Roadha Mihaaru
މީރާއިން ފައިސާ ހޯދުމުގެ ބައެއް އުސޫލު ހަރުކަށިކޮށްފި

މީރާއިން ފައިސާ ހޯދުމުގެ ބައެއް އުސޫލުތައް ހަރުކަށިކޮށްފި

31 މެއި 2016

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކާ ހުންނަ ފައިސާ ހޯދުމުގެ ބައެއް އުސޫލުތައް އެތަނުން ހަރުކަށިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކާ ހުންނަ ފައިސާ ހޯދުމުގެ ބައެއް އުސޫލުތައް އެތަނުން ހަރުކަށިކޮށްފި އެވެ.

މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކުރިން އޮންނަނީ ފައިސާ ދައްކަން ދޭ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ދައްކަން 30 ދުވަހުގެ މުއްދަތެއް ދިނުމަށާއި އެ މުއްދަތުގައި ވެސް ނުދައްކައިފި ނަމަ 20 ދުވަސް ތެރޭގައި ފައިސާ ދައްކަން އަންގައި، ފައިނަލް ނޯޓިސް ފޮނުވުމެވެ.

އެކަމަކު އެ ޕޮލިސީއަށް މިހާރު ގެނެސްފައިވާ އިސްލާހު ބުނާގޮތުން ފައިސާ ނުދައްކައިފި ނަމަ އެ ފައިސާ ދައްކަން ފުރަތަމަ ދެވޭނީ 15 ދުވަހެވެ. އެ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ 15 ދުވަސް ތެރޭގައި ފައިސާ ދައްކަން އަންގައި، ފަހުގެ ނޯޓިސް ފޮނުވޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އެކަމަކު ޓެކްސްގެ އަދަދު މީރާ އިން ކަނޑައެޅުމަށް ފަހު ފައިސާ ދައްކަން އަންގާ އެންގުންތަކުގައި ފައިސާ ދައްކަން ކުރިއެކޭ އެއްގޮތަށް 30 ދުވަހުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް އިސްލާހުގައިވާ ގޮތުން ދެވަނަ ފުރުސަތުގައި ލިބޭނީ 15 ދުވަހުގެ މުއްދަތެކެވެ.

ފައިސާ ދައްކަން ދެ ފަހަރެއްގެ މަތިން ފުރުސަތު ދޭންޖެހޭ ގޮތަށް އެ ޕޮލިސީގައި އޮތަސް ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި އެއްވެސް ފައިސާއެއް ނުދައްކައިގެން ނޯޓިހެއް މީރާ އިން ފޮނުވާފައިވާ ފަރާތްތަކަށް ފައިސާ ދައްކަން ލިބޭނީ އެންމެ ފުރުސަތެއް ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ވެސް ބައެއް ކުދި އިސްލާހުތައް އެ ޕޮލިސީ އަށް މިހާރު ވަނީ ގެނެސްފަ އެވެ.

ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ބޮޑެތި ބާރުތަކެއް ލިބިފައިވާ މީރާއިން ފައިސާ ދައްކަން އަންގާ މުއްދަތުގައި ފައިސާ ނުދައްކައިފި ނަމަ އެ ފަރާތެއް ބްލެކް ލިސްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް އެކަން މީރާއިން އަންގާނެ އެވެ. އަދި ޓެކްސްގެ ގޮތުގައި މީރާ އިން ކަނޑައަޅާ އަދަދަކާ މެދު ހިތްހަމަނުޖެހިގެން އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭނީ ވެސް ދައްކަންޖެހޭ ހުރިހާ ފައިސާއެއް އަމިއްލަ އަށް މީރާ އަށް ދެއްކުމުން ކަމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވެ އެވެ.