Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

31 ޖެނުއަރީ 2020

އަޖޭ ދޭވްގަންގެ ފުޓްބޯޅަ ފިލްމު "މައިދާން" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަޖޭ ދޭވްގަންގެ ފުޓްބޯޅަ ފިލްމު "މައިދާން" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މި އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައި ސިނަމާތަކަށް ގެންނަ މި ފިލްމަކީ އިންޑިއާގެ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގައި މަޝްހޫރުވި ސައިދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "މައިދާން" ގެ ކާސްޓުންގެ ތެރޭގައި އިންޑިއާގެ ދެކުނުގެ ބަތަލާ ޕްރިޔަމަނީ އާއި ގަޖްރާޖް ރާއޯ އާއި ބޮމަން އިރާނީ ހިމެނެ އެވެ. މިހާރު ގާތްގަނޑަކަށް އެއްކޮށް ޝޫޓިން ނިމުމަކަށް އައިސްފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ 2018 ގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނުނު "ބަދާއީ ހޯ" ގެ ޑައިރެކްޓަރު އަމިތު ޝަރުމާ އެވެ.

"މައިދާން" އަކީ އޭނާގެ ފިލްމެއްގައި އަޖޭ މަސައްކަތްކުރި ފުރަތަމަ ފަހަރެވެ.

އަމިތު ވަނީ މި ފިލްމުގައި އަޖޭއާ އެކު މަސައްކަތްކުރަން ލިބުނުން އޭނާގެ ފަރާތުން ފެނުނު ޕްރޮފެޝަނަލްކަމާއި ޑެޑިކޭޝަނަށް ތައުރީފު ވެސްކޮށްފަ އެވެ.

"ބޫތު" ގެ ޕޯސްޓަރުތަކެއް

އަންނަ މަހުގެ 21 ގައި ރިލީޒްކުރާ ބިރުވެރި ފިލްމު "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދޭ މި ފިލްމަކީ ބާނޫ ޕްރަތާބް ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ޓްރެއިލާ ވެސް ވަރަށް އަވަހަށް ދައްކައިލަން ތައްޔާރުވަމުން އަންނަ "ބޫތު" ގެ ތަރިންނަކީ ވިކީ ކޯޝަލާއި ބޫމީ ޕެޑްނޭކަރެވެ.

މި ފިލްމަކީ މިހާތަނަށް ރަސްމީކޮށް ބިރުވެރި ފިލްމެއް އަދި ގެނެސްނުދޭ ދަރުމާގެ ފުރަތަމަ ބިރުވެރި ފިލްމެވެ. "ބޫތު" އަކީ ބައިތަކަކަށް ބަހާލައިގެން ގެނެސްދޭން ނިންމާފައިވާ ފިލްމެކެވެ.

"ޝަބާޝް މިތޫ" ގެ ޕޯސްޓަރެއް

އިންޑިއާގެ މަޝްހޫރު އަންހެން ކްރިކެޓް ތަރި މިތާލީ ރާޖްގެ ވާހަކަ ކިޔައިދޭ ފިލްމު "ޝަބާޝް މިތޫ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މި ފިލްމުގައި މިތާލީގެ ރޯލް ކުޅެނީ ތާޕްސީ ޕައްނޫ އެވެ. މީގެ ތިން އަހަރު ކުރިން ޝާހްރުކް ޚާންގެ "ރައީސް" ގެނެސްދިން ޑައިރެކްޓަރު ރާހުލް ދޮލާކިއާ ޑައިރެކްޓްކުރާ "ޝަބާޝް މިތޫ" އަކީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމެކެވެ.

"ލަވް އާޖް ކަލް" ގެ ލަވައެއް

އަންނަ މަހުގެ 14 ގައި ރިލީޒްކުރާ ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމު "ލަވް އާޖް ކަލް" ގެ ލަވައެއް ދައްކާލައިފި އެވެ.

ސާރާ އަލީ ޚާނާއި ކާތިކް އާރިޔަން ފެނިގެންދާ ލަވައިގެ ނަމަކީ "ހާނ މޭ ގަލަތު" އެވެ. ޕްރިތަމް މިއުޒިކް ހަދާފައިވާ ލަވަ ކިޔާފައި ވަނީ އަރިޖިތު ސިންގް އާއި ޝަޝްވަތު ސިންގެވެ. ލަވައިގެ ޅެން ލިޔުނީ އިރުޝާދު ކާމިލެވެ.

"ހާނ މޭ ގަލަތު" އަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާނާއި ދީޕިކާ ޕަދްކޯންއާ އެކު އިމްތިއާޒް 2009 ގައި ގެނެސްދިން "ލަވް އާޖް ކަލް" ގެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ޓްވިސްޓް" ލަވައިގެ މިއުޒިކް ވެސް ހިމަނައިގެން ހަދާފައިވާ ލަވައެކެވެ.