Roadha Mihaaru
ބިދޭސީ ކޯޗާ އެކު އަންހެން ވޮލީ ޓީމުގެ ޓްރެއިިނިން ކުރިއަށް

ބިދޭސީ ކޯޗާ އެކު އަންހެން ވޮލީ ޓީމުގެ ޓްރެއިިނިން ކުރިއަށް

21 ޖެނުއަރީ 2020

ސާބިއާގެ ކޯޗު ކިޔަޗް ރަޑޯވަންގެ ބެލުމުގެ ދަށުން ގައުމީ އަންހެން ވޮލީބޯޅަ ޓީމު ބޮޑު ސްކޮޑަކާ އެކު ފަރިތަކުރުންތައް ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސާބިއާގެ ކޯޗު ކިޔަޗް ރަޑޯވަންގެ ބެލުމުގެ ދަށުން ގައުމީ އަންހެން ވޮލީބޯޅަ ޓީމު ބޮޑު ސްކޮޑަކާ އެކު ފަރިތަކުރުންތައް ފަށައިގެން ކުރިއަށް އެބަގެންދެ އެވެ.

ސާބިއާގެ ވޮލީބޯޅައިގެ އެކި ޑިވިޝަނުގައި މަސައްކަތްކޮށްފައިވާ ރަޑޯވަން ގެނައީ ގައުމީ ފިިރިހެން ވޮލީ ޓީމުގެ ޓްރެއިނަރަށެވެ. މިދިޔަ ނޮވެމްބަރު މަހު ފިރިހެން ގައުމީ ޓީމަށް ހަމަޖެއްސި ދުނިޔޭގެ ފެންވަރުގެ ކޯޗު ސާބިއާގެ މިލޮރަޑް ކިޔާޗްއާ އެކު އައިސް ރަޑޯވަން އެންމެ ފުރަތަމަ އެހީވެދިނީ ވެސް އަަންހެން ޓީމަށެވެ. އޭރު ކިޔާޗް އާއި ރަޑޯވަންގެ އެހީތެރިކަމާ އެކު ތައްޔާރުވެ ގައުމީ އަންހެން ޓީމުން ވަނީ ބަންގްލަދޭޝްގައި އޮތް އަންހެން ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލް ހޯދައިފަ އެވެ.

އަންހެން ވޮލީ ޓީމުން ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރީ ކޯޗު އަހުމަދު އަދީލް (ބޭބެ) އާއި މުހައްމަދު ފައިސަލްގެ ބެލުމުގެ ދަށުންނެވެ. އަދި އެ ދެ ކޯޗުންގެ އިރުޝާދާ އެކު މިދިޔަ މަހު ނޭޕާލުގެ ކަތުމަންޑޫގައި ކުރިއަށްދިޔަ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވެސް ކުޅުނެވެ.

އަންހެން ވޮލީ ޓީމުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މާޗް މަހު ރާއްޖޭގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތަށެވެ. އެ މުބާރާތް ބާއްވާނެ ސީދާ ތާރީހެއް އަދި ކަނޑައަޅާފައިނުވި ނަމަވެސް މި ވަގުތަށް ދީފައިވާ ތާރީހަކީ މާޗް 22 އިން 28 ކަމަށް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އިން މައުލޫމާތު ދެ އެވެ.

ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރި ގައުމީ އަންހެން ވޮލީ ޓީމު.

ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރި ގައުމީ އަންހެން ވޮލީ ޓީމު.

އޭވީސީ މުބާރާތުގެ ތައްޔާރީތައް ގައުމީ ޓީމުން މި މަހުގެ ހަ ވަަނަ ދުވަހު ފެށީ 23 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިން ވެސް ހިމަނައިގެން ބޮޑު ސްކޮޑަކާ އެކު އެވެ.

ރަޑޯވަންގެ ބެލުމުގެ ދަށުން އަންހެން ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާއިރު، އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރަނީ ބޭބެ އާއި ދާދި ފަހުން ޕޮލިސް ކްލަބާ އެކު ގައުމީ އަންހެން ވޮލީ މުބާރާތް ކާމިޔާބުކުރި ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. ޓްރެއިނަރެއްގެ ގޮތުގައި ޓީމާ އެކު ހުރީ ކޯޗު ފައިސަލް އެވެ.

ގައުމީ އަންހެން ވޮލީ ޓީމުން ފަހަކަށް އައިސް ކުޅުނު މުބާރާތްތަކުގައި ވަނީ ރަނގަޅު ކުރިއެރުމެއް ހޯދައިފަ އެވެ. މިދިޔަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގައި ރިހި މެޑަލަކީ މިދިޔަ ފަސް އަހަރެއްހާ ދުވަހު ތެރޭގައި އެއް ޓީމެއް މާ ބޮޑު ބަދަލުތަކެއް ނުގެނެސް ކުރި މަސައްކަތުގެ ނަތީޖާކަމަށް ޓީމުގެ އޭރުގެ ކޯޗު ބޭބެ ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި އެންމެ ފަހުން އަންހެން ބައިނަލްއަގުވާމީ މުބާރާތެއް ބޭއްވީ 2017 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. އެއީ އެ ފަހަރު ޖެނުއަރީގައި މާލޭގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕް އަންހެން ވޮލީބޯޅަ މުބާރާތުގެ އޭވީސީ ކޮލިފައިން ބުރެވެ.