އާ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުުރު ދެމިގެންދާ ގޮތަށް ހަމަޖެއްސޭނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް މިއަދު ލަފާދީފި އެވެ.
29 މެއި 2020
އާ ކައުންސިލްތަކަށް މެމްބަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުުރު ދެމިގެންދާ ގޮތަށް ހަމަޖެއްސޭނީ ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން ކަމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް މިއަދު ލަފާދީފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެއް އަހަރަށް ފަސް ކޮށްފައިވާއިރު، މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ ހަފުތާގައި ހަމަވެ އެވެ. އެހެންވެ، އާ ކައުންސިލް މެމްބަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަޖިލީހަށް ހުށަހެޅިޔަސް، ގާނޫނުއަސާސީ މެދުވެރިކޮށް އެފަދަ ބަދަލެއް ގެނައުމާ މެދު މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުމުން އެކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް މަޖިލީހުން އެދުނީ އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މަޖިލީހަށް ދިން ލަފާގައި ވަނީ ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ އެއްވެސް ކަމަކަށް ބަދަލެއް ގެނެވޭނީ ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ގެނެވޭ އިސްލާހަކުން ކަމަށެވެ. މިހާރުގެ ކައުންސިލްތައް އިންތިޚާބުކުރީ ކައުންސިލްތަކުގެ އުމުރަކީ ތިން އަހަރު ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި ވަނިކޮށް ކަމަށް ވާތީ، އެ މުއްދަތު ހަމަވުމަށް ފަހު، ކައުންސިލަރުން މަގާމުގައި ދެމިތިބެވޭނެ ހަމައެކަނި ގޮތަކީ ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށާއި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެން ނުވާ ކަމަށް ވެސް ލަފާގައިވެ އެވެ.
"އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް މިނިސްޓަރު އޮފް ހެލްތް އިއުލާން ކުރައްވާފައި އޮތްއޮތުމަކީ ގާނޫނުއަސާސީގެ 267 ވަަނަ މާއްދާއިން ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން މަނާ ކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް ނުފެނެ އެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ލަފާގައިވެ އެވެ.
"ގާނޫނުއަސާސީގެ އެއްވެސް އަކުރެއް ނުވަތަ ފިއްޔެއް ވެސް ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާން ކޮޮށްފައިވާ އުސޫލާ ޚިލާފަށް ބަދަލުކުރުމަށް ބާރު ދައުލަތުގެ އެއްވެސް ބާރަކަށް ހުއްދަ ދީފަައެއް ނެތެވެ،" ސުޕްރީމް ކޯޓުގެ ލަފާގައި ބުންޏެވެ.
އެކަމަކު އެ ލަފާގައިވާ ގޮތުން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލު އޮތްގޮތަށް ފާސް ކުރިޔަސް، މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެނެއް ނުދާނެ އެވެ. ސަބަބެއްގެ ގޮތުގައި ސުޕްރީމް ކޯޓުގެ ބުނީ، ކައުންސިލްތަކުގެ ދައުރު ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގައި ކަމަށް ވެފައި، ސަރުކާރުން ހުށަހެޅި ބިލުގައި އިސްލާހު ގެންނަން ހުށަހަޅާފައިވަނީ އެހެން މާއްދާއަކަށް ކަމަށް ވުމެވެ. އެހެންވެ، އެކަމަށް ހައްލެއް ގެނެވޭނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް އިސްލާހު ގެނެސްގެން ކަމަށް އެ ލަފާގައިވެ އެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 95 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ދޭ ލަފާ
— Supreme Court of the Maldives (@SCMaldives) May 29, 2020
ވިދާޅުވުމަށް https://t.co/Nonb3eLUvp pic.twitter.com/uE0aSz7tFI
ސުޕްރީމް ކޯޓުގެ ލަފާ
"އެކަން ކުރެވޭނެ ކަމަށް ފެންނަނީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސުތަކަށް ސީދާ ގޮތެއްގައި ގެނެވޭ އިސްލާހަކުންނެވެ." ސުޕްރީމް ކޯޓުން ބުންޏެވެ.
