Roadha Mihaaru
ޓީއެމްއޭއަށް ދީފި ނަމަ ވާދަވެރިކަން ގެއްލޭ: މަންޓާ

ޓީއެމްއޭއިން އެދޭ ގޮތަށް ނިންމައިފި ނަމަ ވާދަވެރިކަން ގެއްލޭނެ: މަންޓާ

17 ފެބުރުއަރީ 2020

ޓީއެމްއޭއިން ޑިމާންޑްކުރަމުން ދާ ގޮތަށް އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ކޮންޓްރޯލް އެ ކުންފުންޏަށް ދީފި ނަމަަ ސީޕްލޭން ވިޔަފާރީގެ ވާދަވެރިކަމަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށް ބުނެ މަންޓާ އެއާ އިން، ރައްޔިތުންގެ މަޖިލިހުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޓީއެމްއޭއިން ޑިމާންޑްކުރަމުން ދާ ގޮތަށް އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ކޮންޓްރޯލް އެ ކުންފުންޏަށް ދީފި ނަމަަ ސީޕްލޭން ވިޔަފާރީގެ ވާދަވެރިކަމަށް ބޮޑު ހުރަހެއް އެޅޭނެ ކަމަށް ބުނެ މަންޓާ އެއާ އިން، ރައްޔިތުންގެ މަޖިލިހުގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މަންޓާއިން އެދިގެން، މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަންޓާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ހޯދަން ޓީއެމްއޭއިން އުޅެނީ މޮނޮޕޮލީ އުކުޅެއްގެ ގޮތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑެޑިކޭޓެޑް ލައުންޖް ހަދަން ޓީއެމްއޭއިން ރިސޯޓްތަކަށް ދޫކޮށްފި ނަމަ، އެ ރިސޯޓަކުން، ޓޫރިސްޓުން އުފުލުމުގެ ފުރުސަތު އެހެން އެއާލައިނަކަށް ދިނުމުގެ މަގު މުޅިން ބަންދުވާނެ އެވެ. އޭރުން އެ އުފެދެނީ މޮނޮޕޮލީއެއް ކަމަށާއި ނަމަވެސް އެ މޮނޮޕޮލީ ނޫފެދޭ ގޮތަށް ޓީއެމްއަށް ބޮޑު ޖާގައެއް ދިނުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިސްޓުން އުފުލުމުގައި އޮތް މޮނޮޕޮލީއަކީ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށް ދާންވާ ވަރަށް ކުރިއަށް ނުދާ އެއް ސަބަބު ކަމަށެވެ.

"އެއީ މޮނޮޕޮލީއެއް އޮތީމާ، ކޮންމެ ބަޔަކަށް ވެސް، އަޅުގަނޑުމެންނަށް ވިޔަސް، އަޅުގަނޑުމެންގެ ޕްރައިސް ކޮންޓްރޯލް ކުރެވޭނެ. ޕްރައިސް ކޮންޓްރޯލް ކުރެވުނީމާ އިތުރު ޗޮއިސްއެއް ނެތީމާ ބާގެއިނިން ޕަވާއެއް ނޯންނާނެ އެއްވެސް މީހަކަށް،" ޚަލީލް ވިދާޅުވި އެވެ.

ޓީއެމްއޭއަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގައެއް ދެ އަހަރު ދުވަހަށް ދިނުމާ މެދު މަންޓާއިން ދެކޭ ގޮތް ހޯއްދަވަން މެމްބަރަކު ސުވާލު ކުރެއްވުމުން ޚަލީލް ވިދާޅުވީ ޑެޑިކޭޓެޑް ލައުންޖް ކުއްޔަ ދިނުމުގެ ބާރު ޓީއެމްއޭއަށް ނިލިބޭ ނަމަ އެވަރުގެ ޖާގައެއް ދިނުން ރަނގަޅު ކަމަށެވެ.

