Roadha Mihaaru
ކޮރޯނާ ވައިރަހަށް ރާއްޖޭން އެކަކު ވެސް ޕޮޒިޓިވެއް ނޫން

ކޮރޯނާވައިރަހަށް ރާއްޖެ އިން އެކަކު ވެސް އަދި ޕޮޒިޓިވެއް ނޫން: އެޗްޕީއޭ

03 މާޗް 2020

ޗައިނާ އިން މުޅި ދުނިޔެ އަށް ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އަށް ރާއްޖެ އިން އެއްވެސް މިހާތަނަށް ޕޮޒިޓިވެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޗައިނާ އިން މުޅި ދުނިޔެ އަށް ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އަށް ރާއްޖެ އިން އެއްވެސް މިހާތަނަށް ޕޮޒިޓިވެއް ނޫން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ރާއްޖެ އިން މި ވައިރަހަށް ޕޮޒިޓިވްވި ބަޔަކު ކަރަންޓީނުކޮށް، ފަރުވާ ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި އެކި ގްރޫޕްތަކުގައި މިއަދު ދަނީ މެސެޖުތަކެއް ދައުރުކުރަމުންނެވެ. މި ވާހަކަތައް ދޮގުކޮށް، އެޗްޕީއޭ އިން ވަނީ ސީރިއަސް މި ބައްޔާ ގުޅޭ ގޮތުން އެ ގޮތަށް ވާހަކަ ނުފެތުރުމަށް އެދިފަ އެވެ.

ކޮރޯނާވައިރަސް ފެތުރެން ފެށިތާ ކުރީކޮޅު ވެސް މިފަދަ ގޮތަކަށް ދިވެހިންގެ ތެރޭގައި އަޑުފަތުރަމުން ގެންދިޔަ އެވެ. އެ ދުވަސްވަރު ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން ރާއްޖޭގައި އެއްވެސް މީހަކު ޓެސްޓް ކޮށްފި ނަމަ އެކަން ވަގުތުން ވަގުތަށް އާންމު ކުރައްވާނެ ކަމަށެވެ.

"މީހަކަށް ޝައްކު ކުރެވިއްޖެ ކަމަށް ވާ ނަމަ ނުވަތަ ކޭސްއެއް ފެނިއްޖެ ކަމަށް ވާ ނަމަ، މިއިން ކޭސް އަކަށް ޓެސްޓް ކުރެވިއްޖެ ކަމަށް ވާ ނަމަ އަޅުގަނޑުމެން ވަގުތުން ވަގުތަށް އެ މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރާނަން،" މިދިޔަ ޖެނުއަރީ 26 ގައި ބޭއްވި ނިއުސް ބްރީފިންއެއްގައި އަމީން ވިދާޅުވެފައި ވެ އެވެ.

ޗައިނާ އިން ރާއްޖެ އައި ބައެއް މީހުންގެ ތެރެއިން ކޮރޯނާވައިރަހަށް ޝައްކު ކުރެވުނު ބައެއް މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރި އެވެ. ރާއްޖެ އިން އޭރު ޓެސްޓު ކުރެވެން ނެތިގެން އެ ޓެސްޓުތައް ކުރީ އިންޑިއާގެ ޕޫނޭއަށް ފޮނުވައިގެންނެވެ. އެކަމަކު ކޮވިޑް ވައިރަހަށް ޓެސްޓްކުރެވޭނެ ގޮތް މިހާރު ވަނީ އައިޖީއެމްއެޗްގައި ގާއިމްކޮށްފަ އެވެ. ޓެސްޓުގެ ނަތީޖާ 10-12 ގަޑިއިރުގެ ތެރޭގައި ލިބޭނެ އެވެ.

ރާއްޖޭގައި މިހާރު ކޮރޯނާ އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ އިރު، ވައިރަހުން ސަލާމަތްވެ ތިބުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ރާއްޖޭގައި އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ވެސް ވަނީ މިއަދު ގާއިމްކޮށްފަ އެވެ.

އެޗްޕީއޭ އާއި އެންޑީއެމްއޭގެ އިތުރުން ހެލްތް މިނިސްޓްރީ ހިމެނޭ އެ ސެންޓަރުން ގައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި ސަރުކާރުން ނިންމާފައި ވަނީ މާލޭގައި ޓްރެވަލް ކްލިނިކެއް ވެސް ގާއިމް ކުރުމަށެވެ. އެ ކްލިނިކުގެ ބޭނުމަކީ ރާއްޖޭން ބޭރަށް ދަތުރުކޮށްފައި އަންނަ މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރުމެވެ.

"މީހަކަށް ޝައްކު ކުރެވިއްޖެ ކަމަށް ވާ ނަމަ ނުވަތަ ކޭސްއެއް ފެނިއްޖެ ކަމަށް ވާ ނަމަ، މިއިން ކޭސް އަކަށް ޓެސްޓް ކުރެވިއްޖެ ކަމަށް ވާ ނަމަ އަޅުގަނޑުމެން ވަގުތުން ވަގުތަށް އެ މައުލޫމާތު އާންމު ރައްޔިތުންނާ ހިއްސާ ކުރާނަން،" މިދިޔަ ޖެނުއަރީ 26 ގައި ބޭއްވި ނިއުސް ބްރީފިންއެއްގައި އަމީން ވިދާޅުވެފައި ވެ އެވެ.

މި ވައިރަހާ ދެކޮޅަށް ރާއްޖެ ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށް ޑަބްލިއުއެޗްއޯގެ ފަރާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި މަންދޫބު، ޑރ. އަރްވިންދް ވަނީ ވިދާޅުވެފަ އެވެ. ކޮވިޑް ވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހެއް ރާއްޖޭން މިހާތަނަށް ނުފެނުމަކީ އެކަމުގެ ނަތީޖާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް-19 މިހާތަނަށް 88،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް އެ ވައިރަސް ފެނިފައި ނުވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމަނައިގެން ޗައިނާ އިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން އީރާނުންނާއި ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން ވެސް ރާއްޖެ އަށް މީހުން މިހާރު މަނަލެވެ. އަދި ކްރޫޒްލައިނާތައް ރާއްޖެ އައުން ވެސް މިހާރު ވަނީ މެދުކަނޑާލައިފަ އެވެ.