Roadha Mihaaru
އެމްޕީއެލުން ހެވީ ވެހިކަލް ދުއްވާނެ އަންހެނުން ހޯދަނީ

އެމްޕީއެލުން، ހެވީ ވެހިކަލް ދުއްވާނެ އަންހެނުން ހޯދަނީ

23 ޖެނުއަރީ 2020

މާލޭގެ ވިޔަފާރި ބަނދަރުގައި ހެވީ ވެހިކަލް ދުއްވާނެ އަންހެނުން ހޯދުމަށްޓަކައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލޭގެ ވިޔަފާރި ބަނދަރުގައި ހެވީ ވެހިކަލް ދުއްވާނެ އަންހެނުން ހޯދުމަށްޓަކައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތައްޔާރުވެއްޖެ އެވެ.

ވިޔަފާރި ބަނދަރުގައި ދުއްވާ ފޯކް ލިފްޓާއި ޓާމިނަލް ޓްރެކްޓަރުތަކާއި ކްރޭން އޮޕްރޭޓު ކުރާން ގޮތްތައް މި ޕްރޮގްރާމްގައި ދަސްކޮށް ދޭނެ އެވެ. ބަރު އުޅަނދު ފަހަރު ދުއްވަން ދަސްކުރުމުގައި ބައިވެރިވެވޭނީ ގްރޭޑް 10 ނިންމާފައިވާ އުމުރުން 18-35 އަހަރުގެ އަންހެނުންނަށް އެކަންޏެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް އެމްޕީއެލުން ހާއްސަ އިނާޔަތްތަކެއް ވެސް ދޭނެ އެވެ. ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ބައިވެރިންނަށް ކޮންމެ މަހަކު 6،000ރ. ގެ އެލަވެންސެއް ލިބޭނެ އެވެ. އަދި ޕްރޮގްރާމް ނިމުމާ އެކު، ހެވީ ވެހިކަލް ދުއްވުމުގެ ލައިސަންސް ވެސް ލިބޭނެ ކަމަށް އެމްޕީއެލުން ބުނެ އެވެ.

ވިޔަފާރި ބަނދަރުގައި ބަރު އުޅަނދުފަހަރު ދުއްވަން އަންހެނުންނަށް މި ދަސްކޮށްދެނީ ޓިވެޓް އޮތޯރިޓީގެ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިންނެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް އެ އޮތޯރިޓީގެ ލެވެލް 3 ގެ ސެޓްފިކެޓް ލިބޭނެ އެވެ. މި ސެޓްފިކެޓް ހާސިލް ކުރާ މީހުންނަށް އެމްޕީއެލުން ދާއިމީ ވަޒީފާ ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބަރު އުޅަނދުފަހަރު ދުއްވަން ދަސްކުރަން ބޭނުންވާ އަންހެނުން މި މަހުގެ 30 ގެ ކުރިން، އެ ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ކަމުގެ ފޯމާއި ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަނެ ޖެހެ އެވެ.

އެމްޕީއެލުން އަންނަނީ ވިޔަފާރި ބަނދަރުގައި މަސައްކަތުގެ ތަޖުރިބާ ހާސިލް ކުރުމުގެ ފުރުސަތުތައް އެކި ފަހަރު މަތިން ދެމުންނެވެ. ނަމަވެސް އަންހެނުންނަށް ހާއްސަ ކޮށްގެން މިފަދަ ފުރުސަތެއް ހުޅުވައިލި މިއީ ފުރަތަމަ ފަހަރެވެ.