Roadha Mihaaru
ލަންކާގައި ކަރަންޓު ކުރޮޅި ތައާރަފްކުރަނީ

ލަންކާގައި ކަރަންޓު ކުރޮޅި ތައާރަފްކުރަނީ

23 އޯގަސްޓް 2022

ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޕެޓްރޯލާއި ޑީސަލަށް ބަރޯސާވާ މިންވަރު ދަށްކުރުމުގެ ގޮތުން، ކަރަންޓުން ދުއްވާ އޮޓޯ ރިކްޝާ (ކުރޮޅި) ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުން ބުނެފި އެވެ.

ސްރީ ލަންކާ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގެ ތެރެއިން، ޕެޓްރޯލާއި ޑީސަލަށް ބަރޯސާވާ މިންވަރު ދަށްކުރުމުގެ ގޮތުން، ކަރަންޓުން ދުއްވާ އޮޓޯ ރިކްޝާ (ކުރޮޅި) ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ގައުމުން ބުނެފި އެވެ.

ލަންކާ ސަރުކާރުން ބުނި ގޮތުގައި އެކަމާ ބެހޭ ގޮތުން ފުރަތަމަ މަރުހަލާގެ މަޝްވަރާތައް އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ މަޝްވަރާތަކުގައި ޓްރާންސްޕޯޓާއި ހައިވޭއާ ބެހޭ މިނިސްޓަރު ޑރ. ބަންޑުލާ ގުނަވަރްދެނަ އާއި ޔޫއެންޑީޕީގެ މަންދޫބުން ވާހަކަ ދެއްކެވީ، ކަރަންޓުން ދުއްވާ ކުރޮޅި އާއި ބަސް، އާންމު ދަތުރުފަތުރަށް ނެރުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާ ބެހޭ ގޮތުންނެވެ.

އެ ބަދަލު ގެނެވިއްޖެ ނަމަ، ޕެޓްރޯލާއި ޑީސަލް އެތެރެ ކުރަންޖެހޭ މިންވަރު ވަރަށް ބޮޑަށް ދަށަށް ދާނެ އެވެ. އޭގެ އިތުރުން އެއްގަމު އުޅަނދުތަކުގެ ސަބަބުން ލަންކާގެ ވައި ތަޣައްޔަރުވާ މައްސަލަ އަށް ވެސް އެކަށީގެންވާ ހައްލެއް ލިބޭނެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ސްރީ ލަންކާގައި އެއް މިލިއަނަށް ވުރެ ގިނަ ކުރޮޅި ދުއްވަ އެވެ. އާންމު ދަތުރުފަތުރުގައި އެންމެ ގިނައިން ބޭނުންކުރާ ކުރޮޅިތައް، ކަރަންޓުން ދުއްވާ ގޮތަށް ބަދަލުކުރުމަކީ، އެފަދަ އުޅަނދުތައް ދުއްވުމަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑަށް ކުޑަވާނެ ކަމެކެވެ. ކުރޮޅި ދުއްވުމަށް ކުރަންޖެހޭ ހޭދަ ކުޑަވުމުން، އެއްގަމު ދަތުރުފަތުރުގެ އަގުތައް ވެސް ދަށަށް ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

ސްރީ ލަންކާ ސަރުކާރުން މިއަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ އީ-މޮބައިލިޓީ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ތެރޭގައި 300 ކުރޮޅި ކަރަންޓުން ދުއްވާ ގޮތަށް ބަދަލު ކުރާނެ އެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ޔޫއެންޑީޕީގެ ބެލުމުގެ ދަށުން ހިންގާ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

މި މަޝްރޫއަށް ޔޫއެންޑީޕީން ވަނީ ތިން މިލިއަން ޑޮލަރު ކަނޑައަޅައިފަ އެވެ. އޭގެ އިތުރުން ވެރިރަށް ކޮޅުނބުގައި ކަރަންޓު ބަސް ބޭނުންކުރަން ފެށުމަށް ވެސް ސަރުކާރުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޓްރާންސްޕޯޓާއި ހައިވޭއާ ބެހޭ މިނިސްޓަރު ޑރ. ބަންޑުލާ ގުނަވަރްދެނަ އިއްޔެ ވިދާޅުވި ގޮތުގައި ކަރަންޓުން ދުއްވާ ކުރޮޅި އާއި ބަހުގެ ޚިދުމަތް ތައާރަފްކުރުމާ ގުޅޭ ގޮތުން އެކުލަވާލާފައިވާ ކަރުދާހެއް މިހާރު ވަނީ ކެބިނެޓަށް ހުށަހަޅައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ކަރަންޓު އުޅަނދުތަކުން ނަގާނެ ފީގެ މިންވަރު ކަނޑައެޅުމުގެ ޒިންމާ މިހާރު ވަނީ، ނޭޝަނަލް ޓްރާންސްޕޯޓް ކޮމިޝަނާ ހަވާލުކޮށްފަ އެވެ.