Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

22 މާޗް 2019

އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ޓްރެއިލާ އަންނަ މަހުގެ ދައްކައިލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަޖޭ ދޭވްގަންގެ ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ޓްރެއިލާ އަންނަ މަހުގެ ދައްކައިލަން ނިންމައިފި އެވެ.

އާކިވް އަލީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާނީ އަޖޭގެ 50 ވަނަ އުފަން ދުވަސް ފާހަގަ ކުރާ އަންނަ މަހުގެ 2 ގަ އެވެ.

"ދޭ ދޭ ޕިޔާރު ދޭ" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ޑައިރެކްޓަރު ލަވް ރަންޖަން އާއި ޓީ ސީރީޒް ގުޅިގެން ގެނެސްދޭ ފިލްމެކެވެ. އަޖޭ ވަރަށް ވެސް ލޯބި އަދި އާބަން ކެރެކްޓާއަކުން ފެނިގެންދާ މި ފިލްމުގެ ބަތަލާއިންނަކީ ތައްބޫ އާއި ރަކުލް ޕްރީތު ސިންގެވެ.

"ދޭ ދޭ ޕިޔާރު ދޭ" ސިނަމާތަކަށް އަންނާނީ މެއި މަހުގެ 17 ގަ އެވެ. މި ފިލްމަކީ އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒް ކުރަން އުޅުނު ފިލްމެކެވެ. އެކަމަކު ފަހުން މި އަހަރަށް ފިލްމު ފަސްކުރީ އެވެ.

އަޖޭ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި އަދި 100 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" އެވެ. މި އަހަރު އޭނާ ފެންނާނެ އަނެއް ފިލްމަކީ ޑިސެމްބަރު 27 ގައި ރިލީޒް ކުރާ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.

ސާރާ އާއި ކާތިކްގެ ފިލްމު އަންނަ އަހަރު

ސާރާ އަލީ ހާނާއި ކާތިކް އާރިޔަން މިހާރު ކުޅެމުން އަންނަ އިމްތިއާޒް އަލީގެ ފިލްމު އަންނަ އަހަރު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

އަދި ރަސްމީކޮށް ނަން އިއުލާންކޮށްފައި ނުވާ މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އިމްތިއާޒާ އެކު 2014 ގައި "ހައިވޭ" އާލިއާ ބަޓާ އެކު ކުޅުނު އެކްޓަރު ރަންދީޕް ހޫޑާ ވެސް ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިމްތިއާޒްގެ އައު ފިލްމަކީ 2009 ގައި ސާރާގެ ބައްޕަ ސައިފް އަލީ ހާނާއި ދީޕިކާ ޕަދްކޯން ކުޅުނު ކާމިޔާބު ފިލްމު "ލަވް އާޖް ކަލް" ގެ ދެވަނަ ބައެވެ. އަދި ފިލްމުގެ ނަމަކީ "ލަވް އާޖް ކަލް 2" ކަމަށްވެ އެވެ.

މި ފިލްމުވެގެން ދާނީ މިދިޔަ އަހަރު ފިލްމު ކުޅެން ފެށި ސާރާ އާއި އާރިޔަން، އިމްތިއާޒާ އެކު މަސައްކަތް ކުރާ ފުރަތަމަ ފިލްމަށެވެ.

އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިން ފިލްމަކީ ޝާހްރުކް ހާނާއި އަނުޝްކާ ޝަރުމާ ލީޑް ރޯލް ކުޅުނު 2017 ގެ ފިލްމު ފްލޮޕް ފިލްމު "ޖަބް ހެރީ މެޓް ސޭޖަލް" އެވެ.

"ޗަޕާކް" ގެ ތައްޔާރީތަކުގައި

ދީޕިކާ ޕަދްކޯންއާ އެކު، ޑައިރެކްޓަރު މެގްނާ ގުލްޒާރު ގެނެސްދޭ ބައޮގްރަފިކަލް ޑްރާމާ "ޗަޕާކް" ގެ ޝޫޓިން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.

ފިލްމުގެ ޓީމުން ވަނީ ލީޑް ދެ ތަރިންނާ އެކު ބޭއްވި ސްކްރިޕްޓް ރީޑިން ސެޝަނެއްގެ ފޮޓޯ ވެސް ހިއްސާކޮށްފަ އެވެ. "ޗަޕާކް" އަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޕަދުވާމަތު" އަށް ފަހު އަދި ކައިވެންޏަށް ފަހު ދީޕިކާ ކުޅޭ ފުރަތަމަ ފިލްމެވެ.

މީގައި އޭނާއާ އެކު ބަތަލުގެ ރޯލުން ފެނިގެން ދާނީ ވިކްރާންތު މަސޭ އެވެ.

މިދިޔަ އަހަރު "ރާޒީ" ގެނެސް ދިން މެގްނާގެ "ޗަޕާކް" އަކީ އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެކަމަކު ދީޕިކާ ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

"ސެކްރެޑް ގޭމްސް 2" އައުމުގެ މަގުމަތީގައި

ސައިފް އަލީ ހާނާއި ނަވާޒުއްދީން ސިއްދީގީއާ އެކު ނެޓްފްލިކްސް އިން މިދިޔަ އަހަރު ގެނެސް ދިން ކާމިޔާބު ވެބް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަން ބެލުންތެރިންނާ ހަމައަށް އަންނަން ތައްޔާރުވެއްޖެ އެވެ.

ގިނަ ބަޔަކު މިއަށް އިންތިޒާރު ކުރަމުން އަންނަނިކޮށް ނެޓްފްލިކްސް އިން ކުރި ޓްވީޓެއްގައި ބުނީ ކަލަންޑަރުގައި ތާރީހު ފާހަގަ ކުރަން ތައްޔާރު ވާން އެދޭ ކަމަށާއި 14 ދުވަހުގެ ތެރޭގައި ބޮޑު ކަމެއް ވާން އުޅޭ ކަމަށެވެ. ބެލެވޭ ގޮތުން ދެ ހަފުތާ ފަހުން "ސެކްރެޑް ގޭމްސް" ގެ ސީޒަން ދޭއް ސްޓްރީމް ކުރަން ފަށާ ތާރީހު އިއުލާން ކުރާނެ އެވެ.

މި ފަހަރު މި ސީޒަނުން ވެސް ސައިފާއި ނަވާޒުއްދީން ކުރިން ފެނިގެން ދިޔަ ކެރެކްޓާތަކުން ފެނިގެން ދާނެ އެވެ. އަދި މިއިން ކުރިން ނުފެންނަ ބައެއް ކާސްޓުން ވެސް ފެންނާނެ އެވެ.

ފުރަތަމަ ސީޒަނުގައި 8 އެޕިސޯޑް ގެނެސް ދިން "ސެކްރެޑް ގޭމްސް" ގެ ޑައިރެކްޓަރުންނަކީ އަނޫރާގް ކެޝަޕާއި ވިކްރަމަތިޔަ މޮޓްވާނޭ އެވެ.

ނެޓްފްލިކްސް އިން މި މަހުގެ 22 ގައި ވެސް އިންޑިއާގެ އައު ވެބް ސީރީޒެއް ސްޓްރީމް ކުރާނެ އެވެ. އެއީ ޝެފާލީ ޝާހާއި އާދިލް ހުސައިން މުހިއްމު ރޯލްތަކުން ފެނިގެންދާ "ދިއްލީ ކްރައިމް" އެވެ.