Roadha Mihaaru
ހިމަބިހި ޖެހިފައިވާ ދެ މީހަކު އަނެއްކާ ވެސް ފެނިއްޖެ

ހިމަބިހި ޖެހިފައިވާ އިތުރު ދެ މީހަކު އަނެއްކާ ވެސް ފެނިއްޖެ

23 ޖެނުއަރީ 2020

ރާއްޖެ އިން މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމިބި އަލުން ފެތުރެން ފެށި ފަހުން އެ ބަލި ޖެހިފައިވާ އިތުރު ދެ މީހަކު އަނެއްކާ ވެސް މިއަދު ފެނިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އިން މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމިބި އަލުން ފެތުރެން ފެށި ފަހުން އެ ބަލި ޖެހިފައިވާ އިތުރު ދެ މީހަކު އަނެއްކާ ވެސް މިއަދު ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އެ ދެ މީހުންގެ ތެރެއިން އެކަކީ ހުޅުމާލޭ ޣާޒީ ސްކޫލްގައި ކިޔަވާ ކުއްޖެއް ކަމަށެވެ. ހިމަބިއްސަށް މިއަދު ޓެސްޓްކުރީ ނުވަ މީހުން ކަމަށާއި އޭގެ ތެރެއިން ދެމީހަކަށް އެބަލި ޖެހިފައިވާ ކަމަށެވެ.

އެޗްޕީއޭ އިން ބުނިގޮތުގައި ޣާޒީ ސްކޫލްގައި ކިޔަވާ ކުދިންގެ ތެރެއިން 33 ކުއްޖަކު ވެކްސިން ޑޯޒް ފުރިހަމަ ނުކުރެ އެވެ.

އެޗްޕީއޭގެ ބަޔާން

"ބަލިޖެހިފައިވާ ފަރާތެއް ފެނުމުން، މިހާރު ވެސް އެ ސަރަހައްދެއްގައި އަމަލު ކުރަމުންދާ ގޮތަށް މައުލޫމާތު ދިނުމުގެ އިތުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ،" އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.

އެ އިދާރާ އިން ބުނިގޮތުގައި ހިމަބިއްސަށް އިއްޔެ ވެސް ނުވަ މީހަކު ޓެސްޓްކުރި އެވެ، އޭގެ ތެރެއިން އެ ޓެސްޓުތަކުން އެއްވެސް މީހަކު ޕޮޒިޓިވްއެއް ނޫނެވެ.

ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށިކަން އިއުލާނު ކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ހިމަބިހި ޖެހުނު މީހުން އުޅުނު ސަރަހައްދާއި އެ މީހުންނާ ގުޅުން އޮންނަ މީހުން ޓެސްޓްކުރަން އެ ހިސާބުން ފެށި އެވެ. މި ފަހަރު ހިމަބިހި ފެތުރެން ފެށި ފަހުން ބަލި ޖެހުނު ކަން އެނގުނު މީހުންގެ އަދަދަކީ މިހާރު ހަ އެކެވެ.

ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށުމުން އެ ބަލިން ދިފާއުވާ ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެންމެ ބޮޑަށް އިސްކަންދީގެން ވެކްސިން ދޭނީ އުމުރުން 25 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުންނަށެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން 30،000 ޑޯޒް މިއަދު ވަނީ ރާއްޖެ އަށް ގެނެސްފަ އެވެ، އެއީ އިންޑިއާ ސަރުކާރުން ހަދިޔާކުރި 30،000 ޑޯޒެވެ.