Roadha Mihaaru
ޓީއެމްއޭއަށް ބޮޑު ފައިދާއެއް ވާ ގޮތަށް ޖާގަ ދެނީ

ޓީއެމްއޭއަށް ބޮޑު ފައިދާއެއް ވާ ގޮތަށް ޓާމިނަލުން ބޮޑު ބައެއް ދޭން ނިންމައިފި

05 ފެބުރުއަރީ 2020

ސީޕްލޭން އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ވާދަވެރި ވިޔަފާރިވެރިންގެ ޝަކުވާތަކަށް ބެލުމެއް ނެތި އަދި އެމްއޭސީއެލް އަށް ލިބެން އޮތް ބޮޑު ފައިދާއެއް ގެއްލޭ ގޮތަށް، އާ ސީޕްލޭނުން ބޮޑު ޖާގައެއް ޓީއެމްއޭ އަށް ދޭން ސަރުކާރުން ނިންމައި، މިއަދު އެކަން އިއުލާންކޮށްފި އެވެ.

ސީޕްލޭން އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ވާދަވެރި ވިޔަފާރިވެރިންގެ ޝަކުވާތަކަށް ބެލުމެއް ނެތި އަދި އެމްއޭސީއެލް އަށް ލިބެން އޮތް ބޮޑު ފައިދާއެއް ގެއްލޭ ގޮތަށް، އާ ސީޕްލޭނުން ބޮޑު ޖާގައެއް ޓީއެމްއޭ އަށް ދޭން ސަރުކާރުން ނިންމައި، މިއަދު އެކަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޓީއެމްއޭ އިން މިހާރު ވެސް ވަރަށް ކުޑަ އަގެއްގައި އޮޕަރޭޓްކުރަމުން އަންނަ ޓާމިނަލްގައި ލައުންޖްތައް ހިންގާ ޖާގަ، އެމްއޭސީއެލުން ބޮޑު ހޭދައެއް ކޮށްގެން ހެދި ޓާމިނަލުން ދޭން ނިންމީ، އިންވެސްޓަރުންގެ ހިމާޔަތުގައި ކަމަށެވެ.

ޓީއެމްއޭ އިން ދިގު މާޒީއެއްގައި ހޯދަމުން އައި ބޮޑު ފައިދާ، ހަމަ އެގޮތަށް ނެގޭ ގޮތަށް، އާ ޓާމިނަލުން ޖާގަ ދޭން އުޅޭތީ އިންޑަސްޓްރީގެ ތަޖުރިބާކަރުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސީޕްލޭން ދުއްވާ ބައެއް ފަރާތްތަކަކީ "ފޮރިން އިންވެސްޓްމަންޓްތަކަކަށް ވުމާ އެކު ބޭރު ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް އޮތް އިތުބާރާއި ޔަގީންކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ނިންމުންތައް ބައްޓަން ކުރުމަށް ވެސް ސަރުކާރުގެ މި ނިންމުމުގައި ރިޔާއަތް ކުރެވިފައިވާނެ އެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ހަމައެކަނި ބޭރު ކުންފުންޏަކީ މިހާރު ޓީއެމްއޭ އެވެ.

ނޫސްބަޔާނުގައި ޓީއެމްއޭއަށް ދެނީ ކިހާ ބޮޑު ޖާގައެއްކަން ބުނެފައި ނެތަސް، އެނގިފައިވާ ގޮތުގައި އާ ޓާމިނަލުން 5،000 އަކަމީޓަރު، މިހާރު ވެސް ޓީއެމްއޭ އިން އެމްއޭސީއެލަށް ދޭ އަގުގައި ދޫކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެއީ އަކަމީޓަރެއް 23 ޑޮލަރުގެ ރޭޓުން ކަމަށްވެ އެވެ.

ޓީއެމްއޭ އަށް އާ ޓާމިނަލުން ބޮޑު ބައެއް ކުޑަ އަގެއްގައި ދޭން އުޅޭތީ އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އެންގުމަށް އޮޑިޓް އޮފީހުން ހެދި އޮޑިޓްގައި ބުނެފައިވާ ގޮތުގައި ޓީއެމްއޭ އިން އަމިއްލަ އަށް ހަދައިގެން ހިންގަމުން އަންނަ 16،222 އަކަމީޓަރުގެ ޓާމިނަލުން އެމްއޭސީއެލަށް ދެމުން އައީ އަކަމީޓަރަކަށް 10.35 ޑޮލަރަށެވެ.