އެ ކޯޓުގެ ލަފާގައިވާ ގޮތުން، އިންތިޚާބު ފަސްކުރަން ޖެހުމުން ގެންނަންޖެހޭ އެ ބަދަލަކީ ވަގުތީ ބަދަލެއް ކަމަށް ވާތީ ގާނޫނުއަސާސީ މައިގަނޑު ބައެއް ބަދަލު ކުރުމަކީ ރަނގަޅު ގޮތެއް ކަމަށް މަޖިލީހަށް ނުފެންނަ ނަމަ، 231 ވަނަ މާއްދާއަށް ސީދާ އިސްލާހު ގެނައުމުގެ ބަދަލުގައި އިންތިގާލީ މާއްދާތަކެއް ވެސް ހިމެނިދާނެ އެވެ.
ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއް އިއުލާން ކޮށްފައި އޮތުމުން، މިވަގުތު ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ސުޕްރީމް ކޯޓުން ބުނީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުން މަނާވާ ހަމައެކަނި ހާލަތަކީ ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތުގައި ކަމަށެވެ. މިހާރު ރާއްޖޭގައި އޮތީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ހެލްތް މިނިސްޓަރު އިއުލާން ކުރެއްވި ހާލަތެއް ކަމަށް ވެފައި، އެ ގާނޫނަކީ ގާނޫނުއަސާސީއަށް ވުރެ ފަހުން އައި ގާނޫނެއް ކަމަށް ވާއިރު، ގާނޫނުއަސާސީ އިސްލާހު ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް އެ ލަފާގައިވެ އެވެ.
"އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް އޮތް ކަމަށް މިނިސްޓަރު އޮފް ހެލްތް އިއުލާން ކުރައްވާފައި އޮތްއޮތުމަކީ ގާނޫނުއަސާސީގެ 267 ވަަނަ މާއްދާއިން ގާނޫނު އަސާސީއަށް ބަދަލެއް ގެނައުން މަނާ ކޮށްފައިވާ ހާލަތެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް އޮތް ކަމަކަށް ނުފެނެ އެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި އެ ލަފާގައިވެ އެވެ.
ކައުންސިލްތަކުގެ ދައުރު ދެމިގެންދާ ގޮތަށް ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައި ވަނިކޮށް، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބަދަލުގައި އެކަމަށް ޚާއްސަ ގާނޫނެއް ފާސް ކުރުމުގެ ބިލެއް ހުށަހަޅުއްވައިފަ އެވެ. އެކަމަކު އާންމު ގާނޫނަކުން އެ ބަދަލު ނުގެނެވޭނެ ކަމަށް ބަންޑާރަ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ކައުންސެލާ ޖެނެރަލް ލަފާ ދެއްވުމުން ސަރުކާރުން ހުށަހެޅި ބިލު މިހާރު ވަނީ މަޖިލީހަށް ބަލައިގަނެފަ އެވެ.
ސުޕްރީމް ކޯޓުގެ ފުރަތަމަ ޓެސްޓުން އުއްމީދުތަކެއް
ކައުންސިލަރުންގެ ބާރުތަކެއް ހަނިކޮށް، ގާނޫނީ ހައްލެއް
ކައުންސިލްތަކުގެ ދައުރު ދަންމާލާ އިސްލާހު ފާސްކޮށްފި
އިދިކޮޅުގެ "އާނބަސް" ނުލިބުމުން ވޯޓު ހޯމަދުވަހުގެ ރޭ
މަޖިލިސް: މައިނޯރިޓީ ލީޑަރުގެ ޖަވާބެއްގެ އިންތިޒާރުގައި
ސުޕްރީމްކޯޓުގެ ލަފައާ އެއްގޮތަށް އިސްލާހު ހުށަހަޅައިފި
އެމްޑީޕީގެ ހަތަރު މެމްބަރަކު ވިޕްލައިނާ ޚިލާފުވެއްޖެ
ދައުރާމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފާސްކޮށްފި
ގާނޫނު އަސާސީ އިސްލާހުކުރަން އެމްޑީޕީން ނިންމައިފި
ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި