Roadha Mihaaru
"ވަޒީފާއާ ބެހޭ އިސްލާހު އެކުލަވައިލީ އޭޖީއެއް ނޫން"

ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު އެކުލަަވައިލީ އިކޮނޮމިކް މިނިސްޓްރީން: ފައްޔާޒް

16 ފެބުރުއަރީ 2020

ވަޒީފާއާ ބެހާ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބިލް އެކުލަވައިލީ އެޓާނީ ޖެނެރަލްގެ އޮފީހުން ނޫން ކަމަށާއި އެ ބިލް އެކުލަވައިލީ އިކޮނޮމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވަޒީފާއާ ބެހާ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ބިލް އެކުލަވައިލީ އެޓާނީ ޖެނެރަލްގެ އޮފީހުން ނޫން ކަމަށާއި އެ ބިލް އެކުލަވައިލީ އިކޮނޮމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން ފައްޔާޒް މިއަދު ވިދާޅުވީ އެ ބިލް އެކުލަވައިލީ އޭނާގެ ބެއްލެވުމުގެ ދަށުން ކަމަށާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާ އެ ބިލާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހެޅުއްވި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއާ ވެސް ބިލާ ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު މިމޭރުމުން ޖަވާބު ދެއްވީ ބިލަށް ފާޑުކިޔައި މީހަކު ކުރި ޓްވީޓަކަށެވެ. އެ ޓްވީޓް ކުރި މީހާ ބުނީ އެއަށް ވުރެ އެ ރަނގަޅަށް ބިލުގެ މަސައްކަތް ކުރައްވަން ފައްޔާޒަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެޓާނީ ޖެނެރަލް ފުރަތަމަ އެކުލައިލެއްވި ދެލިކޮޕީ ފައްޔާޒާ ހިއްސާ ނުކުރެއްވީ ކީއްވެބާއޭ، ހިތަށް އަރާ ކަމަށެވެ.

"ބިލް ޑްރާފްޓް ކުރީ އިކޮނޮމިކް މިނިސްޓްރީން، އަޅުގަނޑުގެ ބެލުމުގެ ދަށުން. އެ ކަންތަކާ [ބިލުގެ މަސައްކަތާ] އިބްރާހީމް ރިފްއަތު ނުވަތަ އަހުމަދު އީސާއާ އެއްވެސް ގުޅުމެއް ނެެތް. އަޅުގަނޑުމެންގެ ހުށަހެޅުންތަކަކީ ގިނަ މައްސަލަތަކަކަށް ހައްލުކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަންތައްތައް. އަޅުގަނޑުމެންނަކީ ޑިމޮކްރެޓިކް ގައުމެއް. ތަފާތު ނަޒަރިއްޔާތަކާއި ބަހުސަށް ހުޅުވާލައިގެން މިތިބެނީ އެހެންވެ،" ޓްވީޓްގައި ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިސްލާހުތަކާ މެދު ފާޅުކުރި ކަންބޮޑުވުންތައް ބަލައިގަންނަ ކަމަށާއި އިސްލާހުތަކަށް ބަދަލު ގެންނަވާނެ ކަމަށެވެ.

ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކޮށް، ސަލާމް ބުނުމުގެ އުސޫލުތަކަށް ބަދަލު ގެންނަން ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކާ އެކު އާއްމުންގެ ފާޑުކިޔުން އެ ބިލަށް ވަނީ އަމާޒުވެފަ އެވެ.

ވަޒީފާއާ ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނެ އެންމެ ދިގު މުއްދަތަކީ ތިން މަހެވެ. އެކަމަކު ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި ބިލުގައި ހުށަހަޅާފައި އޮތީ އެ މުއްދަތު އިތުރު ކުރުމަށެވެ.

އެ ބިލްގައި ހުށަހަޅާފައި ވަނީ ޕްރޮބޭޝަނަށް ގިނަވެގެން ހިމެނޭނެ މުއްދަތު ހަ މަހަށް އިތުރު ކުރުމަށެވެ. އަދި މިހާރު ވެސް ގާނޫނުގައި އޮންނަ ގޮތަށް ޕްރޮބޭޝަންގެ މުއްދަތުގައި އެއްވެސް ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރުމުގެ ބާރު އޮންނާނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.

ބިލުގައިވާ މިނޫން ވެސް ބައެއް ބަދަލުތަކާ މެދު އާއްމުން އަންނަނީ ފާޑުކިޔަމުންނެވެ.