Roadha Mihaaru
ޕާކިސްތާން އަދިވެސް އެފްއޭޓީއެފްގެ "ގްރޭ ލިސްޓު"ގައި

އެފްއޭޓީއެފްގެ "ގްރޭ ލިސްޓު"ގައި ޕާކިސްތާން އަދިވެސް އޮންނާނެ

23 ފެބުރުއަރީ 2020

ކަރާޗީ (ފެބްރުއަރީ 23) - މަނީ-ލޯންޑްރިން އާއި ޓެރަރިޒަމަށް ހޭދަކުރޭތޯ ފާރަވެރިވުމަށް އުފައްދާފައިވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) ގެ "ގްރޭ ލިސްޓް" ގައި ޕާކިސްތާން އަދިވެސް ބާއްވަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަރާޗީ (ފެބްރުއަރީ 23) - މަނީ-ލޯންޑްރިން އާއި ޓެރަރިޒަމަށް ހޭދަކުރޭތޯ ފާރަވެރިވުމަށް އުފައްދާފައިވާ ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) ގެ "ގްރޭ ލިސްޓް" ގައި ޕާކިސްތާން އަދިވެސް ބާއްވަން ނިންމައިފި އެވެ.

ޕެރިހުގައި ހިންގާ އެފްއޭޓީއެފް އިން މިދިޔަ އޮކްޓޯބަރު މަހު ވަނީ ބްލެކް ލިސްޓުން ޕާކިސްތާން ސަލާމަތްކޮށް، ނަމަވެސް ފެބްރުއަރީ މަހުގެ ކުރިން އެ ގައުމުން އެކްޝަން ޕްލޭން ފުރިހަމަ ކުރުމަށް އެދިފަ އެވެ. ނަމަވެސް އެ މަސައްކަތް މި މަސް ނިމޭއިރު ވެސް ފުރިހަމަ ނުވާނެތީ އެފްއޭޓީއެފް އިން އަނެއްކާވެސް ވަނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕާކިސްތާން "ގްރޭ ލިސްޓް" ގައި ބާއްވަން ނިންމައިފަ އެވެ. މިއީ ހަތަރު މަސް ދުވަހުގެ މުހުލަތު އިތުރުކުރި ދެ ވަނަ ފަހަރެވެ.

އެފްއޭޓީއެފް އިން ބުނެފައި ވަނީ ޓެރަރިޒަމަށް ފައިނޭންސް ކުރުމާ ދެކޮޅަށް ޕާކިސްތާނުން ފިޔަވަޅު އެޅުމުގައި ކުރިއެރުން ހޯދަމުން ނުދާ ނަމަ، އެ ގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެފްއޭޓީއެފް ނިންމުމާ ގުޅިގެން، ޕާކިސްތާން ސަރުކާރުން ވަނީ، އެކްޝަން ޕްލޭން ފުރިހަމަ ކުރުމުގައި ދެމިތިބޭނެ ކަމަށް ބުނެފަ އެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން ބުނެފައި ވަނީ އެފްއޭޓީއެފްގެ 27 ޕޮއިންޓުގެ މައްޗަށް އެކުލެވޭ އެކްޝަން ޕްލޭން ފުރިހަމަ ކުރުމުގައި ވޭތުވެދިޔަ ހަތަރު މަސް ދުވަހު ތެރޭ އެދެވޭ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.

އެކްޝަން ޕްލޭނުގެ ދަށުން ޕާކިސްތާނުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ޓެރަރިސްޓް ޖަމާއަތްތައް މަނާކުރުމާއި ޓެރަރިޒަމަށް ފައިސާ ދައުރުވާ ދޮރުތައް ބަންދުކުރުމާއި މަނީ ލޯންޑްރިންއާ ގުޅޭ ގާނޫނުތައް ހަރުކަށި ކުރުން ހިމެނެ އެވެ.

އެފްއޭޓީއެފް އިން ޕެރިހުގައި ހުކުރު ދުވަހު ބައްދަލުވުން ބޭއްވުމުގެ ކުރިން ޕާކިސްތާނުން ވަނީ ލަޝްކަރޭ ތައިބާގެ ލީޑަރު ހާފިޒް ސައީދުގެ މައްޗަށް ޓެރަރިޒަމަށް ޚަރަދު ކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން އޭނާ ފަސް އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.

އެފްއޭޓީއެފްގެ ގްރޭ ލިސްޓުގައި ޕާކިސްތާން ހިމެނީ 2018 ވަނަ އަހަރު އެވެ.