07 މާޗް 2020
ކޮވިޑް-19 އަށް ޝައްކުވާ ބަޔަކު ފެނި، އެކަމާ ގުޅިގެން އެޅި ފިޔަވަޅުތައް ހާމަކުރަން ސަރުކާރުން ރޭ ބޭއްވި މުހިންމު ޕްރެންސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތައް އަމާޒުވި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މާކުރިން ހާމަކޮށްފައި ހުރި މައުލޫމާތު ނޫސްވެރިންނަށް ނޭނގި އޮތް ކަމާއި އާންމުން މި ހާލަތުގައި ބޭނުންވާ މައުލޫމާތެއް ހޯދަން ސުވާލުކުރުމުގެ ބަދަލުގައި ޒާތީ ގޮތުން ސުވާލުކުރުމާއި ޝައްކާއި ހާސްކަން އުފައްދަން ސުވާލުކުރި ކަމުގެ ތުހުމަތު ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކުރަމުންނެވެ.
ކޮވިޑް-19 އަށް ޝައްކުވާ ބަޔަކު ފެނި، އެކަމާ ގުޅިގެން އެޅި ފިޔަވަޅުތައް ހާމަކުރަން ސަރުކާރުން ރޭ ބޭއްވި މުހިންމު ޕްރެންސް ކޮންފަރެންސްގައި ނޫސްވެރިންގެ ސުވާލުތައް އަމާޒުވި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. މާކުރިން ހާމަކޮށްފައި ހުރި މައުލޫމާތު ނޫސްވެރިންނަށް ނޭނގި އޮތް ކަމާއި އާންމުން މި ހާލަތުގައި ބޭނުންވާ މައުލޫމާތެއް ހޯދަން ސުވާލުކުރުމުގެ ބަދަލުގައި ޒާތީ ގޮތުން ސުވާލުކުރުމާއި ޝައްކާއި ހާސްކަން އުފައްދަން ސުވާލުކުރި ކަމުގެ ތުހުމަތު ވެސް ސޯޝަލް މީޑިއާގައި އަންނަނީ ކުރަމުންނެވެ.
ވ. ތިނަދޫގައި ހުރި އިޓަލީގެ ޓޫރިސްޓަކާއި ޅ.ކުރެއްދޫ ރިސޯޓްގެ ޑޮކްޓަރެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނި ޓެސްޓްކުރުމަށް އެކަހެރިކޮށް އަދި އެ ދެ ރަށަށް އަރައި ފޭބުން ވަގުތީ ގޮތުން މަނާކުރުމަށް ފަހު، އަމަލުކުރަމުން އަންނަ ގޮތް ޕްރެސް ކޮންފަރެންސް ފައްޓަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ. އެގޮތުން "ތިނަދޫގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރިއަށްދާ" ކަމަށް ވިދާޅުވި އެވެ. އެކަމަކު މި ޖަވާބަށް ފަހު ވެސް ނޫސްވެރިން ވަނީ ބައްޔަށް ޝައްކުވާ މީހުންނާ ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް ކުރޭތޯ އަހައިފަ އެވެ.
ޕްރެސް ކޮންފަރެންސް 1:25 ގަޑިއިރަށް ދިގު ދެމިގެން ގޮސް މެންދަމުން އަލިވެ 1:00 ގައި ޕްރެސް ނިމުމު އިރު ވެސް ކުރިމަތިކުރީ މިގޮތަށް އެއް ސުވާލުތަކެއް ކަމަށް، ސޯޝަލް މީޑިއާގައި ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ. އެ ފާޑުކިޔުން ނޫސްވެރިން ބަލައިގަންނަން ޖެހޭކަން އެނގެނީ އަމަލުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެލާޓް ލެވަލްތަކުގައި ހުރި އެއްޗެއް ނޫސްވެރިންނަށް އެނގިފައި ނެތް ކަމަށް، އެ އަމާޒުކުރި ސުވާލުތަކުން ހާމަވާތީ އެވެ.
ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި އޮތް ގޮތާ ބެހޭ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ކޮވިޑް-19 އާ ކުރިމަތިލުމަށް ރާއްޖޭން އަމަލުކުރާނެ ގޮތުގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) އެއް އެކުލަވައިލައި، އެކަން ކުރިން އިއުލާނުކޮށްފައި އެބަ އޮތެވެ. ކަރަންޓީނުކުރަން ޖެހިއްޖެ ނަމަ، ރަށްރަށާއި އަތޮޅުތަކާއި ބޮޑެތި ރަށްރަށުގެ އެކި ސަރަހައްދުތައް ވަކިވަކިން ކަރަންޓީނުކުރާނެ ގޮތް ވެސް އޮތީ ކަނޑައަޅައި ނިންމައިފަ އެވެ. އަދި ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ، ހާލަތު ބަދަލުވެ އެހެން ފިޔަވަޅުތައް ވެސް އަޅާނެކަން ވެސް އެއިން އެނގެ އެވެ. އެހެންވެ ޕްރެސް ކޮންފަރެންސްގެ ވަކި ހިސާބަކުން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ނޫސްވެރިން އެސްއޯޕީގައި އޮތް އެއްޗެއް ވިދާޅުވުން ރަނގަޅުވާނެ ކަމަށް ވެސް ދަންނަވައިފަ އެވެ. މިނިސްޓަރު އަމީނަށް ވެސް ޖެހިވަޑައިގަތީ އެއް ވާހަކައެއް ތަކުރާރުކުރައްވާށެވެ.
