Roadha Mihaaru
ވިޔަފާރި ބަނދަރުގެ ހިދުމަތަށް ޑޮލަރުން ފީ ނަގަނީ

ވިޔަފާރި ބަނދަރުން ބޯޓުފަހަރަށް ދޭ ހިދުމަތަށް ޑޮލަރުން ފީ ނަގަން ފަށަނީ

18 ފެބުރުއަރީ 2024

އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ފީތައް ޑޮލަރުން ނަގަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލް އިން ބޯޓުފަހަރުން ނަގާ ފީތައް ޑޮލަރުން ނަގަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުގައި ވަޖީހު ވިދާޅުވީ، މުދާ ރާއްޖެ އަށް ގެންނަ ފަރާތްތަކުން ނުވަތަ ކޮންސައިނީ އިން ބޯޓަށް ފައިސާ ދައްކަނީ ޑޮލަރުން ކަމަށާއި އެ ފަރާތްތަކުން ރުފިޔާއިން ފައިސާ ދައްކާ ނަމަ އިމްޕޯޓު މުދާ ގެންނަ ފަރާތްތަކުން 20 ޕަސެންޓް އިތުރަށް ފައިސާ ދައްކަން ޖެހޭ ކަމަށެވެ.

"ޝިޕުން އެޖެންޓުން ނަގާނެ 20 ޕަސެންޓް އިތުރަށް ރުފިޔާއިން ދައްކަންޏާ. [އެހެން އެ ވަނީ] ބްލެކް މާކެޓުގައި ޑޮލަރު އަގު ބޮޑުވީމަ ކަމަށް ވެސް ވެދާނެ ފަހަރެއްގައި. އެހެން ނަމަވެސް މިގޮތަށް މިކަން އޮންނަ އިރު ބޯޓު ފަހަރުން އެމްޕީއެލް އަށް މި ދައްކަނީ ރުފިޔާއިން،" އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، މިއީ އިންސާފެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއާޕޯޓުން ވެސް ބޯޓުތަކުން ނަގާ ފީތައް ދައްކަނީ ޑޮލަރު ކަމަށެވެ. އެހެންވެ، އެމްޕީއެލްއިން ވެސް އޭޖެންޓުންނާއި ކަނޑު ބޯޓުތަކުން ޑޮލަރުން ފީ ނެގުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަސްޓަމަރުން އަތުން ބޯޓުފަހަރުން ޗާޖު ކުރަނީ ޑޮލަރުން. ދެން ކީއްވެގެންހޭ އެމްޕީއެލް އިން ބޯޓުފަހަރުން ރުފިޔާއިން ފީ ދައްކަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ބަނދަރު ސަރަހައްދު. އެޖެންޓުންގެ އަތުން ނަގާ ފީތައް ޑޮލަރުން ދައްކަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނިން ބުނި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެމްޕީއެލްގެ ބަނދަރު ސަރަހައްދު. އެޖެންޓުންގެ އަތުން ނަގާ ފީތައް ޑޮލަރުން ދައްކަން ވަރަށް އަވަހަށް ފަށާނެ ކަމަށް އެ ކުންފުނިން ބުނި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެގޮތަށް އެކަން ހަމަޖައްސައި، ބޯޓު އެޖެންޓުންނާއި އޯނަރުންނަށް ވަރަށް އަވަހަށް އަންގާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. އަދި ބައެއް އެޖެންޓުންނާ މިހާރު ވެސް އެކަން ހިއްސާކޮށްފައިވާ އިރު، އެފަރާތްތަކުން ވެސް ޑޮލަރުން ފީ ދައްކަން އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލް އިން 2008 ވަނަ އަހަރާ ހަމައަށް އެޖެންޓުންގެ އަތުން ފީ ނަގަމުން ދިޔައީ ޑޮލަރުންނެވެ. އެހެން ނަމަވެސް، އޭރު ސަރުކާރުގެ ސިޔާސަތުތަކަށް ގެނައި ބަދަތުތަކާ ގުޅިގެން 2008 ވަނަ އަހަރުގެ ފަހުން ބޯޓުތަކުން ފީ ނަގަން ފެށީ ދިވެހި ރުފިޔާއިންނެވެ.

ވަޖީހު ވިދާޅުވީ، ޑޮލަރުން ފީ ނަގަން ފެށުމުން، ރާއްޖޭގެ ޑޮލަރުގެ ތާށިކަމަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށެވެ. އަދި ބޭންކްތަކަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.