Roadha Mihaaru
އިމާދުއްދީން ސްކޫލުގެ ވެރިން ވަކިކޮށްފި

އިމާދުއްދީން ސްކޫލުގެ ވެރިން ވަކިކޮށް، ސްކޫލްގެ ހިންގުން އިސްކަންދަރުގެ ޕްރިންސިޕަލަށް

07 ފެބުރުއަރީ 2020

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ޝަކީބާ އަލީ އަދި ލަތީފާ އަހުމަދު މިއަދު އެ ސްކޫލްގެ މަގާމުތަކުން ވަކިކޮށްފި އެވެ. މި ބަދަލާ އެކު، އެ ސްކޫލުގެ ހިންގުން ވަގުތީ ގޮތުން، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ ވަނީ ހަވާލުކޮށްފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ޝާތިރާއި ޑެޕިއުޓީ ޕްރިންސިޕަލުންގެ ގޮތުގައި ތިއްބެވި ޝަކީބާ އަލީ އަދި ލަތީފާ އަހުމަދު މިއަދު އެ ސްކޫލްގެ މަގާމުތަކުން ވަކިކޮށްފި އެވެ. މި ބަދަލާ އެކު، އެ ސްކޫލުގެ ހިންގުން ވަގުތީ ގޮތުން، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދާ ވަނީ ހަވާލުކޮށްފަ އެވެ.

ޝާތިރާއި ޝަކީބާ އަދި ލަތީފާ އަށް އެހެން ސްކޫލަކުން ނުވަތަ އެހެން ތަނަކުން މަގާމު ހަމަޖެއްސި ކަމެއް އަދި ނޭނގެ އެވެ.

އިމާދުއްދީން ސްކޫލްގެ ޓީޗަރަކު، ނަން ނުޖެހުމަށް ޝަރުތުކޮށް "މިހާރު" އަށް ބުނީ ޕްރިންސިޕަލް ޝާތިރު މަގާމުން ވަކިކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ތެރޭގައި ޓީޗަރުންތަކެއް އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅި ކަމަށެވެ. އޭގެ ފަހުން ބެލެނިވެރިން ވެސް އެކަމަށް އެެދި ޕެޓިޝަނެއް ހުށަހެޅި ކަމަށް އޭނާ ބުންޏެވެ.

ބެލެނިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ޝާތިރުގެ ކިބައިގައި ހިންގުންތެރި ކަމެއް ނެތި، ސްކޫލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުން ކަމަށް ބައެއް މީހުން ބުނެ އެވެ.

ޝާތިރު، އިމާދުއްދީންގެ ޕްރިންސިޕަލަކަށް މިދިޔަ އަހަރުގެ ޖުލައި މަހު ހަމަޖެއްސީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މުޖާހިދު، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރެއްވުމުންނެވެ.

ޝަކީބާ އާއި ލަތީފާ، އިމާދުއްދީން ސްކޫލުގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެއްޖެ އެވެ.

ޑެޕިއުޓީ ޕްރިންސިޕަލުންގެ މައްސަލަ ބޮޑުވެ، ސްކޫލު ދެ ފެކްޝަނަކަށް ބެހިފައިވާ ކަމަށާއި ޝަކީބާ އާއި ލަތީފާގެ ސަބަބުން އިމާދުއްދީންގެ ހިންގުމަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް "މިހާރު" އާ ވާހަކަ ދެއްކި ޓީޗަރު ބުންޏެވެ.

"އެ ދެ މީހުންގެ [ޝަކީބާ އާއި ލަތީފާ] ކޯޅުން ވަރަށް ބޮޑު. އެ ދެމީހުން ބަދަލުކޮށްގެން ނޫނީ ސްކޫލު ހާލަތު ބަދަލެއް ނުވާނެ،" އެ ޓީޗަރު ބުންޏެވެ.

އޭނާ ބުނިގޮތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިދިޔަ ހަފުތާގައި އިމާދުއްދީން ސްކޫލަށް ގޮސް، ޑެޕިއުޓީ މިނިސްޓަރުންނާ ގުޅޭގޮތުން ސާވޭ ފޯމެއް ފުރުވި އެވެ. އެ ފޯމު، 80 ޕަސެންޓު ޓީޗަރުން ފުރިހަމަކުރި ކަމަށާއި ގިނަ ޓީޗަރުން ބޭނުންވީ ޑެޕިއުޓީ ޕްރިންސިލުންގެ މަގާމުގައި ތިއްބެވި ޝަކީބާ އާއި ލަތީފާ ސްކޫލުން ވަކިކުރަން ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

އެ ޓީޗަރު ބުނީ، ޝާތިރާއި ޝަކީބާ އަދި ލަތީފާ، މަގާމުން ވަކިކުރުމުގެ ކުރިން ސީނިއާ މެނޭޖްމަންޓާއި ޓީޗަރުންނާ ވަަރަށް ގިނައިން ބައްދަލުކޮށް، އެޑިއުކޭޝަން މިނިސްޓްރީން މަޝްވަރާކުރި ކަމަށެވެ. ފިޔަވަޅުތައް އެޅީ އޭގެ ފަހުންނެވެ.

"މިނިސްޓްރީން ބައިވަރު މީޓިންތައް ބޭއްވި. އެ މީހުން ބުނި މައިގަނޑު އިޝޫ ބަލާނަމޭ. ހުރިހާ ޓީޗަރުން އެއްކޮށް ބައްދަލުކޮށްފައި ބުނީ އެންމެ މީހަކާ ހެދި މައްސަލައެއް ނޯންނާނެއޭ،" އެ ޓީޗަރު ބުންޏެވެ.