Roadha Mihaaru
ރެޝްފޯޑަށް ސީޒަން ނިމުނީތަ؟

ރެޝްފޯޑަށް ސީޒަން ނިމުނީތަ؟

20 ފެބުރުއަރީ 2020

މެންޗެސްޓާ (ފެބްރުއަރީ 20) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެ މި ސީޒަނުގައި ދެން އޭނާ އަށް ނުކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ފެބްރުއަރީ 20) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މާކަސް ރެޝްފޯޑަށް ލިބިފައިވާ އަނިޔާ އިތުރަށް ގޯސްވެ މި ސީޒަނުގައި ދެން އޭނާ އަށް ނުކުޅެވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އުމުރުން 22 އަހަރުގެ ރެޝްފޯޑަށް އަނިޔާވީ މިދިޔަ މަހު އެފްއޭ ކަޕްގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ރެޝްފޯޑްގެ ބުރަކަށްޓަށް ލިބުނު އަނިޔާއިން ރަނގަޅުވެ ހަ ހަފްތާ އަށް ފަހު އޭނާ އަށް އަލުން ކުޅެވޭނެވަރުވާނެ ކަމަށް ކުރިން ބެލެވުނެވެ. އެކަމަކު ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ ބުނީ ހީކުރި ވަރަށް ވުރެން ރެޝްފޯޑަށް ލިބުނު އަނިޔާ ގޯސްވެފައިވާ ކަމަށެވެ.

"އަހަރެން އުއްމީދުކުރަނީ މި ސީޒަނުގައި އަދި ކުޅޭނެ ކަމަށް. އެކަމަކު ނުކުޅެވުމުގެ ފުރުސަތު ވެސް އެބައޮތް. އޭނާ ކުޅުމަށް އެނބުރި އަޔަސް ކުރިން ހުރި ފިޓްނަސްގައި އެހާ އަވަހަށް ކުޅެން ފަސޭހައެއް ނުވާނެ،" ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި މިރޭ ކްލަބް ބްރޫޖްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސޯލްޝެއާ ބުންޏެވެ.

ރެޝްފޯޑް މި ސީޒަނުގައި މިހާތަނަށް 22 ގޯލު ޖަހާފައިވާއިރު، ޔުނައިޓެޑް މެޗުތަކުން މޮޅުވުމުގައި އެ ގޯލުތަކުގެ މުހިއްމުކަން ބޮޑެވެ. ޔުނައިޓެޑްގެ އިތުރުން ރެޝްފޯޑަކީ އިންގްލެންޑް ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިޔެކެވެ. ސޯލްޝެއާ ބުނީ ހާލަތު ބަދަލުވާގޮތަށް ބަލާއިރު ރެޝްފޯޑަށް ޔޫރޯ ގެއްލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

"ރެޝްފޯޑް ކުޅުމަށް އެނބުރި އައިސް މޮޅަށް ނުކުޅެވޭނަމަ އަދި އެންމެ ރަނގަޅު ފިޓްނަސް ލެވެލެއްގައި ނުހުރެފިނަމަ ޔޫރޯ ކަހަލަ މުބާރާތެއްގެ ސްކޮޑުން އޭނާ އަށް ފުރުސަތު ދިނުން ރަނގަޅެއް ނުވާނެ. އެއްކޮށް ފިޓްނުވެ ރެޝްފޯޑް ލައްވައި ކުޅުވަން އަހަރެމެން ބޭނުމެއް ނޫން،" ސޯލްޝެއާ ބުންޏެވެ.

ރެޝްފޯޑަށް އަނިޔާވުމުން ޔުނައިޓެޑުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ޗައިނާ ލީގުގައި ކުޅެމުން އައި ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯ ގެނެސްފަ އެވެ. އިގާލޯ ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ޔުނައިޓެޑުން 2-0 އިން ވާދަވެރި ޗެލްސީ ބަލިކުރި މެޗުގެ ފަހު ހާފުގައި ކުޅެން އަރައިފަ އެވެ.

ޔުނައިޓެޑުން ބެލްޖިއަމްގައި އެ ގައުމުގެ ކްލަބް ބްރޫޖާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 11:00 ޖަހާއިރު އެވެ. ޔުނައިޓެޑުން ވަނީ ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި 2017 ވަނަ އަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.