Roadha Mihaaru
"ސިއްހީ ހުރިހާ ބޭފުޅުން ނުކުންނަވާ"

ކޮވިޑް-19: "ސިއްހީ ހުރިހާ ޚިދުމަތްތެރިން މަސައްކަތަށް ނުކުންނަވާ!"

15 މާޗް 2020

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގައި ހުރިހާ ސިއްހީ މަސައްކަތްތެރިން ބައިވެރިވުމަށް ހެލްތުމިނިސްޓަރު އަބްދުﷲ އަމީން މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގައި ހުރިހާ ސިއްހީ މަސައްކަތްތެރިން ބައިވެރިވުމަށް ހެލްތުމިނިސްޓަރު އަބްދުﷲ އަމީން މިއަދު ގޮވާލައްވައިފި އެވެ.

ކޮވިޑް-19 އަށް ޓެސްޓްކުރާ 5000 ކިޓް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަވާލުކުރަން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެެންއީއޯސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ބަލިފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ބޮޑު ކާމިޔާބީއަކަށް ވާނީ ފެތުރޭ މިންވަަރު ލަސްކުުރުން ކަަމަށާއި އެކަމުގައު ރާއްޖޭގެ ހުރިހާ މުއައްސަސާތަކަކުން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ

"އެހެންވީމާ އަޅުގަނޑު، ސިއްހީ ހިދުމަތުގެ މަސްއޫލިއްޔަތު ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ ސިއްހީ ދާއިރާގެ ހުރިހާ ބޭފުޅުން އިނގޭތޯ، ވަޒީފާހައި ހުރި ބޭފުޅަކަށް، ވަޒީފާގައި ނެތް ބޭފުޅަކަށް، ޗުއްޓީގައި ހުރި ބޭފުޅަކަށް ނުބައްލަވައި މިޚިދުމަތަށް ނުކުމެވަޑައިގަތުމަށް އަޅުގަނޑު ގޮވައިލަން، އޭނާ ވިދާޅުވި އެވެ.

ނުކުމެވެން ތިބި ސިއްހީ ހިދުމަތްތެރިންގެ ނަން ނޯޓްކުރާނެ

އަމީން ވިދާޅުވީ ޕަބްލިލް ހެލްތުގެ މަސައްކަތް ކުރިން ކުރެއްވުމަށް ފަހު މިހާރު އެ މަސައްކަތުގައި ނޫޅުއްވާ ބޭފުޅުން ވެސް މަސައްކަތަށް ނުކުންނެވުމަށް ގޮވައިލައްވާ ކަމަށާއި އެގޮތަށް ނުކުންނެވޭ ހާލަތުގައި ތިއްބެވި ބޭފުޅުންގެ ނަންނޯޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށެވެ.

"އަޅުގަނޑުމެން، ރަށްރަށުގެ ހުރިހާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި އިންތިޒާމް ހަމަޖައްސާނަން ތިޔަ ބޭފުޅުން ނަންނޯޓްކުރެވި ، ޚިދުމަތަށް ނިކުންނެވޭ ހާލަތުގައި ތިއްބެވި ބޭފުޅުންނަކީ ކޮބައިތޯ [ބަލަން]،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އަަށް ޓެސްޓްކުރާ 5000 ކިޓް ޑަބްލިއެޗްއޯއިން ރާއްޖެއަަށް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން (މ)، ޑަބްލިއެޗްއޯގެ މަންދޫބު ޑރ. އަރުވިންދު މާތޫރު އަދި އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ބައިވެރިވެވަޑައިގަންނަވަނީ.

ކޮވިޑް-19 އަަށް ޓެސްޓްކުރާ 5000 ކިޓް ޑަބްލިއެޗްއޯއިން ރާއްޖެއަަށް ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަމީން (މ)، ޑަބްލިއެޗްއޯގެ މަންދޫބު ޑރ. އަރުވިންދު މާތޫރު އަދި އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ބައިވެރިވެވަޑައިގަންނަވަނީ.

އޭނާ ވިދާޅުވި ގޮތުގައި މަސައްކަތަށް ނިކުމެވެން ތިބި ހެލްތު ޕްރޮފެޝަނަލުންނަކީ ކޮބައިތޯ ބެލުމަކީ ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަމެކެވެ. ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އާއްމު ސިއްހަތުގެ ކުއްލިި ހާލަތުންއ އަރައިގަނެވޭނީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްތެރިންގެ މަސައްކަތުންނެވެ.

"އެހެެންވީމާ އިރާދަކުރެއްވިއްޔާ ހުރިހާ ޚިދުމަތްތެރިން، ސިއްހީ ހުރިހާ ޚިދުމަތްތެރިންނާ ސިއްހީ ފަންނުވެރިން އަދި ސިއްހީ ތަޖުރިބާ ކާރުންގެ އެހީގައި އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ހާލަތުން އަރައިގަނެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަން،" އަމީން ވިދާޅުވި އެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު މިއަދު ވަނީ 13 އަށް އަރައިފަ އެވެ. ރާއްޖޭގައި އެބަލި ޖެހުނު މީހުންގެ ތެރެއިން ހާލުބޮޑުވެ، އައިސީޔޫގައި ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށެވެ. ބަލި ފެތުރޭތީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.