Roadha Mihaaru
250،000 ޑޮލަރުގެ ޗެކެއް "ގެއްލިއްޖެ"

250،000 ޑޮލަރުގެ ޗެކެއް ބޭންކްތެރެއިން "ގެއްލިގެން" ދައުވާކުރަނީ

10 އޮކްޓޯބަރ 2016

މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގައި ހުޅުވާފައިވާ އެކައުންޓަކުން ދޫކުރި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) ގެ ޗެކެއް އެ ބޭންކު ތެރެއިން ގެއްލުމުން އޭގެ ބަދަލު ހޯދަން އެމްސީބީއާ ދެކޮޅަށް ކަސްޓަމަރަކު ދައުވާކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގައި ހުޅުވާފައިވާ އެކައުންޓަކުން ދޫކުރި 250،000 ޑޮލަރު (3.8 މިލިއަން ރުފިޔާ) ގެ ޗެކެއް އެ ބޭންކު ތެރެއިން ގެއްލުމުން އޭގެ ބަދަލު ހޯދަން އެމްސީބީއާ ދެކޮޅަށް ކަސްޓަމަރަކު ދައުވާކޮށްފި އެވެ.

މއ. އެވާގްލޯރީ އަބްދުﷲ އާރިފްގެ ފަރާތުން އެމްސީބީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އޭނާ ދޫކުރި 250،000 ޑޮލަރުގެ ޗެކާ ބޭންކުން ހަވާލުވުމަށް ފަހު އެ ޗެކްގެ އަސްލު އެ ބޭންކް ތެރެއިން ގެއްލުމުން އޭނާ އެހެން ފަރާތަކަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދެއްކި، ޖޫރިމަނާގެ ގޮތުގައި 10.3 މިލިއަން ރުފިޔާ އަރާފައިވާތީ އެވެ.

އާރިފްގެ ފަރާތުން ކުރި ދައުވާގައި އެދިފައި ވަނީ ގެއްލުނު ޗެކްގައިވާ 250،000 ޑޮޮލަރާއި ޗެކް ގެއްލުމުގެ ސަބަބުން، އޭނާ އެހެން ފަރާތަކަށް ދައްކަންޖެހޭ ފައިސާތައް ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 10.3 މިލިއަން ރުފިޔާ އަކީ އެމްސީބީން ދައްކަންޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައި، އެ ފައިސާ ހޯދުމަށެވެ.

އެކަމަކު އެ ޗެކަކީ ކޮން ފަރާތަކަށް ދޫކުރި ޗެކެއް ކަމެއް އަދި އެއީ ކޮން ތާރީޚަކު ދޫކުރި ޗެކެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އެ މައްސަލަ މިހާރު އޮތީ ޝަރީއަތް ހިންގުމަށްޓަކައި ސިވިލް ކޯޓުގެ ފައިސާގެ ބޮޑެތި މައްސަލަ ބަލާ ޑިވިޝަންގަ އެވެ.

މީގެ އަހަރުތަކެއް ކުރިން 2011 ގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ މާލޭ ބްރާންޗްގައި ޝީޝާ ތިން ބެއިންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި 18 މިލިއަން ރުފިޔާ، ވަގު ލިޔުންތަކެއް ބޭނުންކޮށްގެން އެހެން ފަރާތެއްގެ އެކައުންޓެއް ޖަމާކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައިވަނީ އެ ފައިސާ ގެއްލުމުގައި އެ ބޭންކުގެ އިހުމާލު އެބައޮތް ކަމަށާއި ގެއްލުނު ފައިސާތައް ބޭންކުން ދޭންޖެހޭނެ ކަމަށެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ.