Roadha Mihaaru
އަލިފާނުގެ ބޮޑު ހާދިސާ، އޭ ލެވެލް، މަތީ ނަތީޖާ!

އަލިފާނުގެ ބޮޑު ހާދިސާ، އޭ ލެވެލް، މަތީ ނަތީޖާ!

04 ފެބުރުއަރީ 2020

ފިލާވަޅު ދަސްކުރަން އިށީންނަ އިރަށް އައިޝަތު ޝިރާ އާއި އޭނާގެ ކޮއްކޮ ފާތިމަތު ތާނިޔާ (ތާނި) ގެ ހަނދާނަށް ވެރިވެރިވެގަންނަނީ އަލިފާނުގެ ބޮޑު ހުޅުން ސަލާމަތްވާން އުޅުނު ގޮތެވެ. ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި އަލިފާން ރޯވި އިރު، ޝިރާ އިނީ އިސްލާމް ފިލާވަޅު ދަސްކުރާށެވެ. ތާނި، އިންނެޓުން ބަލަމުން ދިޔައީ ސްކޮލަޝިޕްތަކަށް ހުރި ފުރުސަތުތަކެވެ. އަލިފާން ރޯވީ އެގޭ ހަމަ ކުރިމައްޗަށް ވާ ގޮތަށް ހުރި ގުދަނުގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފިލާވަޅު ދަސްކުރަން އިށީންނަ އިރަށް އައިޝަތު ޝިރާ އާއި އޭނާގެ ކޮއްކޮ ފާތިމަތު ތާނިޔާ (ތާނި) ގެ ހަނދާނަށް ވެރިވެރިވެގަންނަނީ އަލިފާނުގެ ބޮޑު ހުޅުން ސަލާމަތްވާން އުޅުނު ގޮތެވެ. ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި އަލިފާން ރޯވި އިރު، ޝިރާ އިނީ އިސްލާމް ފިލާވަޅު ދަސްކުރާށެވެ. ތާނި، އިންނެޓުން ބަލަމުން ދިޔައީ ސްކޮލަޝިޕްތަކަށް ހުރި ފުރުސަތުތަކެވެ. އަލިފާން ރޯވީ އެގޭ ހަމަ ކުރިމައްޗަށް ވާ ގޮތަށް ހުރި ގުދަނުގަ އެވެ.

މިިދިޔަ ސެޕްޓެމްބަރު މަހުގެ ހިނގި އެ ނުރައްކާތެރި ހާދިސާގެ އަލިފާންގަނޑު ފެނުމުން ކުރި ބިރުވެރި އަސަރު ދެ ކުދިންގެ ހިތުގައި އަދިވެސް، ތާޒާކަމާ އެކު، އެބަ ހުއްޓެވެ. އިވާއުގޭގެ ހަތަރު ވަނަ ބުރީގައި އުޅުނު އެއްމާބަނޑު ދެބެއިންގެ ކުޑަކުޑަ އާއިލާ، އަވަހަށް ގެއިން ނުކުންނަން އުޅުނު ގޮތާއި ކުރި ހިތްވަރު ގަދަ އެވެ.

ހުރިހާ ކަމެއް ނިމި، އަލިފާން ނިންވާލެވުނު އިރު، އިވާއުގެއަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބުނެވެ. އެގޭގެ ތިރި އާއި ފުރަތަމަ ބުރީގައި ހިންގި ކުޑަކުދިންގެ ސާމާނަށް ހާއްސަ ފިހާރަ އަނދާހުލިވި އެވެ.

ސީއެޗްއެސްއީގައި އޭ ލެވެލްއަށް ކިޔަވަމުން ދިޔަ ދެބެއިންގެ ބޮޑު އިމްތިހާން ފެށެން އޭރު އޮތީ އެންމެ ދެ ހަފުތާ އެވެ. އެކަމަކު އެ ބިރުވެރި ހާދިސާއާ އެކު އަލުން ހުރިހާ ކަމެއް ފަށަން ޖެހުނު ފަދަ އެވެ.

ސިޓީން ރޫމުގައި ފިލާވަޅު ދަސްކުރަން އިން އިރު ޝިރާއަށް ދުން ވަސް ދުވަން ފެށި އެވެ. އޭރު ގަޑިން އިރުއޮއްސި 6:45 ވީ އެވެ. ކަމެއް ވެގެން އުޅޭތޯ ބަލައިލަން ބޭރު ދޮރު ހުޅުވާލިއިރު، ބާރުގަދަ އަޑުފަށްގަނޑަކާ އެކު ދެން ފެންނަން އޮތީ ބޮޑު ހުޅެވެ. ކޮއްކޮ އާއި މަންމައާ އެކު ވަގުތުން ނުކުތީ ބޭރަށެވެ. ގެންދެވުނީ މަންމަގެ ފޯނު އެކަންޏެވެ. އެމީހުން ދެން ތިބީ އޭޑީކޭ ކައިރީގައި ހުރި ބޭސްފިހާރައެއްގަ އެވެ.

