Roadha Mihaaru
މާލިއްޔަތު ކޮމިޓީން މަންޓާއާ ވެސް ބައްދަލުކުރަނީ

މާލިއްޔަތު ކޮމިޓީން މަންޓާއާ ވެސް ބައްދަލުކުރަނީ

16 ފެބުރުއަރީ 2020

އާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި މަންޓާ އެއާ އާ ވެސް ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތާވަލްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި މަންޓާ އެއާ އާ ވެސް ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ތާވަލްކޮށްފި އެވެ.

މާލިއްޔަތު ކޮމިޓީން މަންޓާގެ މަންދޫބުންނާ ބައްދަލުކުރަން ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމުގެ މައްސަލައިގައި މަންޓާ އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ބުނީ، އެމްއޭސީލް އިން ބޮޑު ހޭދައެއް ކޮށްގެން ހަދާ އާ ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ފިނޭންސް މިނިސްޓްރީން އާއްމުކުރީ ވާދަވެރި މާހައުލެއްގެ ތެރެއިން އޮޕަރޭޝަންތައް ހިންގޭނެ ހައްލެެއް ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ. އެ ހައްލު ގަބޫލުނުކޮށް، މުޅި ޓާމިނަލްގެ ކޮންޓްރޯލް ނަގަން ޓީއެމްއޭ އިން ކުރާ މަސައްކަތާ މަންްޓާ ދެކޮޅު ކަމަށް ސިޓީގައިވެ އެވެ.

އެ ކުންފުނިން ސުވާލު އުފައްދަނީ، ޓާމިނަލުން ބޮޑު އާމްދަނީއެއް ނުލިބޭ ކަމަށް ޓީއެމްއޭ އިން ބުނުމަށް ފަހު، މުޅި ޓާމިނަލްގެ ކޮންޓްރޯލް ހޯދަން ސަރުކާރުގެ މުއަައްސަސާތަކުގައި ލޮބީކުރަމުންދާ މައްސަލައިގަ އެވެ.

ސިޓީގައި މަންޓާއިން އެދިފައި ވަނީ އެ ކުންފުނީގެ ކަންބޮޑުވުންތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިއްސާކުރުމުގެ ފުރުސަތުތަކަށެވެ.

އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ގިނަ ކަންކަން އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާ ކަަމަށް އޭސީސީން ބުނެ އެވެ. އަދި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް ވެސް އޭސީސީން ބުންޏެވެ.