Roadha Mihaaru
މެކްޑޮނަލްޑްސް ހަނޑޫ ބަނަސް ބާގަ ވިއްކަނީ

މެކްޑޮނަލްޑްސް އިން ޖަޕާނުގައި ހަނޑޫ ބަނަސް ބާގަ ވިއްކަނީ

31 ޖެނުއަރީ 2020

ޖަޕާނުގައި ހިންގާ އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން މެކްޑޮނަލްޑްސް އިން މުޅިން އަލަށް ޖަޕާނުގެ ބައެއް އައުޓްލެޓްތަކުން ހަނޑޫން ތައްޔާރުކޮށްފައިވާ ބަނަސް ބޭނުންކޮށްގެން ހަދާ ބާގަ ވިއްކަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖަޕާނުގައި ހިންގާ އެމެރިކާގެ މަޝްހޫރު ފާސްޓްފުޑް ޗެއިން މެކްޑޮނަލްޑްސް އިން މުޅިން އަލަށް ޖަޕާނުގެ ބައެއް އައުޓްލެޓްތަކުން ހަނޑޫން ތައްޔާރުކޮށްފައިވާ ބަނަސް ބޭނުންކޮށްގެން ހަދާ ބާގަ ވިއްކަން ފަށައިފި އެވެ.

ޖަޕާނުގެ މީހުންގެ ކެއުމުގައި ހަނޑޫ ވަރަށް މުހިއްމު ދައުރެއް އަދާކުރާ އިރު، ހަނޑުލުން ތައްޔާރު ކުރި ބަނަހުން ބާގަ ހަދައިގެން ވިއްކަން ފެށުމުން އެ ގައުމުގެ ވަރަށް ގިނަ ބައެއްގެ ސަމާލުކަން މިކަމަށް ހުއްޓިފައިވެ އެވެ.

"ނައިޓް މެކް" ގެ ނަމުގައި އަލަށް ތައާރަފުކުރި ލިމިޓެޑް މެނޫގައި ހަނޑޫ ބަނަހުން ތިން ރަހައެއްގެ ބާގާ ތައްޔާރުކޮށް އަންނަނީ ވިއްކަމުންނެވެ. އެއީ ރައިސް ޓެރިޔާކީ އާއި ރައިސް ބެކަން ލެޓިއުސް އަދި ރައީސް ފްރައިޑް ޗިކެން ބާގަ އެވެ.

މި ބާގަތައް ވިއްކަން ހަމަޖެހިފައި ވަނީ ހާއްސަ ގަޑިތަކެއްގަ އެވެ. އެއީ ހަވީރު 5:00 އިން ރޭގަނޑު އައުޓްލެޓްތައް ބަންދުކުރަން ދެނެވެ.

ހަނޑޫ ބަނަސް ބާގައާ ބެހޭ ގޮތުން މެކްޑޮނަލްޑްސް އިން ބުނީ އާ ގޮތަކަށް ބާގާ ތައްޔާރު ކުރިޔަސް، އެތަނުގެ އަސްލު ރަހަ ނުގެއްލޭނެ ކަމަށާއި މިއީ ކަސްޓަމަރުންނަށް ދެވޭ އާ ތަޖުރިބާއެއް ކަމަށެވެ.

"މި ބާގަ ވެގެން ގޮސްފައި ވަނީ ކަސްޓަމަރުން ކުރިއަކުން އެއްގޮތަކަށް ވެސް އުންމީދުނުކުރާ ކަހަލަ އެއްޗަކަށް. އެއާ އެކު މިއަށް ލިބޭ ތަރުހީބު ވެސް ވަރަށް ބޮޑު،" މެކްޑޮނަލްޑްސްޑްގެ ހަނޑޫ ބަނަސް ބާގާގެ ތަރުޖަމާނު ކޮކޯރޯ ޓޮޔާމާ ބުންޏެވެ. "އަދި ލިބެމުން އަންނަ ފީޑްބެކްތައް ވެސް ވަރަށް ރަނގަޅު."

އޭނާ ބުނިގިތުގައި ޖަޕާނުގެ 30-40 އަހަރާ ދެމެދުގެ ގިނަ މީހުންނަކީ ރޭގަނޑުގެ ކެއުމަކަށް ޕާނުގެ ބަދަލުގައި ބަތް ބޭނުންކުރާ ބަޔަކަށްވާތީ ހަނޑޫ ބަނަހުގެ ބާގާވެގެން ދިޔައީ ވަރަށް ވެސް މަގުބޫލު އެއްޗަކަށެވެ.