Roadha Mihaaru
އެމްޕީއެލްގެ ވެރިން މުދާ އުފުލުމުގެ މަސައްކަތަށް

އެމްޕީއެލްގެ އިސްވެރިން މުދާ އުފުލުމުގެ މަސައްކަތަށް

25 ޖުލައި 2024

މާލޭ ކޮމާޝަލް ބަނދަރުން މުދާ ކްލިއާ ކުރުމުގެ މަސައްކަތްތަައް ހަލުވިކޮށް، އެކަމުގައި ހުރި ދަތިތައް ދެނެގަތުމަށްޓަކައި އެމްޕީއެލްގެ އިސްވެރިން ކާގޯ މުދާ އުފުލުމުގެ މަސައްކަތަށް މިއަދު ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މާލޭ ކޮމާޝަލް ބަނދަރުން މުދާ ކްލިއާ ކުރުމުގެ މަސައްކަތްތަައް ހަލުވިކޮށް، އެކަމުގައި ހުރި ދަތިތައް ދެނެގަތުމަށްޓަކައި އެމްޕީއެލްގެ އިސްވެރިން ކާގޯ މުދާ އުފުލުމުގެ މަސައްކަތަށް މިއަދު ނެރެފި އެވެ.

އެމްޕީއެލްގައި މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެކު އެކުންފުނީގެ ޑިޕާޓްމެންޓްތަކުގެ ހެޑުންގެ ގޮތުގައި މަސައްކަތް ކުރާ 20 ވަރަކަށް މުވައްޒަފުން ބައިވެރިވި އެވެ.

ވަޖީހު ވިދާޅުވީ އެމްޕީއެލްގެ އެންމެ މުހިއްމު މަސައްކަތަކީ އެ ބަނދަރަށް ގެންނަ މުދާތައް އޭގެ ވެރިންނާ ހަމައަށް ފޯރުކޮށް ދިނުން ކަމަށެވެ. އަދި އެކުންފުނީގެ ހުރިހާ މުވައްޒަފުން މުދާ އުފުލުމުގެ މަސައްކަތް ތަޖުރިބާ ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އެ މަސައްކަތުގައި ދިމާވާ އުނދަގޫތައް ދެނެގަތުން ކަމަށެވެ. އަދި އެކަމުގައި ހުރި ދަތިތައް ހައްލު ކުރުމަށް ފިޔަވަޅުތައް އަޅާ، އޮޕަރޭޝަން ވީހާވެސް ލުއި ގޮތަކަށް ރާވާ، އަވަސް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ އިސް ވެރިން ކާގޯ މަސައްކަތަށް ނުކުމެ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެމްޕީއެލްގެ އިސް ވެރިން ކާގޯ މަސައްކަތަށް ނުކުމެ -- ފޮޓޯ: ނިޝާން އަލީ / މިހާރު

"އާންމުކޮށް މި މަސައްކަތް ކުރަނީ ލޭބާ މުވައްޒަފުން. ސީއީއޯއިން ފެށިގެން ދަށަށް ތިބި ހުރިހާ މުވައްޒަފުންނަށް މި މަސައްކަތް ކުރާ ގޮތް ތަޖުރިބާތައް އަންގައި ދިނުމަކީ މެނޭޖްމެންޓުން ކުރާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކުންފުނީގެ މުވައްޒަފުން ބައި ބަޔަށް ބަހާލައިގެން ދޭތެރެ ދޭތެރެ އިން މުދާ އުފުލުމުގެ މަސައްކަތަށް ނެރޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކާގޯ އޮޕަރޭޝަންގައި މަސައްކަތް ކުރާ މުވައްޒަފުން އެކި ސަބަބުތަކާ ހެދި މަދުވާ ހާލަތްތައް ދިމާވާ ކަމަށާއި އެފަދަ ހާލަތްތަކުގައި ވެސް އެހެން ޑިޕާޓްމެންޓްތަކުގެ މުވައްޒަފުން ނެރެގެން ކުރިއަށް އޮތް ތަނުގައި މަސައްކަތް އަވަސް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑު ޔަގީން ކުރަނީ މި ހިންގާ އޮޕަރޭޝަންގެ ތެރެއިން ކާގޯ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށްޓަކައި ދެން މުވައްޒަފުން މަދު ނުވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އަންނަ ހަފްތާ އިން ފެށިގެން އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ކާގޯ އޮޕަރޭޝަންގެ މަސައްކަތް އަމަލީ ގޮތުން ތަޖުރިބާ ކުރެވޭނެ ކަމަށެވެ. އެކަން ކުރުމަށް ދެ ހަފްތާއެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.