Roadha Mihaaru
އޮޓަމެޓިކުން ޗެކު ކްލިއާކުރަން ފަށައިފި

އޮޓަމެޓިކުން ޗެކު ކްލިއާކުރަން ފަށައިފި، އަންނަ އަހަރު ޑައިރެކްޓް ޑެބިޓު ފަށަނީ

15 ނޮވެމްބަރ 2016

ރާއްޖޭގެ ހުރިހާ ބޭންކަކަށް ޖަމާކުރާ ޗެކުތަކަށް އޮޓަމެޓިކް ކްލިއަރެންސް ހައުސްއެއް މެދުވެރިކޮށް ފައިސާ ޖަމާކޮށްދޭން މިއަދު ފަށައި ޑައިރެކްޓް ޑެބިޓުގެ ހިދުމަތް އަންނަ އަހަރު ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ ހުރިހާ ބޭންކަކަށް ޖަމާކުރާ ޗެކުތަކަށް އޮޓަމެޓިކް ކްލިއަރެންސް ހައުސްއެއް މެދުވެރިކޮށް ފައިސާ ޖަމާކޮށްދޭން މިއަދު ފަށައި ޑައިރެކްޓް ޑެބިޓުގެ ހިދުމަތް އަންނަ އަހަރު ފަށަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

އޮޓަމެޓިކުން ޗެކަށް ފައިސާ ކުރަން މިދިޔަ އޮކްޓޯބަރު މަހު ނިންމައި އެކަމަށް ބޭނުންވާ ތައްޔާރީތައް މަރުކަޒީ ބޭންކުން ވަނީ ކޮށްފަ އެވެ. އެގޮތުން، ރާއްޖޭގެ ބޭންކުތަކުން ދޫކުރާ ޗެކުތައް އެއް ސައިޒަކަށް އަދި އެއް ފޯމެޓަކަށް ބަދަލުކޮށް، ރާއްޖޭގެ ހުރިހާ ބޭންކަކުން ވަނީ އެ ޗެކުތައް ބޭނުންކުރަން ފަށައިފަ އެވެ. އަދި ކުރީގެ ޗެކުތައް ބޭނުންކުރުން ވަނީ ހުއްޓާލައިފަ އެވެ.

އެމްއެމްއޭން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ގެނައި ބަދަލާ އެކު، ޖަމާކުރާ ބޭންކުން ޗެކުތައް ސްކޭން ކުރުމަށް ފަހު އެ ފޮޓޯ އާއި އޭގައިވާ މައުލޫމާތު އޮޓޮމޭޓެޑް ކްލިއަރެންސް ހައުސްއެއް މެދުވެރިކޮށް އެ ޗެކުތައް ރައްދުވާ ބޭންކަކަށް ފޮނުވޭނެ ކަމަށެވެ. އޭރުން، އެ ޗެކެއް ރައްދުވާ ބޭންކަކުން އެއީ ސައްހަ އަދި ފުރިހަމަ ޗެކެއްތޯ ބަލައި އެކައުންޓްގައި ފައިސާ ހުރިތޯ ބެލުމަށް ފަހު، ޗެކު ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.

"މި ގޮތުން ކްލިއާވާ ޗެކުތައް ސިސްޓަމްގެ ކްލިއަރިން ސެޝަން ނިމުމުން ކަނޑައެޅިފައިވާ ވަގުތެއްގައި ކަސްޓަމަރުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި ކްލިއާ ނުވާ ޗެކުތައް ކަސްޓަމަރުންނަށް އަނބުރާ ރައްދުކުރެވޭނެ އެވެ،" ބަޔާނުގައިވެ އެވެ.

އެމްއެމްއޭ އިން ބުނީ މި އުސޫލުގެ ދަށުން ޗެކު ކްލިއާ ކުރުމުގެ މަސައްކަތް ލުއިވެ، ކަސްޓަމަރުންނަށް އަވަަހަށް ޗެކަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ. އެއީ، އެ އިދާރާ އިން ބުނި ގޮތުގައި، މީގެ ކުރިން ރަށްރަށުގައި ހުންނަ ބޭންކުތަކުގެ ބްރާންޗްތަަކަށް ޖަމާކުރާ ޗެކުތައް މާލެ ގެނެސް އެ ބޭންކެއްގެ މައި ބްރާންޗުން ކްލިއާ ކުރި ނަމަވެސް، މިހާރު ރަށްރަށުގެ ބްރާންޗްތަކަށް ޖަމާކުރާ ޗެކުތައް ވަގުތުން ކްލިއަރިން އަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެތީ އެވެ.

"އެމްއެމްއޭގެ އަމާޒަކީ މުސްތަގުބަލުގައި ވެސް ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް، ޓެކްނޮލޮޖީގެ ގޮތުން ބޭންކިން ސެކްޓާ އަށް ކުރިއެރުންތަކާއި ފަސޭހަތައް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ،" ބަޔާނުގައިވެ އެވެ.

ޕޭމަންޓް ސިސްޓަމް ތަރައްގީކުރުމުގެ ގޮތުން، އެމްއެމްއޭ އިން ވަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ފަދަ މޯލްޑިވްސް ރިއަލްޓައިމް ގްރޮސް ސެޓްލްމަންޓް ސިސްޓަމް (އެމްއާރުޖީއެސް) ވަނީ 2011 ގައި ގާއިމްކޮށްފަ އެވެ. އަދި އޮޓަމެޓިކް ކްލިއަރެންސް ހައުސްގެ ފުރަތަމަ ބައި ކަމަށްވާ ޑައިރެކްޓް ކްރެޓިޑްސް 2012 ގައި ވަނީ ގާއިމްކޮށްފަ އެެވެ.