ޝިރާ އާއި ތާނި ދިރިއުޅުނު އިވާއުގެ، އަލިފާނުގެ ހާދިސާއަށް ފަހު ---ފޮޓޯ: ހުސއިން ވަހީދު/މިހާރު

ޝިރާ އާއި ތާނި ދިރިއުޅުނު އިވާއުގެ، އަލިފާނުގެ ހާދިސާއަށް ފަހު ---ފޮޓޯ: ހުސއިން ވަހީދު/މިހާރު

އަލިފާންގަނޑު ބޮޑަށް ފެތުރުނީ އޭގެ ފަހުންނެވެ.

"އެހެން އެއްޗެއް ނުގެންދެވޭ. ރަށުގައި ހުރި ބައްޕައަށް ގުޅޭތޯ ބެލީ. ބައިގަޑިއިރު ވި އިރު ވެސް ބައްޕައަކަށް ނުގުޅުނު. ފަހުން އާއިލާގެ އެހެން މީހަކާ ގުޅައިގެން ފަހުން ބައްޕަ ވެސް ހަމަ އެރޭ މާލެ އައި،" އއ. ރަސްދުއަށް އުފަން ޝިރާ ކިޔައިދިނެވެ.

އޭ ލެވެލްއަށް ކިޔަވަން މާލެ ބަދަލުވި އާއިލާގެ ނަސީބު، އެހާ ދެރައެއް ވެސް ނޫނެވެ. އެމީހުން އުޅުނު ފަރުނީޗަރު ފަދަ އެއްޗިއްސަށް، ސިފައިން އަލިފާން ނިންވުމުގެ ތެރޭގައި، ފެން އެޅުން ފިޔަވައި އިތުރު ގެއްލުމެއް ނުލިބެ އެވެ. އެހެންވެ އަލިފާން ރޯވި ދުވަސް ނޫން އަނެއް ދުވަހު އެތަނަށް ވަދެ ފޮތްތަކާއި ޔުނީފޯމުތައް ނެގި އެވެ.

އޭގެ ފަހުން އެއްތަނުން އަނެއް ތަނަށް ބަދަލުވަމުން، ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އޮކްޓޯބަރު މަހު އެވެ. އޭލެވެލް ނިންމައި ނޮވެމްބަރު 19 ވަނަ ދުވަހާ ހަމައަށް އުޅުނީ އެ ގޭގަ އެވެ.

ޝިރާ އާއި ތާނީ، މަންމަ އައި ބަައްޕައާ އެކު، އިނާމު ދިނުމުގެ ޖަލްސާއަށް ފަހު

ޝިރާ އާއި ތާނީ، މަންމަ އައި ބަައްޕައާ އެކު، އިނާމު ދިނުމުގެ ޖަލްސާއަށް ފަހު

"އަސްލު ޕްލޭންކުރި ގޮތަކަށް ނޫން ކަންތައް މި ދިޔައީ. ބޭނުންވީ އޭ ލެވެލް ނިންމާފައި އިންޓާންޝިޕެއްގައި އުޅެލާފައި ބޭރަށް ކިޔަވަން ދާން. އެކަމަކު ނަފްސާނީ ގޮތުން ވަރަށް ބަލިކަށިވެފައި ހުރީމަ ބައްޕަގެ ގެސްޓްހައުސް ވިޔަފާރީގައި އެހީތެރިވާން ރަށަށް މި ބަދަލުވީ،" އޭ ލެވެލްއަށް ފަހު ދިރިއުޅުމަށ ގެނައި ބަދަލު ކިޔައިދެމުން ޝިރާ ބުންޏެވެ.

އެ ހިތާމަވެރި ވަގުތު ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ އާއި އެ ސްކޫލުގެ ޓީޗަރުންގެ ފަރާތުން ދެބެއިންނަށް ލިބުނު އެހީތެރިކަން ޝުކުރުވެރިކަމާ އެކު ފާހަގަކުރި އެވެ.

ދެބެއިން: ކިޔެވުމުގެ އެންމެ ބޮޑު ހިތްވަރަކީ އެކަކު އަނެކަކު

ތާނީ: އޯ ލެވެލް ހެދި އިރު ރަަސްދޫ ސްކޫލްގެ ކެޕްޓަންކަން ކުރި

ތާނީ: އޯ ލެވެލް ހެދި އިރު ރަަސްދޫ ސްކޫލްގެ ކެޕްޓަންކަން ކުރި

ޝިރާ އާއި ތާނީގެ ކިޔެވުމުގެ މުޅި ހަޔާތް ހޭދަކުރީ އެކީގަ އެވެ. ނާސަރީން ފެށިގެން އޭ ލެވެލްއާ ހަމައަށް އެއްކޮށް ކިޔަވަމުން ހޯދި ނަތީޖާތައް ވެސް ރަނގަޅެވެ. އޯ ލެވެލްގައި ތާނީ ގައުމީ ގަދަ 10 ގެ ހަ ވަނާގައި އުޅުނު އިރު އޭ ލެވެލް އިން ގައުމީ ގަދަ 10 ގެ އަށް ވަނާގައި ވަނީ ހިމެނިފަ އެވެ.

