Roadha Mihaaru

މީދޫގައި ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ބަލަނީ

ރ. މީދޫގައި ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހަކާއި ކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއް ބަލަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

08 ފެބުރުއަރީ 2025

ރ. މީދޫގައި ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މީދޫގެ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުން ދިޔަ ކުދިންތަކަކަށް، އެގޮތަށް ކަންތައް ނުކުރުމަށް އޮފް-ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވުމުން އެކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރުމަށް އެ ކުދިން ދެކޮޅު ހަދާފައިވާ ކަމަށެވެ.

އެކަން ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ.

ޒާތީ މައުލޫމާތު ހިއްސާކުރަން ދެކޮޅު ހަދައި، ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އެދުމުން އެތަނުން ކުއްޖަކު ހަމަނުޖެހުން ހިންގައި ފުލުސް އޮފިސަރަށް ހަމަލާދީފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެތަނުން ކުއްޖަކަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރާތީ އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށެވެ.

ހަމަލާދިން ކުއްޖާ ކޮންޓްރޯލް ކުރުމުގައި ފުލުސް އޮފިސަރު އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ހެދުމުގެ މަސައްކަތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ފެންމަތިވީ ފުލުސް އޮފިސަރަށް ހަމަލާދޭން އުޅުނު ކަމަށް ބުނާ އެ ކުއްޖާ ކޮންޓްރޯލް ކުރަން އޮފިސަރު އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވުމުންނެވެ.