Roadha Mihaaru
ދީބާޖާގެ ތަންފީޒު މަޑުޖެއްސޭނީ ރިވިއުއަށް ހުށަހެޅުމުން

ދީބާޖާ މައްސަލައިގެ ތަންފީޒު މަޑުޖެއްސޭނީ ރިވިއުއަށް ހުށަހެޅުމުން: ސިވިލް ކޯޓު

22 ޖެނުއަރީ 2020

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުދޭން ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމިޔަސް، އެ ހުކުމް ތަންފީޒުކުރުން މަޑުޖައްސައިލެވޭނީ އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުދޭން ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން ނިންމިޔަސް، އެ ހުކުމް ތަންފީޒުކުރުން މަޑުޖައްސައިލެވޭނީ އެކަން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކުރި ހުކުމް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. އެ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ ދީބާޖާ އިން އޮތީ އެ ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު މިހާރު ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ރިވިއުކުރަން ހުށަހަޅަން ނިންމައިފަ އެވެ،

ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ފައިސާ ދައްކަން ކުރި ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށާއި އެހެންވެ، އެ މައްސަލަ އަށް ފުރުސަތު ދިނުމަށްޓަކައި ހުކުމް ތަންފީޒު މައްސަލަ މަޑުޖައްސައިލަން އެދޭ ކަމަށެވެ. އަދި އެގޮތަށް މިއަދު ސިޓީއަންކު ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް ދައުލަތުން ބުންޏެވެ.

އެ މައްސަލަ ބައްލަވާ ގާޒީ ޒުބައިރު މުހައްމަދު ވިދާޅުވީ ރިވިއުކުރަން ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏަސް، މައްސަލަ މަޑުޖައްސައި ނުލެވޭނެ ކަމަށެވެ. އެކަމަކު ރިވިއުކުރަން ހުށަހަޅައިފި ނަމަ، އެކަމަށް ކޯޓުން ރިއާޔަތްކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންވެ، ފައިސާ ދެއްކުމުގެ ކަންކަން ގޮސްފައި އޮތް ހިސާބަކީ ކޮބައިތޯ ގާޒީ ދައުލަތާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ފައިސާ ދެއްކުމުގެ ކަންކަން އަދި ކުރިއަށް ނުދާ ކަމަށެވެ. އެކަމަކު ހުކުމް ރިވިއުކުރަން ފުރުސަތު ދިނުމަށް ދައުލަތުން އަނެއްކާވެސް އެދުނެވެ.

ދީބާޖާގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް ރަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރާނެ ތަނެއް ނެތް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވެސް ވިދާޅުވި ކަމަށެވެ. އަދި ދައުލަތަކީ އެ ފައިސާ ދެއްކުމުގެ ގާބިލްކަން ހުރި ފަރާތެއް ކަމަށާއި އެހެންވެ، ދީބާޖާގެ ހައްގުތަކާ މެދު ޝަރީއަތުން ގޮތެއް ނިންމައިދޭން އެދޭ ކަމަށެވެ. އަދި އިތުރު ފުރުސަތުތަކެއް ދައުލަތަށް ދޭން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާޒީ ޒުބައިރު ވިދާޅުވީ އެ މައްސަލާގައި ފައިސާ ދެއްކުމުގެ ކަންކަން އޮތް ހިސާބެއް ބެލުމަށް ކަމާބެހޭ މިނިސްޓަރުގެ ފަރާތުން އަންނަ ހަފުތާގައި ކޯޓުން މައުލޫމާތު ސާފުކުރާނެ ކަމަށެވެ. އެކަމަކު އެއީ ކޮން މިނިސްޓަރެއް ކަމެއް ގާޒީ ވިދާޅެއް ނުވެ އެވެ.

އެކަމަކު ސުޕްރީމް ކޯޓަށް ރިވިއުކުރަން ދައުލަތުން ހުށަހެޅިތޯ ބެލުމަށް އެކަމުގެ މައުލޫމާތު ކޯޓުން ސާފުކުރާނެ ކަމަށާއި ރިވިއުއަށް ހުށަހަޅާފައިވާ ނަމަ، އެކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދީބާޖާގެ މައްސަލަ ރިވިއުކުރަން ހުށަހަޅާނެ ކަމަށް ސަރުކާރުން ބުނިއިރު، ކުރިން ބަންޑާރަ ނައިބު މަޖިލީހުގައި ވިދާޅުވެފައިވަނީ އެ ނިންމުން ރިވިއުކުރަން ހުށަހެޅޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް އޭޖީ އޮފީހުން މިއަދު ބުނީ ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރަން ހުށަހަޅަނީ އެކަމުގައި އާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވާތީ އާންމު މަސްލަހަތަށް ރިއާޔަތްކޮށް ކަމަށެވެ.

ސަރުކާރުން ވަނީ ކޯޓުން ބޭރުގައި ދީބާޖާއެކު އެއްބަސްވުމަކަށް އައިސް، ބަދަލުގެ ގޮތުގައި 174 މިލިއަން ދޭން ކުރިން އެއްބަސްވެފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް ފައިސާއެއް ސަރުކާރުން ނުދެ އެވެ.

ދީބާޖާ އަށް ބަދަލުދޭން ސިވިލް ކޯޓުން ކުރި ހުކުމް 2018 ވަނަ އަހަރު ހައި ކޯޓުން ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓަށް މައްސަލަ ބަލައިގެންފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ދީބާޖާއަށް ބަދަލުދޭން ކުރި ހުކުމް ދަމަހައްޓައިފަ އެވެ.