Roadha Mihaaru
ގޮނޑި ހާއްސަކުރި މައްސަލަ ބަލައެއް ނުގަތް

އަންހެނުންނަށް ގޮނޑި ހާއްސަކުރުން ބާތިލުކުރަން ހުށަހެޅި މައްސަަލަ ސުޕްރީމް ކޯޓުން ނުބެލި

28 ފެބުރުއަރީ 2020

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަނުކުރެވޭތީ އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައި ނުގަތުމަށް ނިންމައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަނުކުރެވޭތީ އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައި ނުގަތުމަށް ނިންމައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމެވިކަން އެންގި ލިއުމުގައި ބުނެފައި ވަނީ އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ހައިކޯޓަށް އޮންނަ ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކޮށްފައި ވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 380 އަށް ވުރެ ގިނަ އަންހެނުން އިންތިޚާބު ކުރަން ޖެހެ އެވެ. އެހެންވެ، އަންހެނަކު އިިންތިޚާބު ކުރަންޖެހޭ ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވެ އެވެ.

ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމެވުމުން އަލުން ބަލައިދޭން އެދި ހަމަ އެ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މިހާރު އޮވެ އެވެ. އެކަމަކު މޫސާ އަންވަރު ބުނީ އެ ނިންމުން ރިވިއު ކުރަން ދެން އެ ކޯޓަށް ހުށަނާޅާނެ ކަމަށާއި އަންނަ ހަފްތާގައި މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމެވުމަކީ އަދުލު އިންސާފަށް ހުރަސް އެޅުން ކަމަށް ދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުރަތަމަ މި މައްސަލަ ހުށަހެޅީ ފެބްރުއަރީ އެކެއްގައި، އޭރު އެންގީ ދައުވާގެ ފޯމްތައް އިސްލާހު ކުރަން. އިސްލާހު ކޮށްފައި އަލުން ހުށަހެޅީ 6 ފެބްރުއަރީގައި. ދެން މިހާ ލަހުން ގޮތެއް ނިންމި އިރު މިއޮތީ އިންތިހާބަަށް ކުރިމަތިލުމުގެ މުހުލަތު ވެސް ހަމަވެފައި. އަޅުގަނޑު ގަބޫލުކުރަނީ މިއީ އިންސާފަށް ހުރަސް އެޅުން ކަމަށް،" މޫސަ ބުންޏެވެ.

އޭނާ ބުނީ ފްރާންސްގައި ވެސް މި މައްސަލަ ކުރިމަތިވެގެން އެ ގައުމުގެ ސުޕްރީމް ކޯޓަށް މީހަކު ހުށަހެޅުމުން އެ މާއްދާ ބާތިލު ކުރި ކަމަށާއި އެ ގައުމުގައި ފަހުން ޖެހުނީ ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކަމަށެވެ.

ރެޖިސްޓްރާގެ އެ ނިންމެވުން އޭނާ ސިފަކުރަނީ ސުޕްރީމް ކޯޓަށް މައްސަލަ ބަލަން ނުކެރިގެން، ހައިކޯޓުގެ ފަނޑިޔާރުންގެ "ބޮލަށް އެ މައްސަލަ ޖެހުން" ކަމަށެވެ.

ކައުންސިލްތަކުގެ ވަކި އަދަދެއް އަންހެނުންނަށް ޚާއްސަ ކުރަން ލާޒިމްކުރި ބައި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން މޫސަ ނިންމިއިރު، މީގެ ކުރިން ވެސް ދުސްތޫރީ ބައެއް މައްސަލަތައް އޭނާ އެ ކޯޓަށް ހުށަހަޅައި، އޭގެ ތެރެއިން ބައެއް މައްސަލަތައް ކާމިޔާބު ކުރި އެވެ.