Roadha Mihaaru
ސްކޫލްތައް ބަންދުކުރުން ބުއްދިވެރި: ޑރ. ނިޔާފް

ކޮވިޑް-19: ސްކޫލްތައް ބަންދުކުރުން ބުއްދިވެރި: ޑރ. ނިޔާފް

10 މާޗް 2020

އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ބަލީގެ ހަ މީހަކު ރާއްޖެ އިން ވެސް ފެނިފައިވާއިރު، ބުއްދިވެރި ގޮތަކީ މި ވަގުތަށް ސްކޫލްތައް ބަންދުކުރުން ކަމަށް ކުޑަކުދިންގެ ބަަލިތަކުގެ ޚާއްސަ ޑރ. އަބްދުﷲ ނިޔާފް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ބަލީގެ ހަ މީހަކު ރާއްޖެ އިން ވެސް ފެނިފައިވާއިރު، ބުއްދިވެރި ގޮތަކީ މި ވަގުތަށް ސްކޫލްތައް ބަންދުކުރުން ކަމަށް ކުޑަކުދިންގެ ބަަލިތަކުގެ ޚާއްސަ ޑރ. އަބްދުﷲ ނިޔާފް މިއަދު ވިދާޅުވެއްޖެ އެވެ.

ޓްވިޓާގައި މީހަކު ކުރި ސުވާލަކާ ގުޅިގެން ޑރ. ނިޔާފް ވިދާޅުވީ، މި ހާލަތުގައި ސްކޫލްތައް ބަންދުކުރުމަށް ފަހު، އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ކިޔަވައި ދެވިދާނެ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑރ. ނިޔާފް އެހެން ވިދާޅުވީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޕާސަނަލް ސެކްރެޓަރީ އަހުމަދު ސޮފްވާން ޓުވިޓާގައި ކުރެއްވި ސުވާލުތަކަކާ ގުޅިގެންނެވެ.

ސޮފްވާން ސުވާލުގައި ދެ ކަންބޮޑުވުމެއް ފާޅުކުރައްވާފައި ވެ އެވެ. އެއީ ސްކޫލް ޗުއްޓީގައި ގިނަ ބަޔަކު ރާއްޖޭން ބޭރަށް ދިއުމަށް ފަހު އެނބުރި އަންނަ ވަގުތާއި ސްކޫލްތައް ހުޅުވާ ވަގުތާ ދިމާވުމެވެ. ދެވަަނަ ކަންބޮޑުވުމަކީ ސްކޫލް ކުދިން ވެސް އޭގެ ތެރޭގައި ހިމެނޭ އިރު، ޗުއްޓީ އަށް ފަހުން ރާއްޖެ އިން ބޭރުން އަންނަ ކުދިން، ހަމަ އަންނަ ގޮތަށް ސްކޫލަށް ދާން ޖެހޭނެ ކަމެވެ. އެހެންވެ، ސޮފްވާންގެ ސުވާލަކީ އެ ހާލަތުގައި ސްކޫލްތަކަށް ކުދިން ފޮނުވުމަކީ ރަނގަޅު ކަމެއްތޯ އެވެ.

"ބުއްދިވެރި ކަަމަކަށް ވާނެ [ސްކޫލްތައް] ބަންދުކުރުން. އަދި އެކަށީގެންވާ ނަަމަ އޮންލައިން ޕްލެޓްފޯމުތައް ބޭނުންކޮށްގެން ކިޔަވައިދޭނެ ގޮތްތަކެއް ހޯދިދާނެ، ހާއްސަކޮށް މަތީ ގްރޭޑްތަކަށް،" އެ ސުވާލުގެ ޖަވާބުގައި ޑރ. ނިޔާފް ވިދާޅުވި އެވެ.

ޑރ.ނިޔާފް ގެ ޓްވީޓް

އެތައް ބައެއެއްގެ މެދުގައި މަގުބޫލް ޑޮކްޓަރު މި ގޮތަށް ވިދާޅުވި ނަމަވެސް ސަރުކާރުގެ ވިސްނުމަކީ ފުރަތަމަ ޓާމްގެ ބަންދަށް ފަހު، އަންނަ އާދިއްތަ ދުވަހު ސްކޫލްތައް ހުޅުވުމެވެ. އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުގެ މަތިން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަން އާދިއްތަ ދުވަހުގެ ނިޔަލަށް ސްކޫލްތައް ބަންދެވެ. އެއީ ފުރަތަމަ ޓާމުގެ ބަންދެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރަނީ ސްކޫލްތައް ހުންނަ ސަރަހައްދެއް ނުވަތަ ސިޓީއެއްގެ ހާލަތު ބަދަލުވުމުން ކަމަށާއި އެ ހާލަތު ރާއްޖޭގައި އަދި ނެތް ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކަށް ވެފައި އޮތީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަަކުރުމަށް ފަހު، އެނބުރި ގައުމަށް ދިޔަ އިޓަލީގެ ޓޫރިސްޓު މީހާއާ މާލެ އިން ދިމާވި އެއްވެސް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވި ނަމަ ސްކޫލްތަކުގެ ކިޔެވުން ބަންދު ކުރުމަށެވެ.

އެކަމަކު، އިޓަލީ މީހާއާ ކޮންޓެކްޓުވި، ޔުނިވާސަލްގެ ޓިކެޓިން އޮފީހުގެ މުވައްޒަފުގެ ގައިން ކޮވިޑް-19 ބައްޔެއް ނުފެނުނެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ތައްޔާރުވުމުގެ ގޮތުން ބޭއްވި ޑްރިލްއެއްގައި ބަޔަކު ހަރަކާތްތެރިވަނީ. ރާއްޖޭން ހަމީހަކު އެބައްޔަށް ޕޮޒިޓިވް ވެފައި ވޭ

ކޮވިޑް-19 ފެތުރުން ހުއްޓުވަން ތައްޔާރުވުމުގެ ގޮތުން ބޭއްވި ޑްރިލްއެއްގައި ބަޔަކު ހަރަކާތްތެރިވަނީ. ރާއްޖޭން ހަމީހަކު އެބައްޔަށް ޕޮޒިޓިވް ވެފައި ވޭ

"އެ ރިޒަލްޓް އެއީ ޕޮޒިޓިވް ރިޒަލްޓަކަށް ވީ ނަމަ މާލޭގެ ސްޓޭޓަސް ބަދަލުވާނެ. [ޕޮޒިޓިވް] ވީ ނަމަ ސްކޫލްތައް ބަންދުކުރާނެ. މި ވަގުތަށް އަޅުގަނޑަށް އެެނގެން އޮތް ގޮތުން ސްކޫލްތައް ބަންދުކުރާކަށް ނިމިފައެއް ނެތް،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ގިނަ ބަޔަކު އެއްތަނަކަށް އެއްވުން ހުއްޓާލުމަށާއި ޚާއްސަކޮށް ބަލިވެ އުޅޭ މީހުން ބޭރަށް ނުނިކުތުމަށް ޑޮކްޓަރުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ ބޭފުޅުންނާއި ކަމާ ގުޅުން ހުރި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރައްވާ ބޭފުޅުންގެ ވިސްނުމުގައި ސްކޫލްތަކުގައި މި ދުވަސްވަރު ކިޔަވައި ވެސް ދޭންވީ އެވެ. އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ވެސް އެ ބޭފުޅުންގެ ނަޒަރުގައި ބާއްވަން ޖެހެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ރާއްޖެ އިން ކޮވިޑް-19 އަށް ހަ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެ އެވެ.

.