Roadha Mihaaru
ކުޑަކުއްޖެއްގެ ހުވަފެން ފުލުހުން ހަގީގަތަކަށް ހަދައިދީފި

އަށް އަހަރުގެ އަޔާންގެ ހުވަފެން ފުލުހުން ހަގީގަތަކަށް ހަދައިދީފި

04 މާޗް 2020

ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކާއި އެ މީހުންގެ ވަޒީފާއާ ގުޅޭ މަސައްކަތްތައް ދައްކުވައިދީގެން، އުމުރުން އަށް އަހަރުގެ ކުއްޖެއްގެ ހުވަފެން ފުލުހުންގެ އިދާރާ އިން ހަގީގަތަކަށް ހަދައިދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކާއި އެ މީހުންގެ ވަޒީފާއާ ގުޅޭ މަސައްކަތްތައް ދައްކުވައިދީގެން، އުމުރުން އަށް އަހަރުގެ ކުއްޖެއްގެ ހުވަފެން ފުލުހުންގެ އިދާރާ އިން ހަގީގަތަކަށް ހަދައިދީފި އެވެ.

މިއަދަކީ އަޔާން ނަމަކަށް ކިޔާ ކުޑަ އެ ފިރިހެން ކުއްޖާގެ އަށް ވަނަ އުފަން ދުވަހެވެ. އެ ކުއްޖާ ބޮޑުވެގެން ވާން ބޭނުންވަނީ ފުލުހަކަށެވެ. އެހެންވެ، ފުލުހުންގެ އިދާރާ އަށް ގޮސް، އެތަނުގައި މަސައްކަތްތައް ހިނގާ ގޮތް ބެލުމަކީ އަޔާންގެ ހުވަފެނެކެވެ.

ފުލުހުން ބުނީ، ފުލުހުންގެ އިދާރާ ދައްކައިދިނުމަށް އެދުނީ އަޔާންގެ އާއިލާއިން ކަމަށެވެ. އެހެންވެ، އަށް ވަނަ އުފަން ދުވަހު، އަޔާންގެ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް، ފުލުހުންގެ އެކި ޑިޕާޓްމެންޓުތަކަށް އޭނާ ގެންގޮސް މަސައްކަތްތައް ދެއްކި ކަމަށް އެ ތަނުން ބުންޏެވެ. އެކަމުގައި ބައިވެރިވީ، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި އެސްއޯއިން ވޮލެންޓިއާ ކުރި ފުލުހުންނެވެ.

ފުލުހުންގެ މައި އިދާރާ ބަލައިލުމަށް އަޔާން ދިޔައީ ޕޮލިސް ވެހިިކަލުގައި، އެސްއޯ ފުލުހުން ބޭނުންކުރާ ޔުނިފޯމުގަ އެވެ.

"އަޔާން އަށް އުފާވެރި އުފަންދުވަހަކަށް އެދެން،" ފޮޓޯތަކާ އެކު ފުލުހުން މިއަދު ކުރި ޓްވީޓެއްގެ ބުންޏެވެ.

އިތުރު ހަރަކާތްތަކުގެ ގޮތުގައި ހިންގާ ގިނަ ޕްރޮގްރާމްތަކުގައި ފުލުހުން ކުރިން ވެސް ކުޑަކުދިން ބައިވެރި ކުރެ އެވެ. އެކަމަކު، ފުލުސް އޮފީހަށް ގެންގޮސްގެން ކުޑަކުއްޖެއްގެ އުފަން ދުވަސް ފާހަގަ ކުރި މިއީ ފުރަތަމަ ފަހަރެވެ.

އަޔާންގެ އުފަން ދުވަހުގެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމުން ފުލުހުންނަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ވެސް ކުރަމުންނެވެ.