އެކަމަކު އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އާ ޓާމިނަލުން އަކަމީޓަރަކަށް 23.44 ޑޮލަރު ދޭން ވާހަކަ ދެކެވުނު ކަމަށް، އޮޑިޓް ރިޕޯޓުން އެނގެ އެވެ. އެހެންކަމުން މިހާރު ޓީއެމްއޭއަށް 5،000 އަކަމީޓަރު ދެނީ އެ އަގުގައި ކަމަށް ބެލެވެ އެވެ.

ޓީއެމްއޭ އިން ކުޑަ އަގެއްގައި ކުއްޔަށް ހިފައިގެން 61 ލައުންޖް ރިސޯޓްތަކަށް ދީފައި ހުންނަނީ އަކަމީޓަރެއް 170 ޑޮލަރަށް ވުރެ މަތީގެ އަގުތަކެއްގައި ކަމަށްވެ އެވެ.

"ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައި ވާނީ އެމްއޭސީއެލް އަށް ލިބެން އޮތް އާމްދަނީ އިތުރުކުރެވޭނެ ގޮތަކަށް އަމަލްކުރުމާ އެކު ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވަނެ ގޮތަކަށް އަމަލްކުރުމަށް،" ކަމަށް، ފިނޭންސްގެ ބަޔާނުގައިވެ އެވެ.

އާ ސީޕްލޭން ޓާމިނަލް

55 މިލިއަން ޑޮލަރު: މަޝްރޫއުގެ އަގު

28،000 އަކަމީޓަރު: ހަތަރު ބުރީގެ އާންމު ޖާގައިގެ ބޮޑުމިން

8،836 އަކަމީޓަރު: އެމްއާރުއޯ ފެސިލިޓީ އަށް

100 އަކަމީޓަރު: ވީވީއައިޕީ ބަޔަށް

ފިނޭންސް މިނިސްޓްރީން ބުނީ، ޓީއެމްއޭގެ އިތުރުން ސީޕްލޭންގެ ހިދުމަތް ދެމުން އަންނަ މަންޓާ އެއާ އަށް ވެސް، އެ ކުންފުނިން މިހާރު ބޭނުންކުރާ ވަރުގެ ޖާގައެއް، އާ ޓާމިނަލުން، މިހާރު ވެސް ދީފައިވާ އަގަށް، ދެ އަހަރަށް ދޭނެ ކަމަށެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނަމުން އަންނަނީ ވަކި އެއާލައިނަކަށް މާކެޓް ކޮންޓްރޯލް ކުރެވޭ ގޮތަށް އާ ޓާމިނަލް ކުއްޔަށް ދިނުމުން، ވާދަވެރިކަން ނުއުފެދޭނެ ކަމަށެވެ.

ހާއްސަ އޮޑިޓަށް ބިނާކޮށް ކުރިން ޖެހި ރިޕޯޓެއް

މަންޓާ އެއާ އިން ހަދާފައިވާ ޓާމިނަލުން އެމްއޭސީއެލަށް ދެނީ ކޮން އަގެއްކަމެއް، އޮޑިޓް ރިޕޯޓްގައި ނެތެވެ. އަދި ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެސް ބުނެފައެއް ނުވެ އެވެ.

އައިލެންޑް އޭވިއޭޝަނަށް ދެނީ އެ ކުންފުނިން މިހާރު ވެސް އަމިއްލަ އަށް ހިންގަމުން އަންނަ ކުޑަ ޓާމިނަލެވެ. އެއީ ޓީއެމްއޭ އިން މިހާރު ދޭ ވަރުގެ ކުއްޔެއް ވެސް އެމްއޭސީއެލަށް ދެވޭވަރުގެ އޮޕަރޭޝަނެއް ހިންގޭ ވަރުގެ ގާބިލްކަން މޯލްޑީވިއަންގައި ނެތުމުން ކަމަށް ވެދާނެ ކަމަށް، މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނެ އެވެ.

އެމްއޭސީއެލްއަށް ބާކީ އޮތް ބައި؟

އާ ޓާމިނަލުން ވިޔަފާރީގެ އުސޫލުން އެހެން ފަރާތްތަކަށް، ސީދާ އެމްއޭސީއެލުން ޖާގަ ދެން ދެވޭނީ ޓީއެމްއޭ އާއި މަންޓާ އެއާއަށް ދީފައި ބާކީ އޮންނަ ޖާގަ އެވެ. އެކަން ފިނޭންސްގެ ބަޔާނުން ވެސް އެނގެ އެވެ.