"އަމަލުކުރުމުގައި ފުރަތަމަ ރާއްޖޭގައި މި ހުރީ އެކި ދަރަޖަތަކެއް ކަނޑައެޅިފައި. އެލާޓް ލެވެލްތަކެއް ކަނޑައަޅާފައި އަޅުގަނޑުމެން ރާއްޖޭގައި އަމަލުކުރާނެ ގޮތްތަކަކީ ކޮބައިތޯ. އެ ޕްރޮޓޮކޯލްތަކަށް ރިސޯޓްތަކުގައި ވެސް ރަށްރަށުގައި ވެސް މާލޭގައި ވެސް އެހެން ތަންތަނުގައި ވެސް އަޅުގަނޑުމެން މަސައްކަތްކުރަމަށްޓަކައި އިންތިޒާމްތައް ހަމަޖައްސަމުން މި ދަނީ،" އަމީން އޮޅުންފިލުއްވައި ދެއްވި އެވެ.
ރާއްޖެ އަށް މި ބަލި އަތުވެދާނެތޯ ނުވަތަ އައުމަށް އޮތީ ކިހާ ފުރުސަތެއްތޯ، ތަކުރާރުކުރެވެމުން ދިޔަ ސުވާލު ވެސް ކުރިމަތިވި އެވެ.
ދުނިޔެ އެ ބައްޔަކާ މެދު ހާސްވެފައި ވާއިރު މި ހާސްކަން އަހަރެމެންގެ ތެރެއިން ވެސް ފެންނާނެ އެވެ. އެންމެ ބޮޑަށް ތައްޔާރުވެފައިވާ ގައުމުތަކުން ވެސް ބަލި ފެނި އަދި އަހަރެމެންގެ ވަށައިގެން ހުރި ހުރިހާ ގައުމަކުން ވެސް ބަލި ފެނިފައި ވާއިރު ރާއްޖެ އަށް މި ބަލި އަދި މިހާތަނަށް އެތެނުވެ އޮތް އޮތުމަކީ އަޅާފައިވާ ފިޔަވަޅުތަކުގެ ކާމިޔާބީއެއްގެ ގޮތުގައި، ޕްރެސް ދެއްވި ވަޒީރުން ފާހަގަކުރެއްވި ނަމަވެސް ނޫސްވެރިންނަށް އެ ޖަވާބު ކަމަކު ނުދިޔަ އެވެ. އަނެއްކާވެސް އެހީ "ކިހާ ވަރަކަށް ތައްޔާރުވެފައި ވޭތޯ" އެވެ.
މުޅި ދުނިޔެ އަށް މުޅިން އަލަށް އައިސްގެން އުޅޭ، ވަސީލަތްތައް އެންމެ ފުރިހަމަ ގައުމުތައް ވެސް ބަލީގެ ޝިކާރައަކަށް ވެގެން އުޅޭއިރު މި ސުވާލަށް ޖަވާބު ދޭން އެނގޭނެ ހުރީ ކާކުހެއްޔެވެ؟
Enme furathama news conference ga:
— Shafeeg ? (@shafeeg4749) March 6, 2020
Noosevrin: "kihaa yageen kameh eba oi tho Raajje ah coronavirus naannaane kamuge" ?♂️
ނޫސްވެރިންގެ ތަކުރާރު ސުވާލުތަކަށް ސޯޝަލް މީޑިއާގައި ފާޑު ކިޔާފައި
ރާއްޖޭގައި މިހާރު އޮތީ ވައިޓް އެލާޓް ކަމަށާއި އެއީ ކޮވިޑް-19ގެ އެއްވެސް ކޭސްއެއް ރާއްޖޭން އަދި ފެނިފައި ނުވާތީ ކަމަށް، ހެލްތު މިނިސްޓަރު އަމީންގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.
