވެސް ފެނިފައެއް ނުވެ އެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި އާންމުން އެއްވެ އުޅޭ ތަންތަން ބަންދުކޮށް ސްކޫލްތަކާއި ކޮކެޖުތައްވެސް ބަންދު ކުރުމަށްފަހު މިހާރު ވަނީ އެއް ހަފްތާ އަށް ސަރުކާރު ވެސް ބަންދުކޮށްފަ އެވެ.

ކަމާބެހޭ ތަޖުރިބާކާރުން ބުނާގޮތުގައި ކުރިއަށް އޮތް ދެ ހަފްތާއަކީ މި ބަލި އެންމެ ބޮޑަށް ފެތުރިގެންދާނެ ކަމަށް ލަފާކުރާ ހަފްތާތަކެވެ. އަދި މި ދުވަސްވަރު މި ބަލި ކޮންޓްރޯލްކުރުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް ނާޅައިފި ނަމަ މި ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ސިއްހީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.