Roadha Mihaaru
އިންތިހާބުގެ ތާރީޚަށް ހާލަތު ރަނގަޅެއް ނުވާނެ: އަމީން

އިންތިޚާބު ބޭއްވޭ ވަރަށް ހާލަތު ރަނގަޅުވާނެ ކަމަށް ގަބޫލެއް ނުކުރެވޭ: އަމީން

12 މާޗް 2020

ކޮރޯނާވައިރަސް ފެތުރުމުގެ މިންވަރު މިހާރު އޮތް ގޮތުން، ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު އިއުލާނުކޮށްފައިވާ ތާރީހާ ހިސާބަށް ދާއިރު، ބޮޑެތި އެއްވުންތައްް ބޭއްވޭ ވަރަށް ރާއްޖޭގެ އާއްމު ސިއްހަތު ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮރޯނާވައިރަސް ފެތުރުމުގެ މިންވަރު މިހާރު އޮތް ގޮތުން، ލޯކަލް ކައުންސިލް އިންތިހާބަށް މިހާރު އިއުލާނުކޮށްފައިވާ ތާރީހާ ހިސާބަށް ދާއިރު، ބޮޑެތި އެއްވުންތައްް ބޭއްވޭ ވަރަށް ރާއްޖޭގެ އާއްމު ސިއްހަތު ރަނގަޅުވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ދަރުބާރުގޭގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިޔަކު ދެންނެވި ސުވާލުގެ ޖަވާބުގައި އަމީން ވިދާޅުވީ ރާއްޖޭގެ އާއްމު ސިއްހަތު މިއަދު އޮތް ހިސާބަށާއި ކޮރޯނާވައިރަސް ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުން ދާ މިންވަރަށް ބަލާއިރު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ވެސް އެއްވުންތައް ބޭއްވޭ ހާލަތަކަށް އަތުވެދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

"އެހެންވީމާ އެއާ ގުޅިގެން ކަމާ ބެހޭ އިދާރާތަކުން ނިންމަން ޖެހޭ ނިންމުންތައްް ކަމާ ބެހޭ އިދާރާތަކުން ނިންމަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ފެތުރުމުގެ ހާލަތަށް ކޮންމެ ދުވަހަކު ވެސް ބަދަލުތައް އަންނަ އިރު، ފިޔަވަޅުތައް އަޅަން ޖެހޭނީ އެ ހާލަތަށް ރިއާޔަތްކޮށްގެންނެވެ. އެ ބައްޔާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރުމުގައި ވެސް އަމަލުކުރާނީ އެ އުސޫލުން ކަމަށް އޭނާ ވިދާޅުވި އެވެ. އެފަދަ ހުރިހާ ކަމަަކަށް އެޗުޕީއޭ އިން ހުރިހާ އިރުޝާދެއް ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކައުންސިލްގެ އިންތިހާބު ފަސްކުރުމުގެ އެއްވެސް ވިސްނުމެއް، މިއަދާ ހަމައަށް، އިލެކްޝަންސް ކޮމިޝަނުން ގެންގުޅެފައެއް ނުވެ އެވެ. އެކަމަކު މިއަދު މެންދުރުފަހު އީސީން ބުނެފައި ވަނީ އެކަމާ ބެހޭ ގޮތުން މިއަދު ވަކި ގޮތެއް ނިންމާނެ ކަމަށެވެ.