ކަނޑައަޅާފައިވާ މިންގަނޑުތަކުގައި، ޝައްކު ކުރެވޭ ކޭސްއެއް ފެނިއްޖެ ނަމަ ޓެސްޓްކުރުމާއި އެކަމާ ގުޅިގެން ދެން އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ނޫނަސް ދެން ހުރި ކަންކަން ކުރަންޖެހޭ ގޮތް ވެސް ކަނޑައަޅާފައި އެބަހުރި ކަމަށާއި ކަންކަން ބަދަލުވަމުން ދާ ގޮތުން އެ ކަންކަމަށް އަމަލުކުރަމުން ދާނެ ކަމަށް ވިދާޅުވި އެވެ. މިއީ ހަމަ އެއް ވާހަކައެކެވެ.
"އެއް ސުވާލެއް އެކި ގޮތްގޮތަށް ކުރާތީ ވަރަށް ފޫހި" ޓްވީޓެއްގައި ބުނެފައި އޮތެވެ.
އެހެން ބައެއް މީހުން ވެސް މި މައުލޫގައި ޓްވީޓްކޮށްފައިވެ އެވެ. އެ މީހުން ވެސް ބުނެފައި ހުރީ ތައްޔާރުވެފައި އޮތްވަރަކީ ކޮބައިތޯ ނޫން ސުވާލެއް ނުކުރާ ކަމަށެވެ.
It’s so frustrating to watch the same question paraphrased to sound smarter.
— Isra ? (@IsraSaudulla) March 6, 2020
ކަރަންޓީނުކުރުމުގައި ވެސް އެކި މިންގަނޑުތައް ހުންނަ ކަމާއި ގެޔާއި ހޮސްޕިޓަލާއި ވަކި ފެސިލިޓީއެއްގައި ވެސް ކަރަންޓީނުކޮށްފާނެ ކަމަށާއި އެކަން ކަނޑައަޅާ ގޮތް ވެސް އޮންނަނީ ކުރިން ބަޔާންކޮށްފައިކަން ދެ ވަޒީރުން ހަނދާންކޮށްދެއްވި އެވެ.
މިހެން ގޮސް، ތައްޔާރީތަކުގައި މިހާތަނަށް ހަމަޖައްސާފައި ހުރި ހުރިހާ ކަމެއް، ފުރަތަމަ އަމާޒުވި ސުވާލާ އެކު މިނިސްޓަރު އަމީން ސާފުކޮށްދެއްވި ނަމަވެސް ޖެހިގެން އައި ހުރިހާ ސުވާލެއްހެން އަމާޒުވީ ހަމަ އެ ދެއްކެވި ވާހަކައިން ޖަވާބު ލިބިފައި ހުރި ސުވާލުތަކަށެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ޑަބްލިޔުއެޗްއޯގެ މިންގަނޑުތައް ފޮލޯކުރާ ކަމަށް ބުނުމުން، ބައެއް ކަންކަން އެ މިންގަނޑަށް ނުފެތޭ ކަމަށް އަޑު އިވޭ ކަމަށް ބުނެ ނޫސްވެރިޔަކު ސުވާލު އުފެއްދި އެވެ. އެކަމަކު ހަމަ އެ ނޫސްވެރިޔާ ވެސް އެ ސުވާލަށް ޖަވާބު ދިނެވެ. އެއީ ޑަބްލިޔުއެޗްއޯގެ މިންގަނޑަކީ ހުރިހާ ގައުމަކަށް އެއްގޮތަކަށް އަމަލުކުރެވޭނެ އެއްޗެއް ނޫން ކަމަށާއި އެ ގައުމަކަށް އެންމެ އެކަށީގެންވާ ގޮތަކަށް ކަންކަން ބަދަލުކުރަންޖެހޭ ކަމަށް އެ ނޫސްވެރިޔާ ޑަބްލިޔުއެޗްއޯއާ ހަވާލާދީ، އޭނާގެ ސުވާލުގައި ވެސް އެކަން ފާހަގަކޮށްފައި ވާތީ އެވެ.
ހެލްތު މިނިސްޓަރު ސިއްހީ ދާއިރާ އިން އެއްވެސް ވަރަކަށް ކިޔަވާވިދާޅުވެފައި ވޭތޯ އަމާޒުކުރި ސުވާލަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. މި ސުވާލަށް އެންމެ ފުރަތަމަ ޖަވާބު ދެއްވީ، ހެލްތު މިނިސްޓަރާ ބެހޭ ގޮތުން ހުތުރުކޮށް ވާހަކަތަކެއް ދެއްކެވި ކަމުގެ ތުހުމަތު އޮތް މިނިސްޓަރު އަލީ ވަހީދެވެ.
Tha amount of bs I’m seeing regarding his educational background is ?♀️. I think he is handling the situation well either ways.
