04 މާޗް 2020
ވިޔަފާރިވެރިޔާ ކާށިދޫ ދާއިރާގެ މެންބަރު އަަބްދުﷲ ޖާބިރަށް ވ.އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ބޮޑުމޮހޮރާ ދޭން ސަރުކާރުން ނިންމުމުން އަތޮޅުގެ ރައްޔިތުން ހިތްހަމަ ނުޖެހި، ޕެޓިޝަނެއް ހަދައިފި އެވެ.
ވިޔަފާރިވެރިޔާ ކާށިދޫ ދާއިރާގެ މެންބަރު އަަބްދުﷲ ޖާބިރަށް ވ.އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ބޮޑުމޮހޮރާ ދޭން ސަރުކާރުން ނިންމުމުން އަތޮޅުގެ ރައްޔިތުން ހިތްހަމަ ނުޖެހި، ޕެޓިޝަނެއް ހަދައިފި އެވެ.
މިކަމުގައި އިސްކޮށް އުޅެނީ އެ އަތޮޅު ކެޔޮދޫގެ ރައްޔިތުންނެވެ. އެރަށު ކައުންސިލާ ގުޅިގެން ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް ވިދާޅުވީ، މިކަމުގައި ކައުންސިލުން ބައިވެރިވީ މިއީ އެރަށުގެ ރައްޔިތުންގެ އިތުރުން މުޅި އަތޮޅުގެ ވެސް ކަންބޮޑުވުމަކަށްވާތީ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު ޕެޓިޝަންގައި އަތޮޅުގެ އެކި ރަށްރަށުން 200 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށެވެ. އަހުމަދު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އާބާދީ އެންމެ ކުޑަ ވ. އަތޮޅުގެ "އޮތިއްޔާ އޮތް ރަށެއް" އޮތީ ރިސޯޓު ހެދުމަށާއި އެކި ބޭނުންތަކަށް އެކި މީހުންނަށް ދީފައި ކަމަށެވެ. އަތޮޅުގައި ހުރި ރަށްތަކުގެ ތެރެއިން ބޮޑުމޮހޮރާ އަކީ އަތޮޅުގެ ރައްޔިތުން ޕިކްނިކް ދިއުމުގެ އިތުރުން ގެސްޓްހައުސްތަކުން އަންނަ ޓޫރިސްޓުން ވެސް އެކްސްކާޝަން ދާން އޮތް ހަމައެކަނި ރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އާރަށް ރިސޯޓަކަށް ހެދީ. ހުޅުދޫ އަކަށް ރައްޔިތުންނަކަށް ނުއެއް އެރޭ. އަމްބަރާ ވެސް ބަޔަކަށްދީފައި. ފޮއްތެޔޮ އޮތީ އެމްޓީސީސީއަށް ދީފައި. މިހާރު ބޮޑުމޮހޮރާ ވެސް ރިސޯޓު ހަދަން ދިނުމުން އަތޮޅުގެ ރައްޔިތުންނަށް ގޮސްލާނެ އެއްވެސް ރަށެއް ނޯންނާނެ،" އަތޮޅުގެ ފަަޅު ރަށްތަކާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވ. އަތޮޅުގެ ފަސް ރަށުގައި ގެސްޓްހައުސްގެ ވިޔަފާރި ވަރަށް ބޮޑަށް ފުޅާވަމުން އަންނަ އިރު، މިރަށް ރިސޯޓު ހަދަން ދިނުމުން އެކަމުގެ ގެއްލުން ގެސްޓްހައުސްތަކަށް ކުރާނެ ކަމަށެވެ. އެގޮތުން ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަންތަކަށް ދާނެ އިތުރު ރަށެއް އެއަތޮޅުގައި ދެން ނެތް ކަން އަހުމަދު ފާހަގަކުރެއްވި އެވެ.
ބޮޑުމޮހޮރާ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ދިނުމާ ގުޅިގެން މިފެށޭ ހަފްތާގައި ކައުންސިލުން ހާއްސަ ގަރާރެއް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާ އެކު ޕެޓިޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހުގެ އިތުރުން ޓޫރިޒަމް މިނިސްޓްރީއަށެވެ.
ޖާބިރަށް ބޮޑުމޮހޮރާ ލިބުމާ އެކު އޭނާ އިއްޔެ ވަނީ ޖެޓްސްކީގައި އެރަށަށް ވަޑައިގެންފަ އެވެ. ރަށް ތަރައްގީ ކުރުމުގައި ހުވަފެނީ ގިނަ ވާހަކަތެއް އޭނާ ދައްކަވާފައިވެ އެވެ. އެގޮތުން އަންޑާވޯޓާ ގޭމިން ސްޓޭޝަނެއް އެރަށުގައި ހަދާނެ ކަމަށާއި، ޝޮޕިން މޯލެއް އެރަށުގައި ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރާ އިރު ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަ މަސް ތެރޭ ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރަށް ބޮޑުމޮހޮރާ ދީފައިވަނީ، 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. ނަމަވެސް، އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާ އަށް އެރަށް ނުދީ ބޭއްވި އެވެ. އެއަށް ފަހު އެ މައްސަލަ ހަތް އަހަރު ވަންދެން އޮތީ ކޯޓު މަރުހަލާގަ އެވެ.
ރަށާ ހަވާލުވެވަޑައިގަތުމަށް ފަހު ޖާބިރު ވިދާޅުވީ ބޮޑުމޮހޮރާގައި ހިންގާނީ ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ. ހިތްގައިމު ބޮޑު ފަޅެއްގައި އޮތް އެ ރަށް ރިސޯޓަކަށް ހައްދަވާނީ "ޖާބިރު ހެޕީ ކްލަބް"ގެ ނަމުގައި ކަަމަށާއި ރާއްޖޭގެ ޓޫރިޒަމަށް އެ ރިސޯޓުން "އިންގިލާބެއް ގެންނާނެ" ކަމަށް ވެސް ވިދާޅުވި އެވެ. އެރަށް ޖާބިރަށް ދިނީ 50 އަހަރުގެ މުއްދަތަކަށެވެ. ރިސޯޓުގެ މަސައްކަތް 36 މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.
ބޮޑުމޮހޮރާއަށް 42.3 މިލިއަން ރުފިޔާ ދޭން ޖެހޭ
ޖާބިރަށް ދިން ފަޅުގައި ލަގްޒަރީ ރިސޯޓެއް ހަދަނީ
ޖާބިރަށް އެންމެ ފަހުން ބޮޑުމޮހޮރާ ދީފި
ޖާބިރަށް ގެސްޓް ހައުސް ދިނުމުން ބޮޑު އަރައިރުމެއް
ޓޫރިޒަމް އޮކިއުޕެންސީއާ އެކު އާމްދަނީ ވެސް މައްޗަށް
ޑޮލަރު މާރުކުރުމާ ދެކޮޅަށް 70 ރިސޯޓުން ޝަކުވާ
ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގެ ސަލާމަތީ މިންގަނޑެއް
ފަސް ވަނަ ފަހަަރަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑް
ޓޫރިޒަމަށް 400 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް
ރަސްދޫ މަރު: ކުންފުނީގެ ލައިސެންސް އޮތީ ހަމަވެފައި!