މެލޭޝިޔާއިން ޑެންޓިސްޓްރީ ކޯސް ހެދުމުގެ ވިސްނުން ހުރި ތާނީ ބުނިގޮތުގައި، އެކަކަށް ނޭނގޭ އެއްޗެއް އަނެކަކު ކިޔައިދެ އެވެ. ތައުލީމީ ހަޔާތް ހޭދަކުރީ ދެ ކުދިން އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގެންކަން ފާހަގަކުރި އެވެ.

ގްރޭޑު 10 ގައި ކިޔެވި އިރު ތާނީއަކީ ރަސްދޫ ސްކޫލުގެ ކެޕްޓަނެވެ. ޝިރާ ހުރީ ޑެޕިއުޓީ ކެޕްޓަނަކަށެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު ތާނީ ހޯދިއިރު ދެ ވަނަ ލިބުނީ ދައްތަ އަށެވެ.

"އެއްކޮށް ކިޔެވީ. އެއީ އެންމެ ބޮޑު ހިތްވަރު،" ތާނީ ބުނެލި އެވެ.

ޝިރާ: ތަފާތު ދަރިވަރެއް

އޯ ލެވެލްގައި އެންމެ ބޭނުންވި ނަތީޖާ ނުލިބުމުން، އޭ ލެވެލްގައި ޝިރާ އޭނާގެ ސްޓްރީމް ބަދަލުކޮށް، ބިޒްނަސް ނެގި އެވެ. ކުރިން ސައިންސް ސްޓްރީމަށް ކިޔަވަމުން ގޮސް އޭ ލެވެލްގައި އާ މާއްދާތަކެއް އަލަށް ނެގުމަކީ، އޭނާއަށް މައްސަލައަކަށް ނުވި އެވެ. އޭ ލެވެލްގައި ސީއެޗްއެސްއީ އިން ބިޒްނަސް މާއްދާއިން އެންމެ މަތީ ނަތީޖާ ލިބުނީ އޭނާއަށެވެ.

ޝިރާ: އޭ ލެވެލް ހެދީ އާ ސްޓްރީމެއް ނަގައިގެން

ޝިރާ: އޭ ލެވެލް ހެދީ އާ ސްޓްރީމެއް ނަގައިގެން

"އަލަށް ކިޔަވާ ސްޓްރީމަކަށް ވުމުން އުނދަގޫވި. ފަހުން ޓިއުޝަން ނަގަން ފެށިން. ގްރޭޑު 11 ގައި ފުރަތަމަ އިމްތިހާނުގައި ވަރަށް ރަނގަޅު ނަތީޖާއެއް ލިބުނު. އެހެންވެ ވަރަށް މޯޓިވޭޓްވެފައި ހުރީ. ހުރިހާ ޓީޗަރުން ވެސް ބުނީ އެކަން ވާނެއޭ،" ޝިރާ ބުންޏެވެ.

އޭލެވެލްގައި އޭނާ ވަނީ އިސްލާމާއި ދިވެހިން އޭ، އެކައުންޓިން އިން އޭ، ބިޒްނަސް ދެ ޕޭޕަރުން 100 މާކްސް އަދި އިކޮނޮމިކްސް އިން ވެސް އޭ ހޯދައި އޭ ލެވެލްގެ ރާއްޖޭގެ ގަދަ ފަސް ވަނައިގައި ހިިމެނިފަ އެވެ. އޯ ލެވެލްގެ ނަތީޖާއާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި ސްޓްރީމް ބަދަލުކޮށް، އޭ ލެވެލްގައި އިށީދެ އެ ލިބުނު މަތީ ނަތީޖާއިން އެހެން ދަރިވަރުންނަށާއި ތަައުލީމީ ދާއިރާގެ ތަޖުރިބާކާރުންނަށް، އޭނާ ދެއްކި ނަމޫނާ ވެސް ވަރަށް ތަފާތެވެ.

ދެބައިންގެ ވަގުތުތައް މިހާރު ހޭދަކުރަނީ، ގެސްޓްހައުސްގެ ޓޫރިޒަމް ރަނގަޅަށް ހިންގަމުން އަންނަ ރަސްދޫގަ އެވެ. ދެން އޮތީ މަތީ ތަައުލީމަށް ނުކުތުމެވެ.