— Manal Ibrahim (@manaaaalu) March 7, 2020
އަމީންގެ ތައުލީމީ ފެންވަރާ މެދު ސުވާލުކުރުމުން މީހަކު ކޮށްފައިވާ ޓްވީޓެއް
"އަޅުގަނޑު ދެކޭ ގޮތުގައި މިއަދާ ހަމަޔަށް ޕްރޮޓެކްޓް ކުރެވި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެ މަސައްކަތް ލީޑް ކުރެއްވީ މިނިސްޓަރު އަމީން. އެހެންވީމާ އަދި ދައުލަތުގެ ވަޒީރުކަމުގައި އެކި ސަރުކާރުތަކުގައި އެކިއެކި މިނިސްޓަރު ކަމުގައި ތިބެނީ ސީދާ އެ ދާއިރާ އިން .... މިސާލަކަށް ހެލްތު މިނިސްޓަރު ކަމަށް ދުނިޔޭގެ ކޮންމެ ތާކު ހުންނަނީ ޑޮކްޓަރެއް ނޫން. މެޑިކަލް ޑޮކްޓަރެއް ވެސް ނޫން،" އަމީން ދިފާއުކުރައްވައި އަދި ތައުރީފްކުރައްވަމުން އަލީ ވަހީދު ވިދާޅުވި އެވެ.
އަމީނަށް ރައްދުވި މި ސުވާލުގައި އޭނާ ވިދާޅުވީ މިއީ "ހެލްތު މިނިސްޓަރުގެ އިސްކޮޅު ބެލުން" ފަދަ ކަންކަމުގައި ވަގުތު ނަގާލަންވީ ދަނޑިވަޅެއް ނޫން ކަމަށެވެ.
އަމީން ހެލްތު ދާއިރާ އިން ކިޔަވާވިދާޅުވެފައި ވޭތޯ ސުވާލުކުރި އިރު، މީގެ ކުރިން ވެސް ސިއްހީ ދާއިރާއާ އެއްވެސް ގުޅުމެއް ނެތް އެތައް ވަޒީރުންނެއް އެ މިނިސްޓްރީ ހިންގެވި ކަމަށާއި މިދިޔަ ސަރުކާރުގައި އެ މިނިސްޓްރީ ގެ ވަޒީރުން ތިން ފަހަރަށް ބަދަލުވި އިރު ވެސް ސިއްހީ ދާއިރާގެ ބޭފުޅަކު އޭގެ ތެރޭގައި ނެތުމަކީ އޭރު ސުވާލަކަށް ވެގެން ނޫޅޭ ކަމަށް ސޯޝަލް މީޑިއާގައި ފާޑު ކީ މީހުން ބުނެފައިވެ އެވެ.
މިފަދަ ހާލަތެއް ކުރިން ތަޖުރިބާކުރެވިފައި ނެތުމުން ނޫސްވެރިން ވެސް މާބޮޑަށް އާވެގެން އުޅުނީ ކަމަށް ވެދާނެ އެވެ. ނުވަތަ ރަނގަޅަށް މައުލޫމާތު ނުހޯދައި ދިއުމުން، އެނގެން ހުރި އާންމު މައުލޫމާތުން ސުވާލުކުރެވުން ވެސް އެކަށީގެންވެ އެވެ. އެކަމަކު މިފަދަ ހާލަތެއްގައި އާންމުންގެ މެދުގައި ހާސްކަން އުފެދޭ ސުވާލުތައް އުފައްދައި ސައްހަ ނޫން މައުލޫމާތު ފެތުރުމަށް ވުރެ ނުރައްކާ ކަމެއް ނޯންނާނެ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން ވެސް ވަނީ އިންޒާރު ދީފަ އެވެ.
ވައިރަހުން ސަލާމަތްވާން ތައްޔާރުވެވިއްޖެ: ސަރުކާރު
ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކޮށްފި
ކޮވިޑުގެ ރާއްޖޭގެ މަންޒަރު ކިޔައިދޭން އެބަޖެހޭ: ރައީސް
10 އަހަރު ނާންނަވަރުގެ ކުރިއެރުން ހޯދޭނެ: އަމީން
ޔުނިވާސަލް އިން ޕީސީއާރް ދެ މެޝިން ހަދިޔާކޮށްފި
އީދަކީ މިފަހަރު ޗުއްޓީއެއް ކަމަށް ނުނަންގަވާ: އަމީން
ގަމާއި ވިލިނގިލީގެ ކޮވިޑް ފެސިލިޓީ ހުޅުވައިފި
ވެކްސިން އަވަހަށް ލިބޭ ގައުމަކަށް ރާއްޖެެ ވާނެ: އަމީން
ސިއްހީ މާހިރުންގެ ލަފާ އޮންނަން ޖެހޭ: ނިޔާފު
އެޗްއީއޯސީ: އޮޕަރޭޝަން ކުޑަ، ކުރާނީ އެއް ކަމެއް