Roadha Mihaaru
ބޭންކްތަކުގައި ރައްކާކުރާ ފައިސާ މަދުވެއްޖެ

ބޭންކްތަކުގައި ރައްކާކުރާ ފައިސާ މަދުވެއްޖެ

03 ޑިސެމްބަރ 2022

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކްތަކަށް ރައްކާކުރަންލީ ފައިސާ ނުވަތަ ބޭންކް ޑިޕޮސިޓްގެ އަދަދު 10 ޕަސެންޓް ދަށްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭންކްތަކަށް ރައްކާކުރަންލީ ފައިސާ ނުވަތަ ބޭންކް ޑިޕޮސިޓްގެ އަދަދު 10 ޕަސެންޓް ދަށްވެއްޖެ އެވެ.

އެމްއެމްއޭއިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ތިން ވަނަ ކުއާޓަރުގައި ޑިޕޮސިޓް ކުރި ފައިސާގެ ތެރެއިން 76 ޕަސެންޓް މަދުވެފައި ވަނީ ބޭންކްތަކަށް ޖަމާކުރި ބޭރު ފައިސާއިންނެވެ. ބޭރު ފައިސާގެ ގޮތުގައި ރާއްޖޭގެ ބޭންކްތަކަށް އެންމެ ގިނައިން ޖަމާކުރަނީ ޑޮލަރެވެ. އެމްއެމްއޭއިން ބުނީ ބޭންކްތަކަށް ޖަމާކުރާ ފައިސާ އެހާބޮޑަށް މަދުވެފައިވަނީ އިމްޕޯޓު ކުރުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

ބޭންކްތަކަށް ރައްކާކުރަން ލާ ފައިިސާ މަދުވި ނަމަވެސް ބޭންކްތަކުން ދޫކުރި ޖުމްލަ ލޯނުގެ އަދަދު ވަނީ 32.5 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެއީ ދެ ޕަސެންޓުގެ އިތުރުވުމެކެވެ. ބޭންކްތަކުން ދޫކުރާ ލޯނުތަކުގެ ތެރެއިން ޕްރައިވެޓް ސެކްޓަރަށް ދޫކުރާ ލޯނާއި ކްރެޑިޓްގެ އަދަދު 28.3 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ޕްރައިވެޓް ސެކްޓަރަށް ދޫކުރި ލޯނުގެ އަދަދު ވަނީ އިތުރުވެފަ އެވެ. އެހެން ނަމަވެސް އަހަރުން އަހަރަށް ބަލާ އިރު ޕްރައިވެޓް ސެކްޓަރަށް ދޫކުރި ފައިސާ ވެސް ވަނީ އެއް ޕަސެންޓް ދަށްވެފަ އެވެ.

މި މުއްދަތުގައި އެންމެ ބޮޑު ޕަސެންޓެއްގެ ލޯނު ދޫކޮށްފައި ވަނީ ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާއަށެވެ. ޓޫރިޒަމް ދާއިރާއަށް ދޫކުރި ލޯނުގެ އަދަދު 38 ޕަސެންޓަށް އަރަ އެވެ. އެގެ ތެރޭގައި ގިނައީ ރިސޯޓުތަކުގެ ރިނޮވޭޝަނާއި އާ ރިސޯޓުތައް ހެދުމަށް ނެގި ލޯނުތަކެވެ.

ޓޫރިޒަމާއި ކޮންސްޓްރަކްޝަން ދާއިރާގެ އިތުރުން އަމިއްލަ ބޭނުންތަކަށް ދޫކުރި ލޯނާއި ވިޔަފާރިތަކަށް ވެސް ވަނީ ލޯނު ދޫކޮށްފަ އެވެ. ލޯނުގެ އަދަދުން މަދަސް، މިދިޔަ ކުއާޓަރުގައި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުގެ އަދަދު ވަނީ އިންތިހާއަށް އުފުލިފަ އެވެ. އެގޮތުން ކްރެޑިޓް ކާޑު މެދުވެރިކޮށް ނެގި ލޯނުގެ އަދަދު 27 ޕަސެންޓަށް ވަނީ އިތުރުވެފަ އެވެ.