Roadha Mihaaru
ދީބާޖާއަށް ފައިސާ ދައްކާނެ ގޮތް ހުށަހަޅަން ފުރުސަތުދީފި

ދީބާޖާ އަށް ފައިސާ ދައްކާނެ ގޮތެއް ހުށަހަޅަން ދައުލަތަށް ފުރުސަތު ދީފި

23 މެއި 2019

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް ދެ ހަފުތާގެ މުއްދަތެއް ސިވިލް ކޯޓުން މިއަދު ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް ދެ ހަފުތާގެ މުއްދަތެއް ސިވިލް ކޯޓުން މިއަދު ދީފި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ގައި ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައުލަތުން ދީބާޖާ އަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް މިދިޔަ މަހު ވަނީ ދަމަހައްޓައިފަ އެވެ.

އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ފަހީމް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދާ ގޮތާ ބެހޭގޮތުން ދައުލަތުން ކުރިން އިޖްރާއީ ގޮތުން ފާހަގަކުރި ކަންކަމަށް ކޯޓުން ލިޔުމުން ދައުލަތަށް ޖަވާބު ދީފައިވާނެ ކަމަށެވެ. އެހެންވެ، ފައިސާ ދައްކާނެ ގޮތަކާ މެދު ދައުލަތުން ހުށަހެޅުންތައް ހުށަހަޅަން ގާޒީ ދައުލަތަށް ފުރުސަތު ދެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން ދައުލަތަށް އަދި ތައްޔާރު ނުވެވޭ ކަމަށާއި ދައުލަތަށް ގަބޫލު ކުރެވުނީ މިއަދު އޮންނާނީ ދައުލަތުން އިޖްރާއީ ގޮތުން ފާހަގަކުރި ކަންކަމަށް މިއަދު ގޮތެއް ނިންމުން ކަމަށެވެ. އިިޖްރާއީ މައްސަލަތައް ފާހަގަކުރީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލާ ޚިލާފަށް އެ މައްސަލަ ކުރިއަށް ގެންދާތީ ކަމަށާއި އިޖްރާއާތު ގޯސްކޮށް ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

އެ މައްސަލާގައި ދައުލަތުން އިޖްރާއީ ގޮތުން ފާހަގަކުރި ނުކުތާ އަށް ޝަރީއަތުން ގޮތެއް ނިންމަން ދައުލަތުން ބޭނުންވާ ކަމަށާއި އަދި އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ އިސްތިއުނާފް ކުރަން ވެސް ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ. އެކަމަކު އެ ނިންމުން ރަނގަޅު ކަމަށް ގަބޫލު ކުރެވިއްޖެ ނަމަ، ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ ފަހީމް ވިދާޅުވީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގައި އޮންނަނީ ހުކުމާ އެއްގޮތަށް ފައިސާ ދައްކާނެ ގޮތަކާ މެދު ދެ ފަރާތުން ވާހަކަ ދެއްކުމާއި އެކަމުގައި ކޯޓުން ގޮތެއް ނިންމުން ކަމަށެވެ. އަދި އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި، ދީބާޖާއަށް ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅާނެ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ގާޒީ އެގޮތަށް ވިދާޅުވުމުން ދައުލަތުން އެދުނީ ފައިސާ ދައްކާނެ ގޮތަކާ މެދު ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށެވެ. އެގޮތުން ދެ ހަފުތާގެ މުއްދަތެއް ދިނުމަށް ދައުލަތުން އެދުނެވެ.

ދީބާޖާގެ ފަރާތުން އަޑުއެހުމުގައި ވާހަކަ ދެއްކެވި އިބްރާހިމް ރަޝީދު ވިދާޅުވީ އެ މައްސަލައަކީ ސުޕްރީމް ކޯޓުން ނިމިފައިވާ މައްސަލައެއް ކަމަށާއި އެކަމަކު އެ ފައިސާ ދެއްކުން ލަސް ކުރުމަށް ދައުލަތުން ކޮންމެ ފަހަރަކު އެކި ބަހަނާތައް ދައްކަނީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މައްސަލަ އިސްތިއުނާފް މަރުހަލާތަކުގައި ވެސް ގިނަ ދުވަސްތަކެއް ހޭދަވި ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެންވެ، ފައިސާ އަވަހަށް ލިބޭނެ ގޮތެއް ހޯދައިދިނުމަށް އޭނާ އެދިވަޑައިގަތެވެ.

ގާޒީ ފަހީމް ވިދާޅުވީ ފައިސާ ދައްކާނެ ގޮތާ މެދު ހުށަހެޅުންތައް ހުށަހަޅަން ދެ ހަފުތާގެ މުއްދަތެއް ދައުލަތަށް ދިނުމަށް ފަހު އެ މައްސަލާގެ ދެން އޮންނަ އަޑުއެހުން ބާއްވާނީ އަންނަ މަހު ކަމަށެވެ. ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު އެ ފައިސާ ދައްކާނެ ގޮތެއް ދައުލަތުން އެ މުއްދަތުގައި ހުށަހަޅަން ޖެހޭނެ ކަމަށާއި އެގޮތަށް އަމަލު ނުކޮށްފި ނަމަ، ދެން އެކަމުގައި ގޮތެއް ނިންމާނީ ޝަރީއަތުން ކަމަށް ވެސް ގާޒީ ފަހީމް ވިދާޅުވި އެވެ.

ދީބާޖާ އަށް ފައިސާ ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ކުރިއަށް ގެންދަނީ އުސޫލާ ޚިލާފަށް ކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ. އެކަމަކު ސިވިލް ކޯޓުން ބުނެފައި ވަނީ އެކަމުގައި އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި އެ މައްސަލަ ވެސް ކުރިއަށް ގެންދަނީ ހުކުމް ތަންފީޒު ކުރުމުގެ އެހެން މައްސަލަތައް ވެސް ގެންދާ އުސޫލުން ކަމަށެވެ.