Roadha Mihaaru
އާންމު ދަތުރުފަތުރުގެ ހިދުމަތް ލަގްޒެމްބާގްގައި ހިލޭ

އާންމު ދަތުރުފަތުރުގެ ހިދުމަތް ލަގްޒެމްބާގްގައި ހިލޭ

03 މާޗް 2020

މަގުތަކުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ލަގްޒެމްބާގްގައި ދެމުން އަންނަ އާންމުދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް ހިލޭ ދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަގުތަކުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ އަށް ހައްލެއް ހޯދުމުގެ ގޮތުން ލަގްޒެމްބާގްގައި ދެމުން އަންނަ އާންމުދަތުރުފަތުރުގެ ހުރިހާ ހިދުމަތެއް ހިލޭ ދޭން ފަށައިފި އެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ގެނައި ބަދަލާ އެކު ބަހާއި ރޭލާއި ޓްރޭމްގެ ހިދުމަތް އެއްވެސް ފީއަކާ ނުލައި ރައްޔިތުންނަށް ލިބޭނެ އެވެ.

ލަގްޒެމްބާޒްގެ މޮބިލިޓީ އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ތަރުޖަމާނު ޑެނީ ފްރޭންކް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް ގެނައުން ކަމަށެވެ. އޭނާ ވިދާޅުވީ އާންމު ދަތުރުފަތުރުގެ ހިދުމަތް މުޅިން ހިލޭ ދޭން ފެށުމަކީ ރައްޔިތުން އެ ހިދުމަތް ބޭނުންކުރާ މިންވަރު އިތުރުވުމަށް ބާރު އަޅާނެ ކަމެއް ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން ލަގްޒެމްބާގަކީ އެންމެ ކުޑަ އާބާދީއެއް ވެސް އޮތް އެއް ގައުމެވެ. އެކަމަކު ގާތްގަނޑަކަށް 602،000 މީހުންގެ އާބާދީއެއް އޮތް އެ ގައުމަކީ މަގުތަކުގެ ޓްރެފިކް މައްސަލަ އެންމެ ބޮޑު އެއް ގައުމެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރައްޔިތުންގެ އަތުން ފީއެއް ނަގައިގެން ކުރިން ދެމުން ގެންދިޔަ އާންމު ދަތުރުފަތުރުގެ ހިދުމަތުން ލަގްޒެމްބާގަށް ޓިކެޓް ވިއްކައިގެން އަހަރަކު 46 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެ އެވެ. އަދި މި ހިދުމަތަށް އަހަރަކު 562 މިލިއަން ޑޮލަރު ސަރުކާރުން ހަރަދުކުރެ އެވެ.

ތަރުޖަމާނު ޑެނީ ވިދާޅުވި ގޮތުގައި އާންމު ދަތުރުފަތުރުގެ ހިދުމަތް އެއްކޮށް ހިލޭ ދޭން ނިންމުމަކީ އެކަމުގެ ސަބަބުން ލަގްޒެމްބާގެ އިގުސާދަށް އެއްވެސް ހީނަރު ކަމެއް ކުރިމަތިވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެ ގައުމުގެ އިގުދިސާތީ ހާލަތު ވަރަށް ރަނގަޅު ފައްތަރެއްގައި މި ވަގުތު އޮތުމެވެ.

"އެހެންވީމާ އިގުތިސާދަށް ކުރާ ހެޔޮ ބަދަލުގެ ފައިދާ ސީދާ ރައްޔިތުންނަށް ކުރާނެ ގޮތްތަކެއް ވެސް ހެދުމަކީ މުހިއްމު ކަމެއް." އޭނާ ވިދާޅުވި އެވެ.

ނަމަވެސް ދަތުރުފަތުރުގެ ހިދުމަތް ހިލޭ ދޭން ނިންމުމުން ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެއީ ބައިސްކަލްގެ އިތުރުން ހިނގާފައި އުޅޭ މީހުން ދެން ބަހާއި ރޭލު ފަދަ ހިދުމަތްތައް ހިލޭ ލިބޭތީ ބޭނުންކުރަން ފަށައިފާނެތީ އެވެ.

ޓޫރިސްޓުންގެ މެދުގައި ވެސް ވަރަށް މަގުބޫލު ގައުމެއްގައި ގޮތުގައި ފާހަގަކޮށްލެވޭ ލަގްޒެމްބާގަކީ ގުދުރަތީ ރީތިކަން ވެސް ވަރަށް ބޮޑަށް ލިބިފައިވާ ގައުމެކެވެ. އެ ގައުމުގެ ވަށައިގެންވާ ގައުމުތަކަށް ބަލާ އިރު ވެރިރަށް ލަގްޒެމްބާގް ސިޓީން ބެލްޖިއަމާއި ފްރާންސާއި ޖަރުމަން ފަދަ ގައުމުތަކަށް ބައިގަޑިއެއްހާ އިރުގެ ކާރު ދަތުރަކުން ދެވެ އެވެ.