ޓީއެމްއޭ އާއި މަންޓާ އެއާއަށް "ލައުންޖް ޖާގަ ހަމަޖެއްސުމަށް ފަހު، ބާކީވާ ލައުންޖް ސްޕޭސްއަށް ވާ ޖާގަ ޑިމާންޑަށް ބަލައި، ޓެންޑަ އުސޫލުން އެމްއޭސީއެލުން ހުޅުވާލައި ވާދަވެރި ރޭޓްތަކެއް ދެމެހެއްޓޭނެ ފަދަ ގޮތަކަށް ދޫކުރަން" ނިންމާފައިވާ ކަމަށް، ފިނޭންސްގެ ބަޔާނުގައިވެ އެވެ.

ރިސޯޓްތަކަށް ދޫކުރާ ލައުންޖްތަކަކީ ޓާމިނަލުން އެންމެ ބޮޑު އާމްދަނީއެއް ވައްދާ ވިޔަފާރީގެ އެއް ކޮމްޕޯނެންޓެވެ. އެކަމަކު ޓީއެމްއޭ އާއި މަންޓާ އެއާއިން ކުޑަ އަގެއްގައި ޖާގަ ލިބެން އޮއްވާ ބޮޑު އަގެއްގައި އެމްއޭސީއެލުން ޖާގަ ކުއްޔަށް ހިފާނީ ދެން ކޮން ރިސޯޓްތަކުންތޯ، ބައެއް ތަޖުރިބާކަރުން މިހާރު ވެސް ސުވާލު އުފައްދަ އެވެ.

ލައުންޖްތައް ކުއްޔަށް ނަގައިގެން، މަތީ ފެންވަރުގައި އެތަންތަން ހިންގަނީ ރާއްޖޭގެ މެދު ފަންތި އާއި މަތީ ފަންތީގެ ރިސޯޓްތަކުން ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނެ އެވެ.

އާ ޓާމިނަލްގެ މަސައްކަތް ފެށުމާ އެކު އެމްއޭސީއެލްގެ ބޯޑުން ހަމައެކަނި ޓީއެމްއޭއާ އެކު މަޝްވަރާތައް ކުރިކަން މީޑިއާއަށް ތިލަވެފައިވެ އެވެ. އެހެންކަމުން އިންސާފުވެރިކަމާ އެކު އާ ޓާމިނަލުން ޖާގަ ދިނުމުގެ މުހިންމުކަމާ މެދު ވާހަކަ ދެއްކި ބައެއް ތަޖުރިބާކާރުން އޭރު ވެސް ބުނަމުން ގެންދިޔައީ، ޓީއެމްއޭ ކޮޅަށް އެމްއޭސީއެލްގެ ބޯޑު ޖެހިފައި އޮތް ކަމަށެވެ.

ޓީއެމްއޭއަކީ މިހާރު ބޭރުގެ ދެ ކުންފުންޏަކުން ކޮންޓްރޯލްކުރާ އެއާލައިނަކަށް ވިޔަސް، އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަން، ޗަމްޕާ ހުސެއިން އަފީފުގެ ބޮޑު ހިއްސާއެއް ކުރިން އޮތް އެއާލައިނެކެވެ. އަދި މިހާރު ވެސް އެމްއޭސީއެލްގެ ބޯޑުގައި އަފީފުގެ ސީދާ ކޮންޓްރޯލް އޮންނަ ވަރަށް، ވިޔަފާރި އާއި އާއިލީ ގޮތުން ގުޅުން އޮތް މެމްބަރުން އެބަ ތިއްބެވި އެވެ.

ދެ އަހަރު ފަހުން އެމްއޭސީއެލަށް؟

ފިނޭންސް މިނިސްޓްރީން ބުނީ އާ ސީޕްލޭން ޓާމިނަލްގެ ފުލް އޮޕަރޭޝަން، ދެ އަހަރުގެ ތެރޭގައި އެމްއޭސީއެލަށް ލިބޭނެ ކަމަށެވެ.

ސަރުކާރުގެ ނިންމުން މިއައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އެދުމަކަށް، އޮޑިޓަ ޖެނެރަލް ހާއްސަ އޮޑިޓެއް ހަދާފައި ވަނިކޮށެވެ. އެ އޮޑިޓްގައި ބުނީ އެމްއޭސީއެލުން މާކެޓް އަގުގައި އާ ޓާމިނަލުން ޖާގަ ކުއްޔަށް ދީފި ނަމަ އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެކަމަކު މިހާރު ސަރުކާރުން ކަނޑައެޅި ގޮތަށް ކުއްޔަށް ދީފި ނަމަ ލިބޭނީ އަހަރަކު 5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަށް، އޮޑިޓްގައި ބުނެފައިވެ އެވެ.

އެ އޮޑިޓް ރިޕޯޓްގައި ހުރީ ހިޔާލީ އަދަދުތަކެއް ކަމަށް ބުނެ، ޓީއެމްއޭ އިން ރައްދު ދީފައިވެ އެވެ.