"ޓީއެމްއޭއަކީ މިތާގައި މިވަގުތު އެެންމެ ބޮޑު އެއާލައިން [ސީޕްލޭން] އޮޕަރޭޓަރު. ތިން ހާސް، ހަތަރު ހާސް ނުވަތަ ފަސް ހާސް ދިން ކަމުގައި ވިޔަސް އެހެން މީހުންނަށް ވެސް އެ ޗާންސް އޮވެފައި ދީފިއްޔާ އެއީކީ މާ ބޮޑު އިޝޫއެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ،" ހަލީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާލައިން އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ލައުންޖްތައް ހަދާނެ ޖާގަ ޓީއެމްއޭއަށް ދިނުމާ ބެހޭ ގޮތުން ޓީއެމްއޭއިން މާލިއްޔަތު ކޮމިޓީގައި ހަދާފައި ވަނީ ދޮގު ކަމަށެވެ. ޑެޑިކޭޓެޑް ލައުންޖްތަކަކީ ރިސޯޓްތަކުން އަމިއްލައަށް އިންވެސްޓްކޮށްގެން ހަދައި، އެތަންތަން ހިންގުމުގެ ހުރިހާ ޚަރަދެއް ރިސޯޓްތަކުން ކުރާ ތަންތަން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވީމާ އެމްއޭސީއެލް އިން ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ އެތަންތަން ރިސޯޓްތަކަށް ކުއްޔަށް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ޑެޑިކޭޓެެޑް ލައުންޖްތައް ހިންގާ ރިސޯޓްތަކުން ޓީއެމްއޭއަށް ވަރަށް ބޮޑު ފީއެއް ވެސް ދައްކަ އެވެ. އެއީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑެޑިކޭޓެެޑް ލައުންޖްތަކަށް އެބަ ޗާޖް ކުރޭ 25 ޑޮލަރާ 45 ޑޮލަރާ ދެމެދުގެ އަދަދެއްް އެތަނަށް ވަންނަ ކޮންމެ މީހަކަށް. ޓީއެމްއޭއިން މިތަނަށް ހައިލައިޓްކޮށްފައިި އޮތް ގާތްގަނޑަކަށް 450،000 މީހުން އެތަނުން ދަތުރުކުރި ކަމަށް،" ހަލީލް ވިދާޅުވި އެވެ.

"ދެން ތިޔަ ބޭފުޅުން އަމިއްލައަށް އޭތި ހިސާބު ހައްދަވައިލެއްވީމާ ރަނގަޅުވާނެ އަސްލުގައި. ދެން ހަނދާން ކުރައްވަން ޖެހޭނެ އެއް ކަންތައް އެބަ އޮތް އެއީ 450،000 މީހުންގެ ތެރޭން ހުރިހާ އެންމެނަކީ އެތަނަށް ވަންނާނެ މީހުންނެއް ނޫން."

މަންޓާ އެއާގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަނީ.

މަންޓާ އެއާގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަނީ.

ރިސޯޓްތައް ވެސް މެނޭޖްކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން މިހާރުވެސް ޓީއެމްއޭގެ ހިދުމަތް ބޭނުންކުރަމުން އަންނަ ކަމަށް ހަލީލް ވިދާޅުވި އެވެ. އަގުތައް އެނގިވަޑައިގަންނަވަނީ އެހެންވެ ކަމަށް އޭނާ ވިދާވުވި އެވެ.

މަންޓާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫނު ވިދާޅުވީ ޑެޑިކޭޓެޑް ލައުންޖްތައް ބޭނުންކުރާ ކޮންމެ ޓޫރިސްޓަކަށް އެވަރުގެ ޗާޖެއް ނަގަންޏާ އެއީ އަހަރަކު ގާތްގަނޑަށް 10 ވަރަކަށް މިލިޔަން ޑޮލަރު ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަށްދާ ރޭޓުން ކުރިއަށް ދާ ނަމަ ފަސް އަހަރު ތެރޭގައި އެ އަދަދު 20 މިލިޔަނަށް އަރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެވެސް ކޮންމެވެސް ވަރަކަށް އޮޅުންއަރާ ކަހަލަ ގޮތަކަށް ވާހަކަ ދެކެވިފައި އޮތީމާ އަޅުގަނޑުމެން އެވާހަކަ ވެސް މި ހައިލައިޓް ކޮށްލީ،" މައުމޫން ވިދާޅުވި އެވެ.

އާ ސީޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން ޓީއެމްއޭއާ އެކު އެމްއޭސީއެލް އިން މަޝްވަރާކޮށްފައި ވަނީ ނިސްބަތުން ވަރަށް ކުޑަ އަގެއްގަ އެވެ. އެއީ އެމްއޭސީއެލަށް ކުރެވޭނެ ކަމެއް ނޫން ކަމަށް، އިންޑަސްޓްރީގެ ތަޖުރިބާކާރުންނާއި ދައުލަތުގެ މިނިވަން ބައެއް މުއައްސަސާތަކުން އަންނަނީ ބުނަމުންނެވެ.

އެމްއޭސީއެލުން މަޝްވަރާކުރަމުން ދިޔަ އަގުތަކުގައި އެތަނުން ޓީއެމްއޭއަށް ޖާގަ ދީފި ނަމަ އަހަރަކު 41 މިލިއަން ޑޮލަރުގެ އާމްދަނީއެއް ގެއްލިދާނެ ކަމަށް، އޮޑިޓަ ޖެނެރަލްގެ ހާއްސަ ރިޕޯޓަކުން އޮތީ ލަފާކޮށްފަ އެވެ.

މި މައްސަލައިގެ ތެރެއަށް އޭސީސީން ވެސް ވަނީ ވަދެފަ އެވެ. ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

މައްސަލަައާ ގުޅޭ ގޮތުން ސުވާލުކުރަން އެއޭސީއެލްގެ ވެރިން މިއަދު ހަވީރު މަޖިލީހަށް ހާޒިރު ކުރަން ވަނީ ތާވަލްކޮށްފަ އެވެ.