Roadha Mihaaru
ޕާކިސްތާނުގައި މަގުމަތިން 22 މީހަކު މަރާލައިފި

ޕާކިސްތާނުގައި މަގުމަތިން ހިފެހެއްޓުމަށް ފަހު 22 މީހަކު މަރާލައިފި

26 އޯގަސްޓް 2024

ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ސަރަހައްދެއްގައި ހައިވޭއަކުން ދަތުރުކުރި ވެހިކަލްތައް ހުއްޓުވައި މީހުންގެ އައިޑެންޓިޓީ ކާޑު ބެލުމަށް ފަހު ވަކި ނަސްލެއްގެ މީހުންނަށް ވީތީ 22 މީހަކު މަރާލައިފި އެވެ.

ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ސަރަހައްދެއްގައި ހައިވޭއަކުން ދަތުރުކުރި ވެހިކަލްތައް ހުއްޓުވައި މީހުންގެ އައިޑެންޓިޓީ ކާޑު ބެލުމަށް ފަހު ވަކި ނަސްލެއްގެ މީހުންނަށް ވީތީ 22 މީހަކު މަރާލައިފި އެވެ.

މި އަނިޔާވެރި އަމަލު ހިންގާފައިވަނީ ފަގީރުކަން ބޮޑު ބަލޫޗިސްތާން ޕްރޮވިންސްގެ މުސާކައިލް ޑިސްޓްރިކްޓްގައި ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މިއީ ދީނީ އަދި ނަސްލީ ގޮތުން އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީ ބޮޑެތި ހަމަނުޖެހުންތައް ހިނގާތީ ސަލާމަތީ ބާރުތަކުން އެކަމާ ދެކޮޅަށް މަސައްކަތްކުރަމުންދާ ސަރަހައްދެކެވެ.

"ހަތިޔާރުއެޅި ބަޔަކު ވަނީ 22 މީހަކު މަރާލައި ފަސް މީހަކު ޒަހަމްކޮށްލާފައި. އެ މީހުން އެކަން ކޮށްފައިވަނީ ޕަންޖާބާއި ބަލޫޗިސްތާން ގުޅުވައިދޭ ހައިވޭގައި ބަސްތަކާއި ޓްރަކްތަކާއި ވޭންތައް ހުއްޓުވައި މީހުން ނެރުމަށް ފަހު،" ސަރަހައްދުގެ ފުުލުހުންގެ އޮފިޝަލެއް ކަމަށްވާ ނަޖީބުﷲ ކަކަރް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން ފާސްކޮށް މަރާފައިވަނީ ޕަންޖާބް މީހުން ކަމަށެވެ. މަރާލި މީހުންގެ ތެރޭގައި ޕަންޖާބުގެ 19 މީހަކާއި ބަލޫޗިސްތާނުގެ ތިން މީހަކު ހިމެނޭއިރު އޭގެ ތެރޭގައި ގިނައީ ޕަންޖާބުގެ ލޭބަރުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މި އަމަލު ހިންގީ "ބަލޯޗް ލިބަރޭޝަން އާމީ (ބީއެލްއޭ) ގެ ޓެރަރިސްޓުން ކަމަށް ބެލެވޭ" ކަމަށެވެ.

ބަލޫޗިސްތާނަކީ ޕާކިސްތާނުގެ އެންމެ ބޮޑު އަދި ގުދުރަތީ ވަސީލަތްތައް ގިނަ ނަމަވެސް އެންމެ ފަގީރު ޕްރޮވިންސެވެ. -- އޭއެފްޕީ