ދައުލަތުން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިންތަކެއްގެ އަތުގައި 2017 ގައި ބިޑި އަޅުވައި، ލާއިންސާނީ އަނިޔާ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)ގެ ގިނަ ފުލުހުންތަކަކަށް ދައުލަތުން ކުރި ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
16 ޖޫން 2022
ދައުލަތުން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން ދިޔަ ކުދިންތަކެއްގެ އަތުގައި 2017 ގައި ބިޑި އަޅުވައި، ލާއިންސާނީ އަނިޔާ ހިންގި ކަމުގެ ތުހުމަތުގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓް (އެފްސީޕީޑީ)ގެ ގިނަ ފުލުހުންތަކަކަށް ދައުލަތުން ކުރި ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.
އެ މައްސަލައިގައި އެންޓި ޓޯޗާ ގާނޫނުގެ ދަށުން 13 ފުލުހެއްގެ މައްޗަށް އުފުލީ ކުޑަކުދިންތަކަކަށް ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ތާވަލު ކޮށްފައި އޮތް އަޑުއެހުން ކެންސަލްވީ، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓަރު އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި ދައުވާ ލިބޭ ފަރާތުން އެދިގެންނެވެ. އެ ޝަރީއަތް ކުރިއަށް ގެންދަން ތާވަލްކޮށްފައި އޮތީ ކޮންމެ ފުލުހަކު ވަކިވަކިންނެވެ.
އެއީ އެންޓި ޓޯޗާގެ ގާނޫނުގެ ދަށުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގުކޮށް، ދައުވާކޮށްދޭން ޕީޖީ އޮފީހަށް ހުށެހެޅި މައްސަލައެކެވެ. އެ ކޮމިޝަނުން ދައުވާކޮށްދޭން އެދުނީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ)ގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވެސް ހިމެނޭ ގޮތުން ގިނަ ބައެއްގެ މައްޗަށެވެ.
އެކަމަކު ޒެނީޝާ އާއި ބަޝީރަށް ދައުވާ ކުރެވޭވަރުގެ ހެއްކާއި ގަރީނާ ހުށަހަޅައިފައެއް ނުވާތީ ދައުވާއެއް ނުކުރެ އެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި އެޗްއާރުސީއެމުން ތަހުގީގުކޮށް، ހުށަހެޅީ ހިޔާގައި ބަލަހައްޓަމުން ދިޔަ އުމުރުން 12 އަހަރުން މަތީގެ ކުދިންތަކެއް ކޭމްޕެއްގައި ކ. ތުލުސްދު އަށް ގެންގޮސް، ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން ބައިވެރިވެގެން އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެކެވެ. ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެއްކާއި ގަރީނާ ލިބުނު މީހުންގެ މައްޗަށެވެ. އެ މީހުންނަށް ތުހުމަތު ކޮށްފައި ވަނީ ކުދިން އަތުގައި ބިޑި އަޅުވައި، ލާއިންސާނީ، އިހާނެތި އަމަލު އެ ކުދިންނާ މެދު ހިންގި ކަމަށެވެ.
އެ ކަން ހިނގީ 2017 ގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުންތަކަކާ ހެދި އެ ތަން މަރާމާތުކުރަން ކަމަށް ބުނެ 12 އަހަރުން މަތީގެ ކުދިންތަކެއް ކޭމްޕެއް ގެންދިއުމުގެ ތެރޭގަ އެވެ. އެ ކުދިން ކޭމްޕް ގެންދިޔައީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނެވެ.
އެނގިފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް ކުދިން ކޭމްޕްގައި ތުލުސްދު އަށް ދާން ބޭނުން ނުވީ އެވެ. އެހެންވެ، ކަނޑުމަތީގައި ހިތްހަމަނުޖެހުން ފާޅުކޮށް، ދޯނިން ފުންމާލަން އުޅުމުން ކޮންޓްރޯލްކުރަން އެ ކުދިން ބިޑި އެޅުވީ އެވެ. އެ ކަމުގައި ހިމެނުނު ބައެއް ފުލުހުން ބުނާ ގޮތުގައި އެ ވަގުތު ބިޑި އެޅުވީ އެ ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުންނެވެ. އެކަމަކު ފުރާނަ ސަލާމަތްކުރަން ބިޑި އަޅުވައި، ކުދިންނަށް އަނިޔާވާ ގޮތަށް އަމަލުކުރުން ނޫން ގޮތެއް ހޯދައިގެން ކޮންޓްރޯލްކޮށްފައި ނެތުން ކަންބޮޑުވުމެއްގެ ގޮތުގައި، އޮތް ކަން މައްސަލައިގައި އެޗްއާރުސީއެމްގެ ތަހުގީގުން އެނގެ އެވެ.
ކަނޑުމަތިން ބިޑި އެޅުވުމަށް ފަހު، ތުލުސްދު އަށް ގެންގޮސްގެން ވެސް އެ ކުދިންނަށް އަނިޔާކުރި ކަމަށް އެ މައްސަލާގައި ތުހުމަތު ކުރެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ހިނގި ކަމެއް ތަހުގީގުކޮށް، ދައުވާކުރަން މިދިޔަ އަހަރު އެދުނީ އެޗްއާރުސީއެމުން ބުނާގޮތުގައި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ބަލާ ކޮމިޝަނުން އެ މައްސަލަ ސަމާލުކަމަށް ގެނައުމުންނެވެ.
އެ މައްސަލައިގައި ހިމެނުނު ފުލުހުންގެ މައްޗަށް ދައުވާކުރި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅި ކަމަށް ފުލުހުން ބުނެފައެއް ނުވެ އެވެ. އެޗްއާރުސީއެމުން ދައުވާކުރަން ފޮނުވި ހިސާބުން ފިޔަވަޅު ނޭޅީ ފުލުހުން ބުނެފައިވާ ގޮތުގައި ވަކިވަކި ފުލުހުންނަށް ކުރާ ތުހުމަތުގެ ތަފުސީލުތައް އެ އިދާރާއާ ހިއްސާކޮށްފައި ނުވާތީ އެވެ.
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ރޭޕްގެ ތުހުމަތުކުރެވޭ މީހާ ޝަަރީއަތް ނިމެންދެން ބަންދު
ކުޑަކުއްޖަކާ ބެހުނު މީހަކު 25 އަހަރަށް ޖަލަށް
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ކުއްޖަކަށް އަނިޔާކުރި މެއިޑަކު ހައްޔަރުކޮށްފި
ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު ޖޫރިމަނާކޮށްފި
ކުޑަކުއްޖެއްގެ ގައިގައި ފިހިގަނޑުން ތެޅިކަން ސާބިތުނުވި
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
ފުރަތަމަ ފަހަރަށް ކޮންޓިނުއަސް ޝަރީއަތެއް ބާއްވައިފި